ފްލެޓް ލިސްޓް ނެރުން ލަސްވާނެ، މުވަޒަފުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައި: ފްލެޓް ކޮމިޓީ

03 Aug 2020 | 12:57

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް "ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި އުފައްދާފައިވާ ފްލެޓް ކޮމިޓީގެ މުވަޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެ ހިޔާ ފްލެޓް ލިސްޓް ނެރުން ލަސްވާނެކަމަށް އެ ކޮމިޓީން ހާމަކުރައްވައިފިއެވެ.

އެ ކޮމިޓީން މިކަން ހާމަކޮށްފައިވަނީ ވޮއިސް އިން ކޮމިޓީން މީޑިއާއަށް މައުލޫމާތު ނުދޭކަމަށް ރިޕޯޓްކުރިފަހުން 3 އޮގަސްޓް ވަނަ ދުވަހުގެ ދަންވަރު 2:12 ގައި ސަރުކާރު ގެޒެޓް ކުރެވުނު ޢިއުލާނެއްގައެވެ.

އެގޮތުން 28 ޖުލައި 2020 ގައި ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން، އެ ކޮމިޓީގެ ބައެއް މުވައްޒަފުން ކަރަންޓީންކުރަން ޖެހި، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ކޮމިޓީގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން ވަނީ ޖެހިފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން 2 އޮގަސްޓް 2020 ގައި އެ ކޮމިޓީގެ އިތުރު މުވައްޒަފަކު ކޮވިޑަށް ފައްސިވެފައިވާތީ، 14 ދުވަހުގެ މުއްދަތަށް، ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ އަންގަވާފައިވާކަމަށާއި، އެހެންކަމުން ފްލެޓް ކޮމިޓީއިން ކުރިން ނިންމާފައިވާގޮތަށް ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު ބައެއް ކެޓަގަރީތަކުގެ ލިސްޓްތައް ޢާންމުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނިކޮށް، މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ލިސްޓްތައް ޢާންމުކުރުން ލަސްވެގެންދާނެކަން ބަޔާންކޮށްފައިވެއެވެ.

ފްލެޓް ކޮމިޓީން މިފަދައިން ބަޔާން ނެރެފައިމިވަނީ ސަރުކާރުން ހިޔާ ފްލެޓް ލިސްޓް ނެރުމަށް ބުނެފައިވާ ތާރީހަށް ލިސްޓް ނުނެރެވި ލަސްވެފައިވާ މައްސަލައާއި، މީގެ އިތުރުންވެސް ހިޔާ ފްލެޓާއި ގުޅިގެން ގިނަ ރައްޔިތުންތަކެއްގެ ސުވާލުތަކެއް ފެންމަތިވެ، އެސުވާލުތަކަށް ޖަވާބު ހޯދުމަށް ތަކުރާރުކޮށް ގުޅުމުންވެސް ރައީސް ޞާލިހް އުފައްދަވާފައިވާ ފްލެޓް ކޮމިޓީގެ މެންބަރު އދ. މާމިގިލި އަލްއުސްތާޛު ތޯހާ މުހައްމަދު ފޯނަށް ޖަވާބު ދެއްވާފައިނުވާ މައްސަލަ މީޑީއާއަށް ފެންމަތިކޮށްފައިވަނިކޮށެވެ.

Advertisement

ކޮމެންޓް