ވީއައިއޭއިން 13 ވަނަ ފަހަރަށް އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓް އެވޯޑް ހޯދައިފި
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ކެޓަގަރީން ލީޑިން އެއާޕޯޓުގެ ޝަރަފު 13 ވަނަ ފަހަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރޭ ހާސިލުކޮށްފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި "ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން ގާލާ ސެރެމަނީ 2026" ގައި މި އެވޯޑާ ހަވާލުވެވަޑައިގެންނެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. މި އެވޯޑަށް ވީއައިއޭއާ ވާދަކޮށްފައިވަނީ މަޑަގަސްކަރައިގެ އިވާޓޯ އިންޓަނޭޝަނަލް އެއާޕޯޓާއި ރީޔޫނިއަންގެ ރޯލަންޑް ގަރޯސް އެއާޕޯޓާއި ސީޝެލްސް އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މޮރިޝަސްގެ ސަ ސީވޫސަގުރް ރާމްގޫލަމް އިންޓަނޭޝަނަލް އެއާޕޯޓެވެ.
މި ކާމިޔާބީއާ ގުޅޭ ގޮތުން ސީއީއޯ އިބްރާހީމް ޝަރީފް ވިދާޅުވީ "މިއީ މުވައްޒަފުން ކުރި ބުރަ މަސައްކަތާއި ވީއައިއޭގެ ތަރައްގީއަށް ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ އިތުރުން ޕާޓްނަރުންގެ ފަރާތުން ލިބޭ އަގުހުރި އެއްބާރުލުމުގެ ނަތީޖާ" ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ މައި ދޮރާށީގެ ހައިށިއްޔަތުން ހިދުމަތުގެ ފެންވަރު މަތިކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭ ޒަމާނީ އެއާޕޯޓަކަށް ވީއައިއޭ ހެދުމަށް އަބަދުވެސް އިސްކަންދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއޭސީއެލުން ބުނީ މި އެވޯޑަކީ ދަތުރުވެރިންނަށް ދެވޭ ހިދުމަތާއި އެއާޕޯޓުގެ އޮޕަރޭޝަންތައް ކުރިއަރަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ. ވީއައިއޭގެ ޓާމިނަލްގެ އެކި ސަރަހައްދުތަކަށް ޒަމާނީ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށާއި، އެ ބަދަލުތަކާ އެކު ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްފަސޭހަ މާހައުލެއް ކަށަވަރުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް