ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް
ރިޕޯޓް 30 Sep 2026 | 13:50

ސަރުކާރުގެ ސަޕޯޓަރުން ރައީސް ޔާމީނަށް ހަނދާންކޮށްދިނީ އެމަނިކުފާނު ކުރީން ދެއްކެވި މި ވާހަކަފުޅު

މި ދުވަސްވަރު އެންމެ ބޮޑަށް ކުރެވޭ ބަހުސަކީ ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫޢުއާ ގުޅޭ އެކި ވާހަކަތަކެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މި ގައުމުގައި ކުރެވޭ އެންމެ ބިޔަ އިންވެސްޓްމަންޓެވެ. ޔޫއޭއީގެ ނުފޫޒުގަދަ އަދި މުއްސަދި އެއް ކުންފުނި ކަމުގައިވާ އީގަލް ހިލްސް އިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުއާމެދު އިދިކޮޅު ފަރާތްތަކުގެ ވާހަކަ ތަފާތެވެ.

ބައެއް ސިޔާސީ ލީޑަރުންނާއި އިދިކޮޅު ޕާޓީގެ ސަޕޯޓަރުންގެ ނަޒަރުގައި މިއީ ރާއްޖޭން ބައެއް ބޭރުގެ ކުންފުންޏަކަށް ވިއްކާލުމެވެ. ދެން ދުވަހަކުވެސް އެ ބިމުގެ މިލްކުވެރިކަން ދިވެހީންނަށް ލިބުމެއް ނެތެވެ. އެއާއެކު މި ރާއްޖޭގައި އެހެން އެ ގައުމުތަކުގެ މީހުންނަށް ވަޒަންވެރިވެ ރައްޔިތުކަން ހޯދުމަށް ރަނގަޅު ނޫން ދޮރެއް ހުޅުވައިދެވެނީ އެވެ. ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުން ނިމުމަކަށް އަންނަނީ އެވެ.

ނަމަވެސް ސަރުކާރުގެ ރައްދު މުޅީން ތަފާތެވެ. ބިޔަ މި މަޝްރޫއުން ރާއްޖެއަށް އޮތީ މުޅީންވެސް ފައިދާ އެވެ. ދިވެހީންނަށް އޮތީ އުފާވެރި ކަމާއި ފާގަތި ކަމެވެ. އެތައް ހާސް ވަޒީފާއެއް އުފެދޭނެ އެވެ. ދައުލަތަށް އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީ ލިބޭނެ އެވެ. ދިވެހީންނަށް ބޯހިޔާވަހިކަން ފަހިވާނެ އެވެ. ޓޫރިޒަމްގައި ރާއްޖޭގެ ނަންބަރު އުފުލޭނެ އެވެ. މިހެންގޮސް އެތައް ކަމެކެވެ.

ރައީސް ޔާމީންގެ ބޮޑު ކަންބޮޑުވުމެއް, އުޅެނީ ބިން ވިއްކާލަން

ރަސްމާލެ މަޝްރޫޢުއާމެދު އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވާ އެއް ބޭފުޅަކީ ރައީސް ޔާމީނެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރަސްމާލޭ ބިމުން ބައެއް ވިއްކާލަނީ އެވެ. އަދި އެކަން ކުރާ މީހުންނަށް ހައްގު އަދަބު ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެކި ފަހަރު މަތީން އެކި މޭރުމުން އެމަނިކުފާނު އެ ވާހަކަފުޅު ދައްކަވައިފި އެވެ. ރައީސް ޔާމީނަކީ މިހާރު ހިނގަމުންދާ ޕީއެންސީ ސަރުކާރުގެ ކުރީގެ ބައިވެރިއެކެވެ. ޕީއެންސީގެ ފިކުރަކީ ރައީސް ޔާމީންގެވެސް ފިކުރެވެ. އެހެން ކަމުން އެމަނިކުފާނު އެހެން ވިދާޅުވުމަކީ ޕީއެންސީގެ މެންބަރުންނަށް އުނދަގޫ ކަަމަށްވެ އެވެ.

އެހެން ކަމުން ސަރުކާރުގެ ސަޕޯޓަރުން ރައީސް ޔާމީނަށް ހަނދާން ކޮށްދިނީ އެމަނިކުފާނުގެ ވެރިކަމުގައި "މަވެސް ޕީޕީއެމް" ނަމުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ދެއްކެވި ވާހަކަފުޅެވެ. ރައީސް ޔާމީންގެ ކެބިނެޓްގެ ހުރިހާ ވަޒީރުންނާއި ޕީޕީއެމްގެ އިސް ހުރިހާ ބޭފުޅުން ބައިވެރިވި އެ ހަފްލާގައި ރައީސް ޔާމީން ވަނީ ބޭރުގެ ބިޔަ އިންވެސްޓްމަންޓްތަކަށް ފުރުސަތު ފަހިކުރަން އޭރު ފާސްކުރަން މަސައްކަތް ކުރަމުން ދިޔަ ގާނޫނު ދިފާއު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

މިފަދަ އިންވެސްޓްމަންޓްތައް ކުރީން ދިފާއު ކުރެއްވި

އެސްއީޒެޑް ގާނޫނު ވުޖޫދުކުރީ ފ އަތޮޅުގައި ސައުދީން ހިންގަން ބޭނުންވި ބިޔަ މަޝްރޫއުއަށް ފުރުސަތު ފަހިކޮށްދޭށެވެ. ރައީސް ޔާމީން އެ ދުވަހު ވިދާޅުވި ގޮތުގައި ސައުދީގެ ޝާހީ އާއިލާގެ ބޭފުޅުން, އެ މަޝްރޫއު ފެށުމަށް މަސައްކަތް ފެށީ ރައީސް ވަހީދުގެ ސަރުކާރުގަ އެވެ. އަދި އެ މަޝްރޫއުއާ ގުޅޭގޮތުން އޭރު ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންނާއި މަޝްވަރާކުރެއްވި ކަމަށް ރައީސް ވަހީދު ވިދާޅުވި ކަމަށް ޔާމީން ވިދާޅުވި އެވެ.

އަދި އެސްއީޒެޑް ގާނޫނެއްގެ މުހިންމުކަން ތަކުރާރު ކުރެއްވި އެވެ.

"ރާއްޖޭގައި ބޮޑެތި ބިޔަ އިންވެސްޓްމަންޓްތައް ހިނގާ ކަމަށް ވަންޏާ ރާއްޖެއަށް މިފަދަ އިންވެސްޓްމަންޓްތައް ގެންނަން ބޭނުންވާ ބޮޑެތި ގާނޫނު ހަދާނެ. އަދި އިންވެސްޓަރުންނަށް ހިމާޔަތް ދޭން ކުރަންޖެހޭ ކަންކަން ކުރާނެ,"

އޭގެ ފަހުން ޔާމީން ވިދާޅުވީ ފާފު މަޝްރޫއުއާ އެހާތަނަށް ހިންގި ޓޫރިޒަމް މަޝްރޫއުތަކާއި ތަފާތެއް ނެތް ކަމެވެ. އޭރުވެސް 99 އަހަރަށް ދޫކޮށްފައިވާ ރަށްތައް ހުރި ކަމަށެވެ. ޓޫރިޒަމަށް ރަށްރަށް 99 އަހަރަށް ދޫކުރަން ގާނޫނުން ފުރުސަތު އެބައޮތް ކަމަށެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ގާނޫނުތަކުގައިވާ ގޮތުން ބޭރުގެ ބަޔަކަށް ރަށެއް ދޫކުރެވޭނީ އެންމެ ގިނަ ވެގެން 25 އަހަރަށެވެ. ނަމަވެސް ރައީސް ނަޝީދު ވަޑައިގެން އެ މުއްދަތު 50 އަހަރަށް ބަދަލު ކުރެއްވި އެވެ. 99 އަހަރަށް ބަދަލު ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

"މި އުޅެނީ އައު ކަމެއް ކުރާކަށް ނޫން. އެހެންވީމަ މީކީ މައުލޫމާތު ނުލިބިގެނެއްވެސް ނޫން. އައު ކަމެއް ކުރާތީއެއްވެސް ނޫން. ނޫނިއްޔާ ވަކިތަނެއް, ބަޔަކަށް އޮޅުވާލައިގެން ވިއްކާލަން ކުރާ މަސައްކަތެއް ވެސް ނޫން. މީ ހަމަ ބިޔަ ބޮޑެތި މަޝްރޫއުތައް ރާއްޖެއަށް އަންނާތިއްޔާއެކީ އެފަދަ ބިޔަ މަޝްރޫއުތަކަށް ޖާގަ ހޯދައިދިނުމަށްޓަކައި ގާނޫނުން ލިބެންވާ ހައްގާއި ރައްކާތެރިކަން ހޯދާދިނުމަށްޓަކައި ފާސްކުރަން ޖެހޭ ގާނޫނެއް," ފާފު މަޝްރޫއުއަށް ފުރުސަތު ފަހިކުރަން ގާނޫނަށް ގެންނަން މަސައްކަތްކުރި ބަދަލު ދިފާއު ކުރައްވާ ޔާމީން އެ ދުވަހު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ބިޔަ އެ އިންވެސްޓްމަންޓުގައި އިސްތިޤްލާލަށް ގެއްލުއްވާނެ އެއްވެސް ކަމެއް ނުހިމޭނެ އެވެ. އަދި ވިދާޅުވީ ދިވެހީން ރަނގަޅު ކަންކަން ބޭނުންްވާއިރު އެކަމަށް ބަޔަކު މަގުފަހިކުރާނަމަ ޖާގަ ނުދޭން އުލޭތަން ފެންނަ ކަމަށެވެ.

ރަނގަޅު ކަންތައްތައް ބޭނުން. އެކަމަކު އެ ރަނގަޅު ކަންތައްތައްކޮށްދޭން ބަޔަކު މަގުފަހިކުރާ ކަމަށްވަންޏާ ހާލަތު އެޔަށް ޖާގަ ނުދޭތަން ފެނިގެން މިދަނީ,"

ޔާމީންގެ މި ވާހަކަތައް ހަނދާންކޮށްދީ ސަރުކާރުގެ އެތައް ސަޕޯޓަރުނެއް ވަނީ ރަސްމާލެ މަޝްރޫއު އާއި ފާފު މަޝްރޫޢުގެ އެއްވެސް ތަފާތެއް ނެތް ކަން ފާހަގަކޮށްފަ އެވެ. އެކަން އެނގިވަޑައިގެން ހުންނަވާ މިއަދު ރައީސް ޔާމީން ވާހަކަ ދައްކަވަނީ, އެ ދުވަހު އެމްޑީޕީގެ ވެރީން ދެއްކެވި ގޮތަށް ކަމަށް ސަޕޯޓަރުން ބުނެ އެވެ.

ސަރުކާރުން ދެނީ ބިން ނުވިއްކާނެ ކަމުގެ ޔަގީންކަން

ރަސްމާލޭން އެކި މަޝްރޫއުތަކަށް ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް ކަމަށާއި، އެތަނުން ބިން މިލްކު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.

ބަންޑާރަ ނާއިބު އަހްމަދު އުޝާމް ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއު ހިނގާނީ މިހާރު އެކުލަވައިލަމުން އަންނަ ރިއަލް އެސްޓޭޓް ޤާނޫނުގެ ދަށުންނެވެ. މިހާތަނަށް ސޮއިކޮށްފައިވަނީ ހަމައެކަނި ލެޓާ އޮފް އިންޓެންޓް އެބަހީ ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި ކަމަށާއި މަޝްރޫޢު ފެށުމުގެ ކުރިން އެ ޓާމްސްތަކުގެ މައްޗަށް ބިނާކޮށް އިތުރު މަޝްވަރާކުރެވި ޑެފިނިޓިވް އެގްރީމެންޓްތަކެއްގައި ސޮއިކުރަން ޖެހޭނެ ކަމަށާއި އެކަމާ ގުޅުން ހުރި ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ގާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ފޯޅަވަހި މައްސަލާގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދައިފި
01 Nov 2026 ހަބަރު

ފޯޅަވަހި މައްސަލާގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދައިފި

ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.

އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން އަގުވަޒަންކުރާކަން: ރައީސް ޑރ.މުއިއްޒު
31 Oct 2026 ހަބަރު

އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން އަގުވަޒަންކުރާކަން: ރައީސް ޑރ.މުއިއްޒު

އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މެންބަރުން ހޮވުމަށް މިއަދު ކުރިއަށްދިޔަ މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށްގެން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުން ދިން ވަރުގަދަ ތާއީދެއް ކަމަށެވެ.

 އެލްޖީއޭގެ ބޯޑު އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ކާމިޔާބުކޮށްފި
31 Oct 2026 ހަބަރު

އެލްޖީއޭގެ ބޯޑު އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ކާމިޔާބުކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ބަޔާންކުރާ ގޮތުން، އެލްޖީއޭގެ ބޯޑަށް ޖުމްލަ ތިން މެންބަރަކު އިންތިޚާބުކުރަން ޖެހެއެވެ. އެއީ ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލްތަކުގެ މެންބަރުން ތަމްސީލުކުރާނެ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން ހޮވާ މެންބަރެކެވެ.

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
30 Oct 2026 ހަބަރު

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފުއްގިރި މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފައިވަނިކޮށް، ބައެއް ކަންކަން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
29 Oct 2026 ހަބަރު

ފުއްގިރި މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފައިވަނިކޮށް، ބައެއް ކަންކަން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ހުކުމް ކުރުން ފަސްކޮށްފައި ވަނިކޮށް، އެ މައްސަލައިގެ ބައެއް ކަންކަން އެ މަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.