ފުލުހުންގެ ލޯންޗްގައި ރޯކޮށްލި މައްސަަލައިގައި ޓެރަރިޒަމްގެ އަމަލެއް ހިންގިކަމުގެ ދައުވާ އުފުލައިފި

02 Aug 2020 | 20:04

22 މާޗްވީ ދުވަހު ލ.ގަން، ތުނޑީ ބަނދަރު ސަރަހައްދުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާ އެރަށު ކަޅައިދޫފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށް އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އިނާސްގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 6ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރާއި ހަވާލާދީ، އެ މާއްދާގެ ށގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މީގެ އިތުރުންވެސް މި މައްސަލައިގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16-1 ވަނަ މާއްދާގެ ހގެ 5 ވަނަ ނަންބަރާއި ހަވާލާދީ، އެ މާއްދާގެ ނގެ ދަށުން، ޓެރަރިސްޓް ޖަމާއަތަށް ތާއިދުކުރާ މީހެއްކަމަށް ދޭހަވާ ލިޔުމެއް ނުވަތަ ފޮޓޯއެއް ނުވަތަ ކުރެހުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ވަނީ އުފުލިފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި އިނާސް ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކުރިއިރު، ފެނުނު ލެޕްޓޮޕެއްގެ ހާޑް ޑިސްކް ތަހްލީލްކުރިއިރު، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓާއި އަލްގައިދާއަށް ތާއިދުކުރާކަން ދޭހަވާ ލިޔުންތަކާއި ވީޑިޔޯތައް ފެނިފައިވާތީއެވެ.

މި މައްސަލަ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 1 އަހަރާއި 3 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އޭނާ އަކީ 2007 ވަނަ ސަލްޓަން ޕާކްގައި އައިއީޑީއެއް ގޮއްވި މައްސަލައިގައި ހިމެނޭކަން ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކޮށްފައިވާ މީހެކެވެ.

Advertisement

ކޮމެންޓް