ރ.ފުއްގިރީގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލިފައިވާ ދައުވާތަކުގެ ޝަރީއަތް ފަށަނީ

14 Aug 2020 | 18:27

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ.ފުއްގިރި ކުއްޔަށްދޫކުރި މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލިފައިވާ ދައުވާތަކުގެ ޝަރީއަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން އަންނަ އާދިއްތަ ދުވަހު ހެނދުނު 10:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ޕީޖީ އޮފީހުން މީގެކުރިން ބުނިގޮތުގައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީން މަގާމުގެ ނުފޫޒުކޮށްގެން މއ.ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނިތައް ބޭނުންކޮށްގެން ލޯންޑަރކުރުމަށް ފަށަލަކޮށްފައިވެއެވެ.

މި މައްސަލައިގައި މަތީގައި ބަޔާންވެފައިވާ ދެމީހުންނާއި ދެ ކުންފުންޏަށްވެސް ވަނީ މަނީ ލޯންޑްރިންގގެ ދައުވާ އުފުލާފައެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލަ ތަހުގީގުކޮށްފައިވަނީ ފުލުހުންނާއި، އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން މެދުވެރިކޮށް ކަމަށެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަނީ ގާނޫނުލް އުގޫބާތުގެ 510ވަނަ މާއްދާގެ ހގެ ދަށުން އެ މާއްދާގެ ރގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ހ އަދި އެ ގާނޫނުގެ 5 ވަނަ މާއްދާގެ ހގެ 3 ވަނަ ނަންބަރާއި ހަވާލާދީ، އެ ގާނޫނުގެ 53 މާއްދާގެ ށގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއެވެ. 

Advertisement

ކޮމެންޓް