ފްލެޓް ކޮމިޓީން މީޑިއާއަށް މައުލޫމާތު ދިނުން ހުއްޓާލައިފި

02 Aug 2020 | 18:05

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް "ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި އުފައްދާފައިވާ ފްލެޓް ކޮމިޓީން މީޑިއާއަށް މައުލޫމާތު ދިނުން ހުއްޓާލައިފިއެވެ.

ސަރުކާރުން ހިޔާ ފްލެޓް ލިސްޓް ނެރުމަށް ބުނެފައިވާ ތާރީހަށް ލިސްޓް ނުނެރެވި ލަސްވެފައިވާ މައްސަލައާއި، މީގެ އިތުރުންވެސް ހިޔާ ފްލެޓާއި ގުޅިގެން ގިނަ ރައްޔިތުންތަކެއްގެ ސުވާލުތަކެއް ފެންމަތިވެ، އެސުވާލުތަކަށް ޖަވާބު ހޯދުމަށް ތަކުރާރުކޮށް ގުޅުމުންވެސް ރައީސް ޞާލިހް އުފައްދަވާފައިވާ ފްލެޓް ކޮމިޓީގެ މެންބަރު އދ. މާމިގިލި އަލްއުސްތާޛު ތޯހާ މުހައްމަދު ފޯނަށް ޖަވާބު ދެއްވާފައިނުވެއެވެ.

މީގެ ކުރިން އަލްއުސްތާޛު ތޯހާ މުހައްމަދު ވަނީ މީޑިއާކަން އެނގުމުން ފޯނު ކަނޑާލާފައެވެ. އެހެންކަމުން ރައީސް އޮފީސް ތަރުޖަމާނު މެދުވެރިކޮށް ވޮއިސް ނޫހުން ވަނީ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން ތޯހާ މައުލޫމާތު ހިއްސާކުރާގޮތައް ހަމަޖެހުނުކަން ތަރުޖަމާނު ވަނީ މީގެ ކުރިން އަންގާފައެވެ.

ވޮއިސް އިން ވަނީ ސުވާލުތަކަށް ޖަވާބު ހޯދުމަށް ޖުލައި 19 ވަނަ ދުވަހުން ފެށިގެން ފްލެޓް ކޮމިޓީ މެންބަރ ތޯހާއަށް ގުޅައި މެސެޖްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފްލެޓް ކޮމިޓީ އެކުލަވާލައްވާފައި ވަނީ "ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި 31 ޑިސެންބަރު 2019 ވަނަ ދުވަހުއެވެ.

ހިޔާ ފްލެޓާއި ބެހޭގޮތުން މިހާތަނަށް ވެސް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މައުލޫމާތު ހާމަކުރުމުގައި ލަސްތަކެއް ހުރުމުން އެކަންވަނީ ރައީސް ޞާލިހް އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މި ނޫހުން ފާހަގަކޮށް ސުވާލުކޮށްފައެވެ.

ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބިފައިވާ ގިނަ ފަރާތްތަކެއް ހިމެނޭގޮތައް މިހާރު ވަނީ މި މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ވައިބާ ކޮމިއުނިޓީއެއް އުފައްދާފައެވެ. "ކޮތަރުކޮށި" ނަމަކަށް ކިޔާ މި ގްރޫޕް މެދުވެރިކޮށް ގިނަ ރައްޔިތުންތަކެއްގެ ސުވާލާއި ކަންބޮޑުވުންތައް ދަނީ ހިއްސާކުރަމުންނެވެ. އެހެންކަމުން "ވޮއިސް" މެދުވެރިކޮށް ކަމާ ބެހޭ ފަރާތްތަކުން މި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމަށް މިއަންނަނީ މަސައްކަތް ކުރަމުންނެވެ.

Advertisement

ކޮމެންޓް