އަމިއްލަ މޯލްޑިވްސްގައި ފަތުރުވެރިންނަށް ކަރަންޓީން ވެގެން ތިބުމުގެ ފުރުސަތު!

08 Aug 2020 | 12:38

ބ.އަތޮޅު އަމިއްލަފުށީގައި ހިންގަމުންދާ ރިސޯޓެއްކަމަށްވާ އަމިއްލަ މޯލްޑިވްސް ރިސޯޓް އެންޑް ރެސިޑެންސްގެ ފަރާތުން ފަތުރުވެެރިންނަށް ވަކި ރަށެއްގައި އެކަނި ކަރަންޓީންވެގެން ތިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަމިއްލަ މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުގައި މި ފުރުސަތުގެ ދަށުން ގިނަވެގެން 100 މީހުންނަށް ހަފްތާއެއް ވަންދެން އެ ރިސޯޓް ޕްރައިވެޓް އައިލެންޑެއް ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ފުރުސަތުގެ އަގު ރިސޯޓަށް މުއާމަލާތްކުރުމުން ލިބިގެންދާއިރު، އެކަމުގެ ބޭނުން ހިފާ ފަރާތްތަކަށް ތަފާތު ގިނަ ވަސީލަތްތަކާއި ޚިދުމަތްތައްވެސް ލިބިގެންދާނެއެވެ.

އެގޮތުން ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި މި ރިސޯޓްގައި ތިބެން ބުކްކުރާ ފަރާތްތަކަށް އެއްވެސް ހުރަހެއް ނެތި އެ ރިސޯޓްގެ 12 ހެކްޓަރުގެ ބޮޑު ރަށުގައި އުޅެ، އެތަނުގެ ވަސީލަތްތައް ބޭނުންކުރެވޭނެއެވެ. މީގެ ތެރޭގައި ލަގްޒަރީ ފެންވަރުގެ ވިލާތަކާއި، ބޮޑެތި ސްވިމިންގ ޕޫލްތަކާއި ހިތްގައިމު ގޮނޑުދޮށުގެ ސަރަހައްދުތައް ހިމެނެއެވެ. ފަތުރުވެރިން ތިބޭ ވިލާތަކަށް ސްވިމިންގ ޕޫލްތަކަށް ތާޒާ ކާނާ ފޯރުކޮށްދެވޭނެއިރު، އެ ރިސޯޓްގެ މިސްޓިކް ގާޑެންއިން ބިންނަ ފަތްތަކުން ހަދާ ރަހަމީރު ސެލެޑްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް ފަތުރުވެރިންނަށް ލިބިގެންދާނެއެވެ.

އަމިއްލަ މޯލްޑިވްސްއިން ބުނިގޮތުގައި އެ ރިސޯޓް ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތަކީ މި ބަލިމަޑުކަމުގެ ތެރެއިން މީހުންނާއި ދުރުގައި ތިބެ ރައްކާތެރިކަމާއި ސާފުތާހިރުކަމާއި އެކު ޗުއްޓީ ހޭދަކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެ ރިސޯޓުން ބުނިގޮތުގައި އެ ރަށުން މިހާތަނަށް އެއްވެސް ކޮވިޑް-19 ގެ ކޭހެއް ފެނިފައި ނުވާއިރު، ރަށުގެ ހުރިހާ ރަށްވެހިންގެ ސަލާމަތަށް ވަނީ ގިނަ ފިޔަވަޅުތަކެއް އެޅިފައެވެ.

އަދި މިއީ އެކުގައި ކަރަންޓީންވާން ބޭނުންވާ ކުދި ގްރޫޕްތަކަށާއި ވަކިން ކަރަންޓީންވާން ބޭނުންވާ ކަޕަލްތަކަށްވެސް އޮތް ހިތްގައިމު ފުރުސަތެއްކަމަށް އެ ރިސޯޓުން ވަނީ ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް