އުތެމައާއި އެމްޑީއެންގެ ރިޕޯޓާއިމެދު ދިވެހިރާއްޖެެއިން ދެކޭގޮތް ރަސްމީކޮށް ބައިނަލްއަގްވާމީ މުޖުތަމައުއަށް އަންގައިދޭން އެދިއްޖެ

11 Aug 2020 | 19:15

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ދެ މަދަނީ ޖަމްއިއްޔާކަމުގައިވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް އަދި އުތެމަ ޖަމްއިއްޔާއިން ނެރެފައިވާ ރިޕޯޓްތަކާއި މެދު ސަރުކާރުން ރަސްމީކޮށް ދެކޭގޮތް ބައިނަލްއަގްވާމީ މުޖުތަމައުއަށް އަންގައިދޭން ފޮރިން މިނިސްޓްރީގެ ކިބައިން އެދިއްޖެއެވެ.

މިފަދައިން އެ މިނިސްޓްރީގެ ކިބައިން އެދިފައިވަނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ޖަމްއިއްޔާތަކެއް އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދު ނަމަކަށް ކިޔާ ގްރޫޕުންނެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އެޑްރެސްކޮށް އެ އިއްތިހާދުން ފޮނުވި ސިޓީގައި ބުނެފައިވަނީ ޔޫ.އެންގެ ޗާރޓަރގައި ހިމެނޭ ދޭދޭ ޤައުމުތަކުގެ ދާޚިލީ މިނިވަންކަން ނަގާލުން މަނާކުރާ މުޢާހަދާތަކާއި ޤަވާޢިދުތަކަށް ރިޢާޔަތްކޮށް، އަދި ޢަމްދުން ދިވެހިރާއްޖޭގައި ތިމާމެން އަމިއްލަ އަތުން ހަދައިގެން އެއީ ޤާނޫނާއި ޤަވާޢިދު ތަކެއް ކަމަށް ފާސްކޮށްފައިވާ ކަންކަމަށް އެކިއެކި ނަންނަމުގައި ފަންޑު ކުރަމުންދާ ކެނެޑާއާއި އެމެރިކާ އަދި ޔޫރަޕްގެ އެނޫންވެސް ފަރާތްތަކަށް، އެމް.ޑީ.އެންއަކީ ދިވެހި ޤާނޫނާއި ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން އުވާލެވިފައިވާ ޖަމިއްޔާއެއްކަމާއި، އަދި އެމީހުންގެ ތަޙްޤީޤް މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ކުރިއަށް ގެންދާކަން ޢިއުލާންކޮށްފައިވާ ބައެއްކަން އެންގުމަށް އެދޭކަމަށެވެ.

އަދި އުތެމަ ފަދައިން އެމް.ޑީ.އެން ގެ ރިޕޯޓަށް ބާރުލިބޭ ގޮތަށް އެއްވެސް ވާހަކައެއް ދައްކާ އެއްވެސް ބަޔަކީ ރަސްމީކޮށް ދިވެހިރާއްޖެ ޤާނޫނީ ގޮތުން ތަމްޘީލު ކުރާ ބައެއް ނޫންކަމާއި، އެއީ ބޭރުގެ ފަރާތްތަކުން މިޤައުމުގެ ދާޚިލީ ހަމަޖެހުން ނަގާލައި ޤައުމު ބައިބައި ކުރަން ޤާނޫނާ ޚިލާފަަށް މަސައްކަތްކުރާ މަދު ބައެއްކަން އިނގިރޭސިބަހުން ރަސްމީކޮށް ލިޔެ އަންގައިދޭންވެސް ވަނީ އެދިފައެވެ.

އެެ އިއްތިހާދުން ބުނީ މިހެން އެދެން ޖެހުނީ ރައީސުލްޖުމްހޫރިއްޔާ އެމް.ޑީ.އެން ކުށްވެރިކުރެއްވި ނިޔަތަކީ ދިވެހިންނަށް ހަމަ އެކަނި މަންޒަރެއް ދައްކަން ކުރެއްވި ކަމެއް ނޫންކަމާއި އެއީ ހިތްފުޅުގެ އިޚްލާސްތެރިކަމާއިއެކު ކުރެއްވިކަމެއްކަން ދިވެހި ރައްޔިތުންނަށް ޔަޤީންކޮށް ދިނުމަށާއި އަދި އެފަދައިން ދިވެހި ޚާރިޖީ ވުޒާރާއިން މަސައްކަތް ކުރާކަން ދިވެހިންނަށް ޝައްކެތް ނެތް މިންވަރަށް ޔަޤީންކޮށް ދިނުމަށް ކަމަށެވެ.

Advertisement

ކޮމެންޓް