އަލީ އާޒިމްގެ އަމަލުތަކުގެ ސަބަބުން ސަރުކާރު ހަލާކުވެގެން ދިއުމަކީ ދެރަކަމެއް: މަޚްލޫފް

12 Aug 2020 | 23:59

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ އަމަލުތަކުގެ ސަބަބުން ސަރުކާރު ހަލާކުވެގެން ދިއުމަކީ ދެރަކަމެއް ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޚުލޫފް މިފަދައިން ވިދާޅުވީ މިރޭ އޮތް ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

އެބޭފުޅާ މިރޭ ވިދާޅުވީ އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުން މަސައްކަތް ކުރައްވަނީ ވަޒީރުންނާއި ގުޅިގެން ކަމަށެވެ. އަދި ދާއިރާއަށް ބޭނުންވާނެ ކަންތައްތައް ނުވާނަމަ މެންބަރުންގެ ހިތްހަމަނުޖެހުން ހުންނާނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މަޚުލޫފް ވިދާޅުވިއެވެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޒްގެ އިތުބާރު ނެގުމުގެ މައްސަލައަށް އިޝާރާތްކުރައްވާ މަޚުލޫފް ވަނީ އެ މަސައްކަތް ކާމިޔާބުވާނެކަމަށް ނުބެލެވޭކަމަށް ވިދާޅުވިއެވެ.

މިރޭގެ ޕްރޮގްރާމްގައި މަޚުލޫފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މަގާމުން ދުރުކޮށްފާނެކަމުގެ ބިރަށް އަލީ އާޒިމް ވިދާޅުވާ ގޮތަށް އަމަލުނުކުރައްވާނެކަމަށާއި، ކުޅިވަރު ހަލާކުކޮށްލުމުގައި ބައިވެރިވާނެފަދަ މީހަކަށް ދުވަހަކުވެސް ނުވާނެ ކަމަށެވެ. މަޚުލޫފް ވިދާޅުވީ އަލީ އާޒިމަށް އެމްޑީޕީ ޕީޖީގެ ތާއީދެއް މިހާރު ނޯންނާނެކަމަށެެވެ. އަދި އެބޭފުޅާ ކުރައްވާ ކަންތައްތަކުގެ ސަބަބުން ވަރުގަދަ އަށް އޮތް ސަރުކާރެއް ހަލާކުވެގެން ދިއުމަކީ ވަރަށް ދެރަކަމެއްކަމަށްވެސް މަޚުލޫފް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް