ހިތަދޫ މެދު ދާއިރާ އަށް ސަރުކާރުގެ ޓިކެޓްގައި ވާދަކުރައްވާ އަޒާން— ފޮޓޯ/ ޕީއެސްއެމް
ހިތަދޫ މެދު ދާއިރާ އަށް ސަރުކާރުގެ ޓިކެޓްގައި ވާދަކުރައްވާ އަޒާން— ފޮޓޯ/ ޕީއެސްއެމް
ރިޕޯޓް 13 Mar 2024 | 17:00

ސާބިތު ކަމާއި އެކު، ހިތަދޫ މެދު ދާއިރާގެ ރައްޔިތުންނަށް އަޒާން ހާމަކޮށްދެއްވީ އޭނާގެ ތަސައްވުރާއި ސިޔާސަތުތައް

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ މެދުގައި ޕަބްލިކް ސަރވިސް މީޑިޔާގެ ފަރާތުން އިސްނަގައިގެން ބާއްވާ ބަހުސް އަކީ ގިނަ ބަޔަކު އެމީހުން ވޯޓުލާން ނިންމާ ގޮތް ނިންމުމުގައި ބަލާ ޕްރޮގްރާމަކަށް އޮންނަނީ ޒަމާނުއްސުރެ ވެފައެވެ.

ބަހުސްއެއްގެ ނަން ދެވިފައި އޮތަސް މިއީކީ ހަގީގަތުގައި ވާދަވެރި ކެންޑިޑޭޓުންނާއި ޒުވާބުކުރަން ނުވަތަ އެމީހުންނާއި ދިމާލަށް އެއްޗިހި ގޮވަން ތިމާ މޮޅު މިންވަރު ރައްޔިތުންނަށް ދައްކަން ލިބޭ ފުރުސަތެއް ވެސް ނޫނެވެ. މި ބަހުސްގެ ބޭނުމަކީ ހަގީގަތުގައި ރައްޔިތުންނަށް ތިމާ ހޮވަން ޖެހޭ ސަބަބު ކިޔައިދިނުމެވެ.

ހިތަދޫ މެދު ދާއިރާގެ ބަހުސްއަށް ބަލާއިރު، އެ ދާއިރާއަށް ކުރިމަތިލައްވާ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު އަޒާން މަރުޒޫޤް އާއި އެމްޑީޕީ ކެންޑިޑޭޓް މުޙައްމަދު ޝުޢާއުވެ.

މި ބަހުސް ފެށުމުގެ ގޮތުން ކޮންމެ ކެންޑިޑޭޓަކަށް ތައާރަފްވުމަށް އެރުވި އެއް މިނެޓު ނުވަތަ ފަސްދޮޅަސް ސިކުންތުގައި ސުރުޚީގައި ލިޔެފައިވާ ލިޔުންކޮޅުގެ ހަގީގަތާއި މެދު ކިޔުންތެރިން ދެބަސްވާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

ބަހުސް ފެށުމުގެ ގޮތުން ޖޯޝާއި ފޯރީގައި އެމްޑީޕީގެ ކެންޑިޑޭޓް ޝުއާއު ފެއްޓެވީ އޭނާ އަކީ ހުރިހާ ރައްޔިތުންގެ އެކުވެރިއެއްގެ ގޮތުގައި ވިދާޅުވަމުން ދެއްވި ތައާރަފެކެވެ. އަމިއްލަ ނަންވެސް ގެންނެވީ އޭގެ ފަހަށެވެ. ދެން މިސްރާބު ނެންގެވީ، ވާދަވެރި ކެންޑިޑޭޓް އަޒާން އަށް ބަހުގެ ހަމަލާތައް ރައްދުކުރުމަށެވެ. މިކަން މޮޅުކަމެއްގެ ގޮތުގައި ކުރައްވާ ނިންމާލިއިރު ހަގީގަތުގައި ވެސް ޝުއާއު އާއި ބެހޭ ގޮތުން ރައްޔިތުން އެނގެން ބޭނުންވާނެ މުހިއްމު މައުލޫމާތު ތަކެއް ހާމައެއް ނުކުރެވިއެވެ. މިސާލަކަށް މެދު ދާއިރާގެ ރައްޔިތުން އަޑުއަހަން ބޭނުންވާނެ މުހިއްމު މައުލޫމާތު ކަމަށްވާ ޝުއާއުގެ ތައުލީމީ ފެންވަރަކީ ކޮބައިކަމެއް ވެސް ވިދާޅެއް ނުވިއެވެ. ޝުއާއުއަށް މުހިއްމު ވެވަޑައިގެންނެވީ އޭނާ އައްޑޫގެ ޑެޕިއުޓީ މޭޔަރު ކަމުގައި ހުރި ކަން އިއުލާން ކުރައްވާ އެތަނުގައި ކުރެއްވި މަސައްކަތެވެ. ކުރުގޮތަކަށް ބުނާނަމަ ޝުއާއު ވިދާޅުވީ، އޭނާ ކައުންސިލުގައި ހުރެ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާފައި، އަނެއްކާ ވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވުމަށް ނިކުންނެވީ ކަމަށެވެ. މަޖިލިސް މެޓީރިއަލް އެއް ކަމަށް ރައްޔިތުންނަށް އޭނާއަކަށް ވިދާޅެއް ނުވެވުނެއެވެ. ސިޔާސަތެއް ގެންގުޅުއްވާ ކަމެއް ވެސް ޝުއާއު ހާމައެއް ނުކުރައްވައެވެ.

ބަހުސްގައި ތައާރަފްވުމަށް އަޒާން އަށް ލިބުނު ފުރުސަތުގައި އޭނާ ފެއްޓެވީ ވެސް އައްޑޫ ބަހުރުވައިންނެވެ. އައްޑޫ ބަހުރުވައިން ރަސްމީ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުން އައްޑޫ ކޮންމެ މީހަކަށް އަންނަ [ވަތަނީ ޖޯޝު] ގެނުވަމުންނެވެ. ތައުލީމީ ހަޔާތުގެ މައުލޫމާތު ހިއްސަކުރެއްވިއިރު އަޒާން އަކީ ބައިނަލްއަޤްވާމީ ޚާރިޖީ ގުޅުމުގެ ދާއިރާއިން މަތީ ތައުލީމް ޙާސިލްކޮށްގެން ހުންނެވި ފަރާތެއްކަން ސާފުކޮށްދެއްވިއެވެ.

ތައާރަފްގައި އަޒާން އިތުރަށް އޭނާ މަޖިލީހަށް ކުރިމަތިލެއްވީ، މި ސަރުކާރުން އައްޑޫއަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށާއި، ޖުމްލަ ގޮތެއްގައި އައްޑޫ އަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯދައި ދިނުން ކަމަށެވެ. އަދި އެއާއި އެކު އަޒާން ދެއްވި ޔަޤީންކަމަކީ ސަރުކާރުން އައްޑޫއަށް ވެފައިވާ ވައުދުތައް ނުފުއްދާނަމަ، ނުވަތަ މައްސަލަތައް ހައްލުނުވާ ނަމަ ރައްޔިތުންގެ ސަފަށް ނިކުމެ ވަކާލާތު ކުރައްވާނެ ކަމުގެ ޔަޤީންކަމެވެ.

އިތުރަށް އަޒާން ވިދާޅުވީ އޭނާ ކެމްޕެއިން ކުރައްވަނީ މެންބަރުން ޖަވާބުދާރީކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދިނުމަށްޓަކައި އޭނާ ވަކާލާތުކުރައްވާ ކަމަށާއި އެފަދައިން ވަކާލާތުކުރަނީ (ދެ ކެންޑިޑޭޓުންގެ ތެރެއިން) ހަމައެކަނި އޭނާ ކަމަށެވެ. އަޒާންގެ ކެމްޕެއިންގައި ތަފާތު ސިޔާސީ ފިކުރުގެ މީހުން ހަރަކާތްތެރިވާ ފަދައިން އޭނާ މަޖިލީހަށް ހޮވިއްޖެ ނަމަވެސް މަސައްކަތް ކުރާނީ ހުރިހާ ސިޔާސީ ފިކުރެއްގެ ރައްޔިތުންނާއި އެކު ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.

ބަހުސްގެ ފުރަތަމަ ސުވާލަކަށްވީ ދާއިރާގެ ރައްޔިތުން އެ ކެންޑިޑޭޓަކު އިންތިޚާބުކުރަންވީ އެ ކެންޑިޑޭޓުގެ ކިބައިގައި ހުރި ކޮން ކޮލިޓީއަކުން ކަން އޮޅުން ފިލުވުމަށެވެ.

މި ސުވާލުގެ ޖަވާބަށް ބަލާއިރު، އަޒާން ވިދާޅުވީ އޭނާ އަކީ ތަފާތު ސިޔާސީ ފިކުރުގެ މީހުންނާއި އެކު ވެސް މަސައްކަތް ކުރެވޭނެ ކެންޑިޑޭޓް ކަމަށެވެ. އަދި ސިޔާސަތުތަކާއި އެކު މިތަނަށް އައިސް ކެމްޕެއިން ކުރާ ހަމައެކަނި ކެންޑިޑޭޓް. މަގާމުގެ ނާޖައިޒު މަންފާ ހޯދާ ކަމަށް ނުވަތަ ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރެވިފައި ނެތް ހަމައެކަނި ކެންޑިޑޭޓް ކަމަށެވެ. ރައްޔިތުންނަށް މަޖިލިސް މެންބަރުން ޖަވާބުދާރީ ކުރުވަން ފުރުސަތު ހޯދަދޭން ވަކާލާތު ކުރައްވާ ހަމައެކަނި ކެންޑިޑޭޓް ކަމަށެވެ. އަދި މަޖިލީހަށް ހޮވިއްޖެ ނަމަ ވަކާލާތު ކުރާނީ އިސްކުރާނީ ރައްޔިތުންގެ މަސްލަޙަތު ކަމަށެވެ. އަދި މާޒީގައި ވެސް މަސައްކަތް ކުރެއްވީ ސަރުކާރުތަކާއި ބާރުވެރި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށާއި އަޑެއް ނެތް މީހުންގެ އަޑު އިއްވައިދިނުމަށް ކަމަށެވެ.

ޝުއާއުއަށް ލިބުނު ފުރުސަތުގައި އަނެއްކާވެސް އޭނާ އަކީ ޑެޕިއުޓީ މޭޔަރުކަން ހަނދާންކޮށްދެމުން، ވިދާޅުވީ މެދު ދާއިރާގެ ރައްޔިތުން އެނގިވަޑައިގަންނަވާ ކަމަށާއި ފާއިތުވި 3 އަހަރު ދުވަހު ވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވި ކަމަށެވެ. ދެން ޝުއާއު ވިދާޅުވި ބަސްފުޅުން ވިދާޅުވާން އުޅުއްވި އެއްޗެއް ދޭހަވާން އުނދަގޫ ވި ނަމަވެސް، ޝުއާއު ވިދާޅުވާން އުޅުއްވީ ކުރީގެ (އެމްޑީޕީ) ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރެއްވި ކަމަށާއި އަދި ހަމައެގޮތަށް މި ސަރުކާރު ޖަވާބުދާރީ ކުރަން ވެސް މިހުރީ ނިކުމެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ޝުއާއު ވިދާޅުވި އެއްވާހަކަ އަކީ، ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ.

ޖުމްލަގޮތެއްގައި މުޅި ބަހުސް އިން ވެސް ފާހަގަވެގެން ދިޔަ ކަމަކީ، އަޒާން ވަރަށް ހަމަޖެހިލައިގެން ހުރެ ސުވާލުތަކަށް ޖަވާބުދެމުން ގެންދިޔައީ އޭނާގެ ސިޔާސަތުތަކާއި ތަސައްވުރު ހާމަކުރައްވަމުން ކަމެވެ. އެކަންކަމަކީ އޭނާގެ ކެމްޕެއިންގެ އެކި އިވެންޓްތަކުގައި ވެސް ތަފްސީލުކުރައްވައިފައިވާ ކަންކަމެވެ.

އެހެންނަމަވެސް މުޅި ބަހުސް ނިމިގެން ދިޔައިރު [އަޅުގަނޑާއި މެދު ޝައްކުނުކުރައްވާ] ތަކުރާރު ކުރެއްވި ނަމަވެސް ޝުއާއުގެ ފަރާތުން އޭނާގެ އެއްވެސް ސިޔާސަތެއް ރައްޔިތުންނަށް ތިލަކުރައްވައިފައި ނުވެއެވެ.ރައްޔިތުން ގާތުގައި ތިމަންނާ އަކީ [އެންމެންގެ ޝުއާއު] ކަމަށް ވިދާޅުވެ އަދި [މިސްރާބު ހަމަމަގަށް އަޅުވަން] ޝިއާރެއްގެ ފަހަތުގައި ކެމްޕެއިން ކުރެއްވި ނަމަވެސް، މިއަދާއި ހަމައަށް ވެސް ޝުއާއުގެ ސިޔާސަތެއް ނުވަތަ ތަސައްވުރެއް ވެސް ރައްޔިތުންނަށް ހާމަކޮށްދެއްވައިފައި ނުވެއެވެ.

މަޖިލީހުގެ ބަހުސްގައި އަޒާން ވިދާޅުވި ފަދައިން، ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ސިޔާސަތުތަކާއި އެކު ކުރިމަތިލި ހަމައެކަނި ކެންޑިޑޭޓަކީ އޭނާއެވެ. އެ ހަގީގަތާއި ޚުދު ޝުއާއު ވެސް ޕީއެސްއެމްގެ ބަހުސް ނިމިގެން ދިޔައިރު ވެސް އަދި އޭގެ ފަހުން މިއަދާއި ހަމައަށް ވެސް ދެބަސްވެފައި ނުވެއެވެ.

ސުވާލު: މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި ތިޔަ ދާއިރާގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯޢްދަވާނެ ގޮތަކީ ކޮބައިތޯ؟

މަ މަޖިލިސް ކެމްޕެއިން އެއި ވަކާލަތު ކެރަމުން މިއެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވޭ ބާކިންނައް ހަދާއް، އެސިޔާސަތު ހިފަގެން ކެމްޕެއިން ކުރާ ހަމައެކަނި ކެންޑިޑޭޓަކީ އަވަ.

މިކޯ މިއޮންނެ ގޮތަކީ ރައްޔިތުންގެ މަޖިލީހެ މެންބަރުންގެ ބަސް ހޯދާއް ޖެހެނީ އެމީހަކާގެ ހެޔޮފުޅުކަމުން. އެކަމަކި އެކަން ބަދަލުވޭއް ތެބެޖެހެއި. އޭ ގާނޫނަކުން  ލާޒިމް ކެރާއްޖެހޭ ކަމައް.

ރައްޔިތުންގެ މަޖިލީހެ މެންބަރުން ބޭނުންވިޔަސް ނިވިޔަސް ދާއިރާއި ރައްޔިތުންނާއި ބައްދަލަކޮށް އެވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދާއް ޖެހެއި. މަވަކާލާތު މިކެރަނީ އެކަމަށް ޚާއްސަ ޤާނޫނައް އެކުލަވާއް.

އެހެންވީމެއި ރައްޔިތުންގެ މަޖިލީހެ މެންބަރުންގެ އަމެއްލެ އިޚްތިޔާރައް އެކަން ދޫނިކޮށް ގާނޫނަކުން އެކަން ލާޒިމްކެރާއް. އަވަ ވަކާލާތު ކެރާށުން

މިކެމްޕެއިން އެއި އެތެރެ އެކަމައް ވަކާލާތު މިކެރަނީ މިދާއިރާއި ގިނަ އަދަދެއްގެ ރައްޔިތުންނާއި ބައްދަލަކޮށް ރައްޔިތުންނާއި ބައްދަލަކޮށް އެރައްޔިތުންނަސް ބޭނުންވޭ ގޮތަކީ އޭކަން އެ ރައްޔިތުން މައް ބެނައި ދެރެފެއި ހިންނެހެދީ

ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަގެން މަ ކެމްޕެއިންގެ ސިޔާސަތަސް އެކުލަވަފެއި މިކޯ އޮންނެނެއި. އިރާދަކުރެއްވިފެހޭ މަ މަޖިލީހައް ހޮވެނަސް މަ މަސައްކަތް ކެރާނެއި އެގޮތައް. ޝުކުރިއްޔާ!

ޝުއާއު

އެއްވެސް އިންސާނަކީ ހުރިހާ ކަމެއްގެ އިލްމާއި ހިލްމު ހުންނާނެ މީހެއް ނޫން.

މަޝްވަރާކޮށްގެން ޚިޔާލު ހޯދައިގެން ކަންކަން ކުރުމަކީ އަޅުގަނޑު ކަންކަން ކުރާނެ ގޮތް.

އެކަން ކުރަން އަޅުގަނޑު އިޚްތިޔާރު ކުރާނީ ޑިޖިޓަލް ޕްލެޓްފޯމްތައް. އަދި ވަކި ވަކި ޚާއްސަ މައްސަލަތަކުގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ޚާއްސަ މައްސަލަތަކުގައި. ވަކި ވަކި ފޯކަސް ގްރޫޕްތަކާއި އެކު ޑިސްކަޝަން މީޓިންގތަކެއް އަޅުގަނޑު ބާއްވާނަން އައްޑޫ ސިޓީގައި.

މަހަކު އެއްފަހަރު ދާއިރާއަށް ޒިޔާރަތްކުރުމަށް މަޖިލިސް ގަވާއިދަށް އިސްލާހުކުރަން ޖެހިއްޖެ ހާލަތެއްގައި އެ އިސްލާހުކޮށްގެން އަދި އެ އިސްލާހު ނުކުރެވިއްޖެ ޙާލަތެއްގައި ވެސް އަޅުގަނޑު ތި ރައްޔިތުންނަށް މި ދެއްވާ ވައުދަކީ  މަހަކު އެއްފަހަރު ތި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އަޅުގަނޑު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނަން.

ބަޖެޓް ތައްޔާރުކުރުމުގައި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ރައްޔިތުންނާޢި މަޝްވަރާ ކުރުމުގައި އަޅުގަނޑު ބައިވެރިވާނަން.

ފާއިތުވި 3 އަހަރު ދުވަހު އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ ހައިސިއްޔަތުން ތަރައްގީއައް އޮތް އެންމެ ބޮޑު ހުރަހަކީ އައްޑޫ ސިޓީ ކައުންސިލުން ތައްޔާރުކުރާ ބަޖެޓާއި މަޖިލީހުން ތައްޔާރުކުރާ ބަޖެޓާއި ފުށު އެރުންތަކާއި މިކަހަލަ މައްސަލަތަކާއި ގުޅިގެން އަޅުގަނޑުމެންގެ ރިސޯސަސް ޑުޕްލިކޭޓްވެ ކަންކަން މެދުވެރިވަމުންދާތީ އެކަން ކަމަށް ހައްލު ހޯދައި ދިނުމަށް އައްޑޫ ސިޓީ ކައުންސިލާއި އެންމެ ގާތް ގުޅުމެއް އޮތީ އަޅުގަނޑާއި ކަމަށް ވާތީ އެ މަސައްކަތް ވެސް ކުރާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫން.

ސުވާލު: މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި ތިޔަ ދާއިރާގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯޢްދަވާނެ ގޮތަކީ ކޮބައިތޯ؟

މި ސުވާލުގެ ޖަވާބަށް ދެ ކެންޑިޑޭޓުން ދިން ޖަވާބުން އަހަންނަށް ފާހަގަވީ

އަޒާނު ގަބޫލުކުރާކަން މަޖިލިސް މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީވުމަކީ ގާނޫނުން ލާޒިމްކުރާކަމަކަށް ހަދަން.

މަޖިލިސް މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީވުމަކީ ގާނޫނުން ލާޒިމްކަމަކަށް ހަދަން އަޒާން މަޖިލީހުގައި މަސައްކަތް ކުރާނެ ކަން.

ސިޔާސަތު އެކުލަވާލަން ރައްޔިތުންނާއި މަޝްވަރާކުރިކަން.

ޝުއާއު ރައްޔިތުންގެ ޚިޔާލު ހޯދާނެ ކަމަށް ބުނި ނަމަވެސް ޝުއާއުގެ ވިސްނުން ހުރީ ރައްޔިތުންނަށް ޖަވާބުދާރީ ވުމަކީ އޮޕްޝަނަލް ކަމެއްގެ ގޮތުގައި ބާއްވަން ކަން.

މަޖިލީހުގެ ޖަލްސާތައް އާއްމުކޮށް ބާއްވަނީ ހަފްތާއަކު 3 ދުވަހު ކަމަށް ވާއިރު، މަހަކު އެއްފަހަރު ދާއިރާއަށް ދާން މަޖިލިސް ގަވާއިދު އިސްލާހުކުރަން ނުޖެހޭކަން ޝުއާއު އަށް އޮޅިފައި އޮތްކަން.

ބަޖެޓް ފާސްކުރުމުގައި މަޖިލީހުގެ ދައުރު ޝުއާއު އަށް އެނގިފައި ނުވުން

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގައި ދަނޑުވެރިންގެ ދުވަސް ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރަނީ
08 Oct 2026 ހަބަރު

އައްޑޫ ސިޓީގައި ދަނޑުވެރިންގެ ދުވަސް ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރަނީ

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް އައްޑޫ ސިޓީގައި ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރުމަށް އައްޑޫ މީދޫ ކައުންސިލުން ނިންމައިފިއެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދު...

34 ހާހަށް ގަންނަން ލިބޭ އެއްޗެ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން 1.7 މިލިއަން ރުފިޔާއަށް ގަތް މައްސަލައެއް
05 Oct 2026 ހަބަރު

34 ހާހަށް ގަންނަން ލިބޭ އެއްޗެ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން 1.7 މިލިއަން ރުފިޔާއަށް ގަތް މައްސަލައެއް

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށް 34 ހާސް ރުފިޔާއަށް ގަނެވެން އޮތް މައިކްރޯޕައިޕެޓް ޓިޕްސްތަކެއް އެތައް ގުނަ އަގުބޮޑުކޮށް ގަނެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނ...

ރައީސް ޔާމީން އައްޑޫއަށް ވަޑައިގެންފި
02 Oct 2026 ހަބަރު

ރައީސް ޔާމީން އައްޑޫއަށް ވަޑައިގެންފި

ކުރީގެ ރައީސް ޢަބްދުالله ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ. ރައީސް ޔާމީން އައްޑޫއަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ޕީއެންއެފްގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށެވެ. އެމަނިކުފާނަށް މަރުހަބާ ދ...

އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
25 Sep 2026 ހަބަރު

އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަންއުޅުނު ތިންކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހުން ހައްޔަރުކޮށްފި އެވެ. އެ މީހުންގެ ތެރެއިން ދެ މީހުން ހައްޔަރުކޮށްފައި...

އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
24 Sep 2026 ހަބަރު

އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި

އައްޑޫ ސިޓީގެ ލިންކް ރޯޑް އަލުން ތަރައްގީކުރުމުގެ މަޝްރޫއު ކުންފުންޏަކާއި ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލު...

ވިއްސާރައިގައި އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
13 Sep 2026 ހަބަރު

ވިއްސާރައިގައި އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ

އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވު...