ށ އަތޮޅުގެ ތިންވަނަ އެއާޕޯޓް ކޮމަންޑޫގައި، އަމަލީ މަަސައްކަތް ފަށައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ށ އަތޮޅުގެ ތިންވަނަ އެއާޕޯޓް ކޮމަންޑޫގައި އެޅުމަށް ނިންމާ އެ މަޝްރޫޢުގެ އަމަލީ މަަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުން އޮތީ މިއަދު ހަވީރު އެ ރަށުގަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ށ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ކޮމަންޑޫއަށް ވަޑައިގެންނެވީ މިއަދު ހަވީރު އެވެ.
އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ޖަމާވި ރައްޔިތުންނާއި ސަލާމް ކުރެއްވުމަށް ފަހު ރައީސް ވަނީ ކޮމަންޑޫގައި އެއާޕޯޓް އެޅުމަށް ނިންމާ އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ކޮމަންޑޫ އެެއާޕޯޓްގެ މަސައްކަތް ހަވާލުކޮށްފައިވާ ދިވެހީންގެ މައި އެއާޕޯޓް -- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއާ އެވެ. އެ މަޝްރޫއު އެ ކުންފުންޏާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މިނިސްޓަރު ޒަމީރު ވަނީ ކޮމަންޑޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވާފަ އެވެ.

މިއީ ށ އަތޮޅުގެ ތިންވަނަ އެއާޕޯޓެވެ. އެ އަތޮޅުގެ ފުރަތަމަ އެއާޕޯޓް އޮތީ ށ. ފުނަދޫގަ އެވެ. އެ އަތޮޅުގެ ދެވަނަ އެއާޕޯޓްގެ މަޝްރޫއު ފެށީ އިއްޔެވެ. އެއީ ށ. ބިލެތްފަހީގަ އެވެ. އެ މަޝްރޫޢު ކުރިއަށް އޮތް 30 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް