މަޖިލިސް ޖަލްސާ
މަޖިލިސް ޖަލްސާ
ރިޕޯޓް 06 Feb 2024 | 06:10

މަޖިލިސް ރައީސް އަސްލަމްގެ އިންޒާރުގެ ފަހަތުގައިވަނީ ކޮންކަމެއް؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުގައި މިއީ ވަރަށް އާ އަދި އާދަޔާއި ޚިލާފް ނިންމުމެކެވެ.

ރައްޔިތުން ވޯޓުދީގެން އެމީހުންގެ ރައީސަކު އިންތިޚާބު ކޮށް އެރައީސުލްޖުމްހޫރިއްޔާއަށް އަދި ރިޔާސީ ގަނޑުވަރަށް ވެދެވަޑައިނުގެންނެވިގެން އުޅުއްވަނިކޮށް ރައްޔިތުންގެ މަޖިލީހުގެތެރެއިން އެމަނިކުފާނު ވަކިކޮށް ރައްޔިތުންގެ ނިންމުމަށް ޗެލެންޖު ކުރުމެވެ.

އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮވެ، އުމުރު ހުސްވަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިންމައިގެން އެތިބީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ބަދަލުގައި ރައްޔިތުން ހޮވި އާ ރައީސް ކޮންމެ ވެރިކަމުން ވައްޓައިލުމަށެވެ.

އިއްޔެ ރައީސް ޑޮކްޓަރ މުއިއްޒު އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވިއިރު  އެމްޑީޕީގެ މެންބަރުން ތިއްބެވީ ދުރާލައި ރާވައިގެން މަޖިލިސްގެ ޖަލްސާ ބޮއިކޮޓްކޮށްގެންނެވެ.

ރިޔާސީ ބަޔާނަށް ހުރަސްއެޅުމަކީ އެމްޑީޕީން އަލަށް ކުރާ ކަމެއް ނޫނެވެ. ރައީސް މުހައްމަދު ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި އެޕާޓީން ރައްޔިތުންގެ މަޖިލިސްތެރޭގައި ހިންގާފައިވާ ވަޔަލެންޓް ހަރަކާތްތަކަކީ ދިވެހިންނަށް ފެނިފަރިތަވެފައިވާ ކަމެކެވެ.

އިއްޔެ ދެއްކީ ކުޑަކޮށް ތަފާތު މަންޒަރެކެވެ. ރައީސް މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން ނިންމަވާލެއްވުމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ދެއްވެވީ އިންޒާރެކެވެ. ރައީސް މުއިއްޒު އެމަނިކުފާނު ރިޔާސީ ބަޔާން ނިންމަވާލައްވާފައި ވަޑައިގެން އަސްލަމާއި ދާދި ކައިރީގައި ހުރި ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުމުން އަސްލަމް ވިދާޅުވީ ދައުލަތުގެ އެއްބާރުން އަނެއް ބާރަށް ބާރު ހުރިވަރު ދައްކައިގެން ލިބޭނެ މޮޅެއް ނޯންނާނެކަމަށެވެ. މާނައަކީ ދައުލަތް ހިންގުމުގެ ތިން ބާރުގެތެރެއިން ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ އަދި ކުރާން އުޅޭ ކަންތައްތަކާއި ވެރިކަން ހިންގުމުގެ ބާރުން ނުކުޅުމަށެވެ.

އަސްލަމްގެ މިއިންޒާރު އައިސްފައިމިވަނީ އެމަނިކުފާނުގެ ޕާޓީން އިސް ނަގައިގެން ރައީސް މުއިއްޒު ވެރިކަމުން އަޒުލުކުރުމަށް މެންބަރުން ލައްވައި ސޮއި ހަމަކޮށްގެން ހުށަހަޅަން ތައްޔާރުވެފައިވާކަން ހާމަކޮށްފައިވަނިކޮށެވެ. ވަގުތުބަލާފައި މިމައްސަލަ މަޖިލީހުގެތެރޭގައި ހިންގައިލާނޭކަމަށް އެޕާޓީން އޮތީ އިއުލާންކޮށްފައެވެ.

ގާތްގަޑަކަށް ޔަގީން ކުރެވިފައިވާ ގޮތުން އެޕާޓީން މިކުރަން އުޅޭ ކަންތަކަށް އެޕާޓީގެ އައިޑިއޮލޮޖީގެތެރެއިން ނުކުތް ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްއިން ތާއީދު ކުރާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް މިވިދާޅުވަނީ ރައީސުލް ޖުމްހޫރިއްޔާ އަޒުލުކުރުމުގެ ބާރު ގާނޫން އަސާސީގައި ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވުމާއެކު އެއީ މަޖިލީހަށް ލިބިގެންވާ ބާރަކަށްވާތީ އެބާރާއި ނުކުޅެވޭނެ ކަމަށެވެ. މަޖިލީހުން ނިންމަން އުޅޭ ނިންމުމާއި ރައީސް ދެކޮޅު ހައްދަވައިގެން ލިބިވަޑައިގަންނަވާނެ "ހެވެއް މޮޅެއް ނޯންނާނެ " ކަމަށެވެ.

ރައީސް ވެރިކަމުން އަޒުލުކުރުމުގެ ދުވަސްތޫރީ ހަމައަކީ ކޮބާ؟

ރާއްޖޭގެ ދުސްތޫރީ ހަޔާތުގެ ތާރީޚީ ކަމަކަށް މިކަންވަނީ ދުސްތޫރުގެ ހަމަތަކަށް ބެލުމެއްނެތި ހަމަ ތިބެފައި ސަރުކާރު ވަށްޓާލަނީއޭ ބުނެފައި ރައްޔިތުންގެ މަޖިލީހަށް ވަދެ ގޮނޑީގައި އިށީނދެވަޑައިގެންފައި ފިތަކަށް ފިތާލައިގެން ސަރުކާރު ވެއްޓުނީކަމަށް ނިންމުމެވެ.

ރައްޔިތުންނަށް މިކަންބޮޑުވެގެން އުޅެނީ އެއްވެސް ހަމައެއް ލަމައެއްނެތި ރައްޔިތުން ނިންމާފައިވާ ނިންމުމެއް ބޮލާލައި ޖަހާފައި އެރައްޔިތުންގެ ބޮޑު ހައްގަކަށް އަރައިގަންނަނީކަމަށް އިއުލާންކޮށްފައި ގޮސް އަރައިގަންނަން ރާވާފައިވާތީއެވެ. މިގޮތަށް ދިވެހިރާއްޖޭގައި ރައީސަކު އަޒުލުކުރަން މިހާތަނަށް އުޅެފައެއް ނެތެވެ.

އެމްޑީޕީ ޕީޖީ ގުރޫޕް

ގާނޫން އަސާސީގައި ރައީސުލްޖުމްހޫރިއްޔާ ކަމުގައި މީހެއްގެ ކިބައިގައި ހުންނަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޝަރުތެއް އުނިވެގެން އުޅެނީއަކީ ނޫނެވެ. ގާނޫން އަސާސީގެ ހުރުމަތް ކަނޑައި އެގާނޫން އަސާސީއާއި ޚިލާފް ކަންތައްތަކެއް ހިގައިގެން އުޅެނީއަކީއެއްވެސް ނޫނެވެ. ފެންނަން އޮތް ހަމައެކަނި ސަބަބަކީ ވެރިކަން ގެއްލިގެން ދިޔުމުން ލިބިފައިވާ ހިތާމައާއި އައިސްފައިވާ ރުޅިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ވެރިކަމުން އަޒުލުކުރަން އުޅުމުގެ އެންމެ ހާމަކަން ބޮޑު ސަބަބަކަށް އޮތް ސަބަބަކީ އެމްޑީޕީގެ ސަރުކާރުގައި ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ބަދަލުގައި ރައީސް ޑޮކްޓަރ މުއިއްޒު ގެންގުޅުއްވަން ފެއްޓެވި ޚާރިޖީސިޔާސަތެވެ. ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމަށް ބުރޫއަރާފަދަ ދަރަޖައަކަށް އަވަށްޓެރި އިންޑިއާއަށް ބަރޯސާކޮށްފައި އޮތް އޮތުން ދޫކޮށްލައި ދިވެހިރާއްޖެއަށް މަންފާ ލިބޭ ހުރިހާ ގައުމަކާއި ގުޅުން ބަދަހިކޮށް ގިނައިން އެހީދޭ ގައުމުތަކުން ގިނައިން ހޯދުމަށް ހުޅުވާލި ހުޅުވާލުމެވެ.

ދިވެހިސަރުކާރުގެ މިއާ ޚާރިޖީ ސިޔާސަތާއި އިންޑިއާ ހިތްހަމަނުޖެހޭތީ ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް މައްސަލަތަކެއް އުފެދި ގުޅުންތަކަށް އެކަމުގެ އަސަރު ފޯރާފައިވާ މިދަނޑިވަޅުގައި އެމްޑީޕީއާއި އެޕާޓީގެ ފިލޯސަފީގައި އޮތް ޑިމޮކްރޭޓުން ބޭނުންވަނީ ރައީސް މުއިއްޒު ވެރިކަމުން އަޒުލުކޮށް އަލުން އެޕާޓީ ވެރިކަމަށް އައުމަށް އަވަސް އިންތިޚާބެއް ބާއްވަން މަގު ހުޅުވައިލުމަށެވެ.

ސްޓޭޓް އޮފް އިމަރކެންސީއެއް ހިންގައިގެން ޖައްސަންވީ ވަކި ކޮން މައްސަލައެއް؟

އެއްވެސް ސަބަބެއް ނެތަސް ރައްޔިތުންގެ މަޖިލީހުން ވޯޓްނަގައިގެން ރައީސް އަޒުލުކޮށްލީމާ ދައުލަތުގެ އެހެން ބާރުތަކުން އެނިންމުމަށް ކިޔަމަންވާންޖެހޭނެ ކަމަށް މަޖިލިސްގެ ރައީސް އަސްލަމް އިއްޔެ ދެއްވި އިންޒާރުން ދޭހަވެއެވެ.

ރައީސަކު އަޒުލުކުރެވިދާނެކަމަށް ގާނޫން އަސާސީގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިނުވަނީސް އަމިއްލަ ޒާތީ ސަބަބުތަކެއް ކުރިއަށް ނެރެގެން އަޒުލުކުރަން ރާވާ ރޭވުން މަޖިލިސްގެތެރެއިން ބަޣާވާތެއް ގެނައުން ނޫންކަމަކަށް ނުވާނެއެވެ. ގާނޫން އަސާސީގެ ބާރުތައް ކެނޑުނަނުދީ އެގާނޫން އަސާސީ ހިންގުމުގެ އެންމެ މަތީވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، މަޖިލީހުން ބޭނުންވީމާ ރައީސް ވައްޓާލަންވީއެވެ.

ޖުޑިޝަރީން ބޭނުންވީމާ ރައީސް ވައްޓާލަންވީއެވެ. ސިފައިން ބޭނުންވީމާ ސަރުކާރު ވައްޓާލަންވީއެވެ. ހިތަށް އެރީމާ ސަރުކާރު ވައްޓާލަން މިއީ ޕާކިސްތާނު ހެއްޔެވެ.

އިހަށް ދުވަހު ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް ވޯޓްދިނުމުގައި އެމްޑީޕީން އަމަލުކުރި ގޮތުންވެސް ވެރިކަން ވައްޓާލުމަށް އެޕާޓީން ފެންބޮވައިގެންފައިވާ ވަރު ދޭހަ ވެއެވެ.

ބޭނުމަކީ ސަރުކާރުން ރައްޔިތުންނަށް ދޭން އުޅޭ ޚިދުމަތްތަކަށް ހުރަސްއަޅައިގެން ސަރުކާރު ބަލިކަށިކޮށްލުމެވެ. އިސްލާމިކް މިނިސްޓަރަށް ވޯޓްނުދިނީ ހައްޖު ކޯޓާ ޖަމާއަތްތަކަށް ނުދީގެންނާއި ކޮންމެވެސް މައްސަލައެއްގެ ތުހުމަތެއް މެންބަރުންނަށް ކުރެވޭތީކަމަށް ބުންޏެވެ. ހައްޖު ކޯޓާ އަމިއްލަ ޖަމާއަތަކަށް ނުދިނުމަކީ ވަޒީރުކަން ނުދޭވަރުގެ ސަބަބެއްކަމަށްވާނަމަ ކެބިނެޓް ހިންގާނެ ގޮތް ބުނަން ޖެހޭ ފަރާތަކީ ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމަށް ހީފުޅުވަނީއެވެ.

ނަޒާހަތްތެރިކަމުގެ ދިދަހޫރުވާއިރު އެމްއެމްޕީއާރްސީގެ ބޮޑު ވައްކަމުގެ ތުހުމަތު ޕްރޮސެކިއުޓަރޖެނެރަލް ކުރައްވާފައިވާ ފަރާތްތައް ކެބިނެޓްގައި ބައިތިއްބަން ހަމަ ތިމެންބަރުން ވޯޓްދެއްވިއެވެ. ހައުސިން މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރަށް ރުހުން ނުދިން މާކަބޮޑު ސަބަބެއް ނެތެވެ. އެހެންވީމާ ރައްޔިތުންގެ މަޖިލީހަށް ގާނޫން އަސާސީން ދީފައިވާ ބާރެއް ނަހަމަގޮތުގައި ބޭނުން ކުރީއޭ ނުބުނެވޭނެތޯއެވެ.

ތިޔަހެންވެއްޖިއްޔާ ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް އޮފް އިމަރޖެންސީ ހިންގުމުން އެބާރު ބޭނުންކުރި ގޮތާއިމެދު ރައްޔިތުންގެ މަޖިލީހުންވެސް ސުވާލުކޮށްގެން ނުވާނެތާއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫން އަސާސީން ލިބިގެންވާ ބާރެކެވެ. ދުސްތޫރީ ވެރިކަމެއްގައި ދުސްތޫރީ ހާލަތެއް ކުރިމަތިނުވަނީސް ރައްޔިތުންގެ މަޖިލީހުން ވެރިކަން ވައްޓާލަން ކުރާ މަސައްކަތާއިމެދު ސުވާލު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހީފުޅުވަންޏާ ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް އޮފް އިމަރޖެންސީ ހިންގެވީމާ ސުވާލު ކުރެވެންވީ ވަކި ކީއްވެގެންހެއްޔެވެ.

އެޖެންޑާ 19ގެތެރެއިން އެމްޑީޕީން ބާރު ހޯދި 19 ވަނަ ރައްޔިތުންގެ މަޖިލިސް ފަހުނޭވާއައަށް އެޅިފައިވާ މި ކުޑަދުވަސްކޮޅެއްގެތެރޭގައި ދިވެހި ގައުމު ލައްކަ ލޮޅުމެއް އަރުވާލައި ހަލުވާލުންތަކެއް އަންނާނެކަމަށް މިފެންނަ މަންޒަރުތަކާއި ދޭ އިންޒާރުތަކުން ދޭހަވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
11 Oct 2026 ހަބަރު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދ...

އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް: ރައީސް ޑރ.މުއިއްޒު
11 Oct 2026 ހަބަރު

އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް: ރައީސް ޑރ.މުއިއްޒު

އަންހެން ދަރިންނަށްޓަކައި މިއަދު ކުރާ އިންވެސްޓްމަންޓަކީ މުޅި މުޖުތަމައުގެ ފާގަތި މުސްތަގުބަލަކަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވ...

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
10 Oct 2026 ހަބަރު

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނޮވެމްބަރު 27 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ގައުމީ މަޖިލީހުގެ އިންތިހާބާއި އެ ނޫން ވެސް ބައެއް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފ...

ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
09 Oct 2026 ރިޕޯޓް

ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟

އިއްޔެ ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައ...

ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ރައީސް ނަޝީދު
09 Oct 2026 ހަބަރު

ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ ...

ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
08 Oct 2026 ހަބަރު

ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ އެކަމުގައި ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ ...