ޤަލަމްގެ އީދު އުފާ؛ ދަނގެތީން މުޅި ރާއްޖެއަށް މި ދައްކައިދިނީ ހެޔޮ ނަމޫނާއެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މި އަހަރުގެ ބޮޑު އީދުގެ ފޯރި މުޅި ރާއްޖޭގައިވެސް ވަރަށް ގަދަ އެވެ. އެކި ރަށްރަށުގައި އެކި މިންވަރަށެވެ. އީދުގެ އުފާ ފާޅު ކުރުމަށް ތަފާތު އެކި ހަރަކާތްތައް އޮތެވެ. އީދުގެ ފޯރި ރަށްރަށުގައި ކިތަންމެ ގަދަ ނަމަވެސް އެންމެ ވިދުން ގަދަވީ އދ. ދަނގެއްޗެވެ.
އެއީ ވަރަށް ގިނަ ސަބަބުތައް ހުރުމުންނެވެ. އެންމެ ބޮޑު އެއް ސަބަބަކީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެ ރަށުގައި އީދު ފާހަގަ ކުރުމަށް "ޖަމިއްޔަތުލް ޤަލަމް" އިން އެ ރަށުގައި ހިންގި ފޯރިގަދަ ހަރަކާތްތަކެވެ. މި މުޖްތަމައުގެ ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އީދު ފާހަގަ ކުރާން ފަށައިފިނަމަ މީހުން "ފޫހި" ވެދާނެ ކަމަށެވެ. އީދުގެ ނަމުގައި ބައެއް ރަށްރަށުގައި ހިންގާ މުންކަރާތްތައް ހުއްޓާލައިފިނަމަ އީދަކީ "ފޫހި" ދުވަސްތަކަކަށް ވެދާނެ ކަމެވެ.
އެކަމަކު އެއީ ކުށް ހީއެއްކަން ޤަލަމުން ސާބިތުކޮށްދީފި އެވެ. "ފޫހި" ނުވެ ހަގީގީ މާނާގައި އީދުގެ އުފާވެރިކަން ހާސިލުވާނެ އޮތް މަގަކީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ދީނުގައި އޮތް ހަމަތަކާއި މިންގަނޑުތަކުގެ ތެރޭގައި އީދު ފާހަގަ ކުރުންކަން ދަނގެތީން ފެނުނު މަންޒަރުތަކުން މި ވަނީ ސާބިތުކޮށް ދީފަ އެވެ.
އުލްޙިޔާ ކަތިލުން
އީދު ދުވަހުގެ ފުރަތަމަ ހަރަކާތަކަށް އޮތީ ދަނގެތީ ފުޓްސަލް ދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމެވެ. އޭގެ ފަހުން އޮތީ އުލްޙިޔާ ކަތިލުމެވެ.

މީގެ ކުރީ އަހަރުތަކުގައި ގިނަ އަދަދަކަށް ބަކަރި ކަތިލީ ނަމަވެސް މި އަހަރު ކަންދިމާކުރި ގޮތުން ކަތިލާން ލިބުނީ އެންމެ އެއްޗެކެވެ. ނަމަވެސް ސުންނަތް ދިރުވުމުގެ ގޮތުން އެ ހަރަކާތް ކުރިއަށް ގެންދިޔަ އެވެ.

ދަނގެެތީގެ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު އެ ހަރަކާތުގައި ވެސް ބައިވެރިވި އެވެ. އެ ހަރަކާތުގަައި އައްޝައިހް މުޖްތަބާ ހަމީދު ވަނީ ކުޑަކުދީންނާއި ބޮޑެތި މީހުންނަށް ފަހުމްވާނެ މޭރުމުން އުލްޙިޔާ ކަތިލުމުގެ މާތް ކަމާއި އެކަމުގެ މަގްސަދާއި ބޭނުން ސާފުކޮށް ދެއްވާފަ އެވެ.

އާއިލީ ހަވީރު
އީދު ދުވަހުގެ ހަވީރު އޮތީ އާއިލީ ހަވީރެކެވެ. މިއީ އީދުގެ ވަރަށް ފޯރިގަދަ ހަރަކާތެކެވެ. ރަށުގެ ވަރަށް ގިނަ އާއިލާތަކުން އެ އާއިލާތަކުގެ ކުޑަކުދީންނާއި ދޮށީ އުމުރުގެ އެތައް ބަޔަކާ އެކު މި ހަވީރުގައި ބައިވެރިވި އެވެ.
ހަވީރު އިންތިޒާމު ކޮށްފައި އޮތީ ދަރިވަރުންގެ ތަފާތު ހުނަރުތަކާއި ސްޓޭޖް އައިޓަމްތައް ހުށައަޅާ ގޮތަށެވެ. އަދި ކުޑަކުދީން ޝައުގުވެރިވާނެ ވަރަށް ގިނަ ކުޅިވަރު ސްޓޯލްތަކާ އެކު އެވެ. އެ ކުދީންނާއި އާއިލާތައް ފޫހިވާނެ އެންމެ ވަގުތުކޮޅެއް ވެސް ނޯންނާނެ ގޮތަށެވެ.

މި ހަވީރަށް ޒިޔާރަތްކުރި ކޮންމެ ކުއްޖަކަށް ހާއްސަ އިނާމެއް ދިނެވެ. އަދި ސްޓޯލްތަކުގައިވާ ކުޅިވަރުތަކުން ކާމިޔާބު ހޯދައިގެން އިނާމު ވެސް ލިބޭ ގޮތަށެވެ.

މުޅި އީދުގައި ވެސް އެންމެ އިންތިޒާރު ކުރެވޭ ކަމަކީ ކޮންމެ ހަރަކާތެއްގައި ދޫކޮށްލާ ބޮޑެތި އިނާމުތަކެވެ. މި އަަހަރުވެސް ވަރަށް އަގުހުރި އިނާމްތައް ދޫކުރި އެވެ. އުމްރާ ދަތުރާއި ލެޕްޓޮޕާއި ގޭސް އުނދުނާއި ހިފާ ގެންގުޅޭ ސާމާނާއި ސްކޫޓަރާއި މިހެން ގޮސް ކިތަންމެ އިނާމެކެވެ.

އާއިލީ ހަވީރު ގައިވެސް މިފަދަ އެތައް އިނާމުތަކެއް ދޫކުރި އެވެ. އިނާމު ލިބޭ ކުދީންގެ މޫނު މަތީން އެ ފެންނަ އުފާވެރިކަން ބަޔާން ކޮށްދޭ ދައްޗެވެ.

ބޮޑު މަސް ބޭނުން
ބޮޑު މަސް ބޭނުމުގެ ހަރަކާތަކީ އީދާ ދިމާކޮށް ވަރަށް ގިނަ ރަށްރަށުގައި ކުޅެ އުޅޭ ކުޅިވަރެކެވެ. މިއީ ކުޑަކުދީންނާއި ބޮޑެތި މީހުން ވަރަށް ޝައުގުވެރިވާ ހަރަކާތެއް ވެސް މެ އެވެ.
ދަނގެތީގައި މިކަން ކުރަނީ އިބްރަތްތެރި މެސެޖުތަކެއް އޯޑިއެންސްއަށް ލިބޭ ގޮތަށެވެ. ދިވެހީންގެ ސަގާފަތާއި އާދަކާދަ ވެސް ދައްކުވައިދެ އެވެ. އަދި އެހާމެ މަޖާ ހެއްވާ ވާހަކަތަކާ އެކު އެވެ.

ބޮޑު މަސް ބޭނުމުގެ މި ހަރަކާތުގައި ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި އޮތް ހުރާފީ ބިދުއަވެރި އަދި ބާތިލު ވިސްނުންތަކާއި އެ ވިސްނުންތަކުން ދުރުވެ ހެޔޮ ގޮތުގައި ރިޒުގު ހޯދުމަށް މަސައްކަތް ކުުރުމުގެ މެސެޖު ދެ އެވެ. މިއީ މި ފަހަރު ދަނގެތީ އީދުން ވަރަށް ފާހަގަ ކުރެވުނު ހަރަކާތަކަށް ވި އެވެ.

ހުނަރު މުބާރާތް
މި ފަހަރުގެ އީދު ގައިވެސް ހުނަރު ދައްކާލުމުގެ މުބާރާތެއް އޮތެވެ. މި މުބާރާތް ވެސް "ޤަލަމްގެ އީދު" ގައި ފެނުނީ ތަފާތު ގޮތަކަށެވެ.
ފުރަތަމަ އޮތީ ކޮޅަށް ޖަހާފައިވާ ދިގު ދަނޑިއަކަށް އެރުމުގެ މުބާރާތެކެވެ. ދަޑީގެ ކޮޅުގައި އެކި ހިސާބުގައި ފައިސާ އެލުވާފައިވެ އެވެ. ސަތޭކައިގެ ނޫޓްތަކާއި ފައްސަތޭކައިގެ ނޫޓްތަކެވެ. އެކަމަކު ދަނޑީގެ ބޮޑު ބައިގައި އޮތީ މާޖިރީން އުނގުޅާފަ އެވެ.

އެހެން ކަމުން ދަނޑިއަށް އެރުމަކީ ފަސޭހަ ކަމަކަށް ނުވި އެވެ. އެކަމަކު ވެސް ވަރަށް ގިނަ މީހުން ފޯރީގައި އެ މުބާރާތުގައި ވާދަކުރި އެވެ. ބޮޑެތި މީހުންނާއި ކުޑަކުދީންނެވެ. އެ ރަށުގައި އުޅޭ ބޭރު ގައުމުތަކުގެ މުސްލިމުންނެވެ.
ވަރަށް ހިތްވަރާއެކު މަސައްކަތްކޮށް ދަނޑީގައި އެލުވާފައިވާ ހުރިހާ ފައިސާއެއް އެކި ބައިވެރީން ނެގި އެވެ.

ދެން އޮތީ ފިރިހެނުންނަށް ހާއްސަވި މުބާރާތެކެވެ. އެއީ އެންމެ އަވަހަށް ހުނި ރޮއްޓެއް ތައްޔާރުކޮށް ފިހެ އެ ކެއުމުގެ މުބާރާތެކެވެ.

ވަރަަށް ވާދަ އޮތެވެ. ބިދޭސީ ޓީމަކާއި ދިވެހި ދެ ޓީމެވެ. މުޅި އޯޑިއެންސް އޮތީ ތިން ބަޔަށް ބެހިފަ އެވެ. މުޅި ސަރަހައްދުން އިވެމުން ދިޔައީ ޓީމުތަކަށް ފޯރި ދިނުމުގެ އަޑެވެ.
ވާ ދެމުމުގެ މުބާރާތް
މި އަހަރުގެ އީދުގައި ވެސް ވާދެމުމުގެ މުބާރާތް އޮތެވެ. ޖޫނިއާ އަދި ސީނިއާ ބައިގެ ވާދެމުން ވަކީންނެވެ.

ކުޑަކުދީންގެ މުބާރާތް ވަކީން މަޖަލެވެ. ފޯރިގަދަ އެވެ. އެ ކުދީންނަށް ސަޕޯޓް ދިނުމަށް މައިންބަފައިން އެއްވެ އެ ދައްކައިދިން ނަމޫނާ އިން މި އީދަށް ލިބުނީ އިތުރު ފުރިހަމަ ކަމެވެ.

ބޮޑެތި މީހުންގެ ވާދެމުން އޮތީ ރޭގަނޑު އެވެ. އެހެން އަހަރުތަކަށް ވުރެ މި އަހަރު އިތުރަށް ފޯރިގަދަވި އެވެ.

އިސްރަށްވެހީންގެ ހަވީރު
ދަނގެތީ އީދު މުޅި ރާއްޖެއަށް މަޝްހޫރު ވީ "އިސްރަށްވެހީންގެ ހަވީރު" ގެ ސަބަބުން ނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެއީ މުޅިި އީދުގައި ފެނުނު އެންމެ ތަފާތު ހަރަކާތެވެ. އެންމެ ނަމޫނާ ހަރަކާތް ވެސް މެ އެވެ.

މިއީ މުޅި ދަނގެތި ބައިވެރިވާ ވަރަށް ޝަރަފުވެރި ހަރަކާތެކެވެ. އެ ރަށުގެ އުމުރުން 70 އަހަރުން މަތީގެ ރައްޔިތުންގެ އަގު ވަޒަން ކުރުމުގެ ހަވީރެކެވެ. އެ ހަރަކާތަށް އިސް ރަށްވެހީން މައިދާނަށް ގެންނަނީ ރަތް ދޫލައިގަ އެވެ. މަރުހަބާގެ ބުއިމަކަށް ފަހު މަރުހަބާ ގެ ހާއްސަ ހުށައެޅުމެކެވެ.

އަދި އިސްރަށްވެހީންގެ ގުރުބާނީގެ އަގު ވަޒަން ކުރުމާއި އީދު ހަދިޔާ ދިނުމެވެ.
މި ހަރަކާތުގެ ތެރެއިން އެ ރަށުގެ އެންމެ ހިދުމަތްތެރި ބޭފުޅުންގެ ޒިކުރާ އާ ކޮށް އެވޯޑް ދެ އެވެ. އެއީ އާއިލާތަކަށް ވަރަށް އުފާވެރި ވަގުތުކޮޅަކަށް ވެ އެވެ.

މި އަހަރުގެ ހަވީރުގައި އެންމެ ފާހަގަކޮށްލެވުނީ އިސްރަށްވެހީންނާ އެކު ކުޅިވަރު ކުޅުމަށް ހާއްސަ ކުރެވުނު ވަގުތުކޮޅެވެ. މިއީ ރަށުގެ ޒުވާން ޖީލަށް މިހާތަނަށް ފެނުނު މަންޒަރަކަށް ނުވާތީ އެންމެނަށް ވެސް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ. އާދަޔާ ހިލާފު ބޮޑު ހިތްހަމަޖެހުމެކެވެ.

އެ މީހުންގެ ކާފަ ނުވަތަ މާމަ ނޫނީ ބޮޑުބޭބެ ނުވަތަ ބޮޑުދައިތަގެ ފޮޓޯއެއް/ ވީޑިއޯކޮޅެއް ނެގޭތޯ އާއިލާތަކުން އުޅުނު މަންޒަރަކީ ކޮންފަދަ ހިތްގައިމު އުފާވެރި މަންޒަރެއް ހެއްޔެވެ.
މަސް ރޭސް
އީދާ ދިމާކޮށް ކޮންމެ އަހަރަކު މި ރަށުގައި މަސްރޭސް އޮވެ އެވެ. މި އަހަރަކީ މި މުބާރާތުގެ ފޯރި ވެސް އެންމެ ގަދަ އަހަރެވެ.

ރަށުގެ އެކި އުމުރުގެ މީހުން ބައިވެރިވެ ތަފާތު ނަން ނަމުގައި ޓީމުތައް ހަދައިގެން ވާދަކުރި އެވެ. އެ ރަށުގައި ވަޒީފާ އަދާކުރާ މީހުންނާއި އީދަށް ރަށަށް އައި ބައެއް މީހުން ވެސް ޓީމުތަކުގައި ހިމެނެ އެވެ.

ޓީމުތައް މަހަށް ފުރީ މަސްރޭސް އޮތް ދުވަހުގެ ހަވީރު 4:30 ގަ އެވެ. މަހުން ލަފައި މައިދާނަށް އަންނަން އޮތް ގަޑިއަކީ އެ ރޭ 9:30 ގަ އެވެ. ގަޑިޖެހުނުއިރު ހުރިހާ ޓީމުތައް ވެސް ހާޒިރުވި އެވެ. ހުރިހާ ޓީމުތައް ވެސް ވަރަށް މަސް ބެ އެވެ.

މުބާރާތުން ވަނަވަނައަށް އައި ޓީމުތަކަށް ފައިސާގެ އިނާމް ދިނުން އޮތެވެ. އެންމެ ގިނައިން މަސް ބޭނި ޓީމާއި އެންމެ ގިނަ މަސް ބޭނި ކެޔޮޅާއި އެންމެ ބަރު މަސް ބޭނި ކެޔޮޅު ހޮވުން ވެސް އޮތެވެ.
ރަނިރަހަ މުބާރާތް
މިއީ އަންހެންވެރީންނަށް ހާއްސަ ކެއްކުމުގެ މުބާރާތެކެވެ.
މި އަހަރުގެ މުބާރާތުގައި ފަސް ޓީމަކުން ވާދަކުރި އެވެ. ތިން ވައްތަރެއްގެ ކާތަކެތި ތައްޔާރު ކުރަން ޖެހެ އެވެ. ޓީމުތަކުން ވަރަށް ފުރިހަމައަށް އެ މަސައްކަތް ނިންމި އެވެ.

ކެއްކުން އޮތީ ވަގުތުން ކުރިއަށް ގެންދާ ގޮތަށެވެ. މި އަހަރުގެ މުބާރާތަށް އިންސާފު ކުރީ ޕްރޮފެޝަނަލް ޝެފުންނެވެ. ރިސޯޓްތަކުގެ ސެފުންނެވެ.

މި މުބާރާތް ވެސް ކުރިއަށް ގެންދިޔައީ ވަނަވަނައަށް އަންނަ ޓީމުތަކަށް ފައިސާގެ އިނާމު ލިބޭ ގޮތަށެވެ. މުބާރާތުގެ ނަތީޖާ އިއުލާނު ކުރާ ވަގުތަކީ މުޅި ރައްޔިތުން ޖަމާވެ ވަރަށް އިންތިޒާރު ކުރާ އުފާވެރި މަޖާ ވަގުތުކޮޅެކެވެ.
ރައްޔިތުންގެ ބާބެކިއު (ރައްޔިތުންގެ ޖާފަތް)
އީދުގެ ހަރަކާތްތައް ނިންމުމުގެ ގޮތުން އޮތީ ރައްޔިތުންގެ ބާބެކިއު އެވެ. ނުވަތަ ރައްޔިތުންގެ ޖާފަތެކެވެ. މިއީ ރަށުގެ ހުރިހާ އެންމެނާ އަދި އީދަށް އައި ތިބި އެންމެނަށް ހުޅުވާލައިގެންް ބޭއްވި ޖާފަތެކެވެ.

މަސްރޭހުން ބޭނި މަސްތައް ފިހެ ބާބެކިއު ހަދާފައިވެ އެވެ. ކާނެ ތަކެއްޗާއި ބޯނެ ތަކެތި ތައްޔާރު ކޮށްފައިވެ އެވެ. ރަށުގެ ހުރިހާ ރައްޔިތުން, ކުދިބޮޑު އެންމެން އެއް މައިދާނެއްގައި އެކުގައި ކެއުމަކަށް އިންސާފު ކުރުމަކީ ކޮންފަދަ އުފަލެއް ހެއްޔެވެ.

މިއިން ކޮންމެ ހަރަކާތެއް ވެސް ބޮޑު އިނާމުތައް ދިނުން އޮތެވެ. ފަހު ރޭ ކަމުން މި ފަހަރުގެ އީދުގެ އެންމެ ބޮޑު އިނާމް -- އުމްރާ ދަތުރުގެ ހައްގުވެރިޔާ ހޮވި އެވެ. މި ފަހަރު އުމްރާ ދަތުރު ލިބުނީ އުމުުރުން 19 އަހަރުގެ ޒުވާނަކަށެވެ.

ބޮޑު އިނާމުގެ ގޮތުގައި ދޫކުރި އެތައް އިނާމެއް މި ރަށަށް އީދަށް އައި އެތައް ބަޔަކަށް ވެސް ލިބުނެވެ. ޑޮކްޓަރަށް ދައްކައިލާން އައިސް ތިބި މީހުންނަށް ވެސް ލިބުނެވެ. އެފަދަ މީހުންނަށް އެއް ދޮނުގައި ދެބުޅި ޖެހުނީ އެވެ. އީދުގެ އުފާލިބި ރަނގަޅު އިނާމެއް ވެސް ލިބުނީ އެވެ.
ރާއްޖެއަށް ނަމޫނާއެއް, ރީތި މަންޒަރެއް, ފުރިހަމަ އަހްލާގެއް
ދަނގެތީގައި އީދުގެ ފޯރިގަދަ އެވެ. ފޫހި ނުވާނެ ވަރަށް ކުޅިވަރުތައް އޮތެވެ. ހަރަކާތްތައް އޮތެވެ. ފިސާރި މަޖާ ނެގި އެވެ.
އެކަމަކު ގިނަ ރަށްތަކާއި މުޅީން ތަފާތެވެ. ހުރިހާ ހަރަކާތެއް, މަޖަލެއް, ކުޅިވަރެއް ވެސް އޮތީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށެވެ. ކުޅިވަރުގެ މައިދާނުން ފެނުނީ ރީތި މަންޒަރެކެވެ. ފުރިހަމަ އަހްލާގެކެވެ.
އަންހެންނާއި ކުޑަކުދީން ވަކީންނެވެ. ފިިރިހެނުން ވަކީންނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަމެއް ނުހިންގަ އެވެ. ހަމަނުޖެހުމާއި ހިޔާލުތަފާތުވުމެއް އަމުދުން ނެތް މުޖްތަމައު އެކެވެ.
މި ހުރިހާ ކަމަކާއެކު ޖަމިއްޔަތުލް ޤަލަމުން އެ ރަށުގެ މުއައްސަސާތަކާއި ގުޅިގެން ރައްޔިތުންގެ ބައިވެރިވުމާއެކު ދަނގެތީގައި ބޭއްވި "ބީއެމްއެލް އިސްލާމިކް އީދު އުފާ 1446" މިއީ މުޅި ރާއްޖެއަށް ނަމޫނާ ހަރަކާތަކަށް ވަނީ ވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް