ސަލާމަތީ ސަބަބުތަކަކަށްޓަކައި، މާދަމާ ފުރަން އޮތް މޯލްޑިވިއަންގެ ޖިއްދާ ފްލައިޓް ފަސްކޮށްފި
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން، މާދަމާ މާލެއިން ޖިއްދާއަށް ކުރުމަށް ޙަމަޖެހިފައިވާ އުމްރާ ފްލައިޓް ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކުރެވިފައިވާކަން ކަމަށް ބުނެފި އެވެ.
މޯލްޑިވިއަން ހިންގާ ކުންފުނިން ބުނީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އިން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށާ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި، މިހާރު އޮތް ނުރައްކަލުގެ މިންވަރަކީ ފަސިންޖަރުންގެ ސަލާމަތަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ހާލަތެއްކަމަށް ލަފާކުރެވޭ ކަމަށެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވަމުން ދިއުމުގެ ސަބަބުން، ބައެއް އެއާލައިންތަކުން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ. މީގެ އިތުރުން، ބައިނަލް އަގުވާމީ ވައިގެދަތުރުތަކާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާންތަކުން، ޖިއްދާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ހާލަތަށް ރިއާޔަތްކޮށް، 29 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހުގައި ކުރަން ހަމަޖެހިފައިވާ ޖިއްދާ ދަތުރު ފަހުގެ ތާރީޚަކަށް ވަނީ ފަސްކުރެވިފައި ކަމަށް ބުންޏެވެ. އަދި މި ނިންމުމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އާއި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދޭ ކަމަށް ވަނީ ބުނެފަ އެވެ.
“ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް އަޅުގަނޑުމެން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމެކެވެ. މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުން ބޭނުންވާ އެހީތެރިކަން ދެ މުއައްސަސާއިންވެސް ފޯރުކޮށްދޭނެއެވެ. އަދި މަސްރަހު ހަމައަކަށް އެޅި، ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، ދަތުރު ކުރާނެ އައު ތާރީޚެއް ފަސިންޖަރުންނަށް އަންގާނެ ވާހަކަ ދަންނަވަމެވެ،” އައިއޭސީގެ ބަޔާނުގައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް