ހުވަޔާއި އެއްގޮތަށް ދެމިހުންނާނެކަމުގެ ޔަގީންކަން އަރުވަން: ރައީސް

17 Nov 2018 | 19:10

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ހުވަޔާއި އެއްގޮތަށް ދެމި ހުންނާނެ ކަމުގެ ޔަގީންކަން، އެމަނިކުފާނު ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރުވައިފިއެވެ. 

މަގާމުގެ ހުވާކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ގައުމާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް ވިދާޅުވީ ކޮންމެ ރައްޔިތަކު ވެސް ވޯޓު ދެއްވީ ގައުމަށް އެންމެ ފައިދާވާ ގޮތް ކަމަށް ފެންނަ ގޮތަށްކަމަށާާއި، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށް ދިނުމުގައި އެއްވެސް ރައްޔިތަކު ބާކީ ކުރުމެއް ނެތި ދެމި ހުންނަވާނެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު އޮތް ގާނޫނުއަސާސީއަކީ ކުރިން ލިބިފައި ނުވާ އެތައް ހައްގެއް ކަށަވަރު ވެފައިވާ ގާނޫނުއަސާސީއެއް ކަމަށެވެ. ނަމަވެސް، ހަގީގަތަކީ އެ ގާނޫނުއަސާސީ ގެނެސްދިން ނިޒާމު ހަރާބުވެ ވިއްސިވިހާލިވެފައިވާކަން ކަމަށްވިދާޅުވެ، ރައީސް ވަނީ މިހާރު ކުރަން އޮތް މަސައްކަތަކީ އެ ގާނޫނުއަސާސީގެ ހައްގުތައް ކަށަވަރުކޮށްދީ އިންސާފު ގާއިމްކޮށްދިނުންކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މި ފައްޓަވާ މަސައްކަތަކީ އިންސާފުވެރި ވެރިކަމެއް ކަށަވަރުކޮށްދިނުމުގެ މަސައްކަތްކަމަށާއި، ފެނިގެން ދާނީ ހުރިހާ ކަމެއް އިންސާފުގެ މަގަށް ރުޖޫއަވެގެންދާ މަންޒަރުކަމަށެވެ. އަދި ރައްޔިތުންނަށް ޖަވާބުދާރީވާނެ ސަރުކާރެއް އުފެދިގެންދާ މަންޒަރު ފެނިގެންދާާނެކަމަަށްވެސް އެމަނިކުފާާނު ވަނީ ބަޔާންކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ މުއައްސަސާތަކުގެ ވާހަކަފުޅު ދައްކަވައި، ފަނޑިޔާރުގެ ފަދަ މުހިންމު ތަންތަން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވައުދުވެލައްވާފައެވެ.

ރައީސް އިބްރާހިމް ވަނީ މަގާމާއި ހަވާލުވެ ވަޑައިގަތް އިރު، ގައުމުގެ މާލީ ހާލަތު ދަށްވެފައިވާކަން ފާހަގަކުރައްވާ، އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑު ރައީސްކަމާ ހަވާލުވާއިރު ދައުލަތުގެ މާލީ ހާލަތު މި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި. ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ މަޝްރޫއުތަކުން ދައުލަތަށް ލިިބިފައިވާ ގެެއްލުން ވަރަށް ބޮޑު. ކޮރަޕްޝަންގެ ސަބަބުން އެތަކެއް ބިލިއަން ރުފިޔާ ވަނީ ގެއްލިފައި. އެއީ ކިހާ އަދަދެއްކަން ވެސް އަދި ސާފެއް ނުވޭ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވަނީ ފާއިތުވެ ދިޔަ ސަރުކާރުގައި ހިނގި ކަންތައްތައް ތަހުގީގު ކުރައްވާނެކަމަށް ވިދާޅުވެ، ފުރަތަމަ 100 ދުވަހު ކުރައްވާނެ މުހިންމު ކަންކަމުގެ ގޮތުގައި ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ރައްޔިތުންނަށް އަދަށްވުރެ ފެހި ފާގަތި ދުވަސްތަކެއް ދެއްކެވުމަށް އެދި ދުއާދަންނަވަމުންނެވެ. ރައީސްގެ ވާހަކަފުޅު ނިމުމާއި އެކު ހުރިހާ ފަރާތްތަކުން ވަނީ ކޮޅަށްތެދުވެ، ހޫނު އަތްތިލަބަޑިއެއް ދީފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ވާހަކަފުޅުގެ މެދުތެރެއިން ރައީސްއަށްވަނީ، ލޮލަށް ކަރުނައައިސް ވާހަކަ ދޭތެރެއިން މެދުކަނޑާލަންވެސް ޖެހިވަޑައިގަންނަވާފައެވެ.

Advertisement

ކޮމެންޓް