މިދިޔަ ހަފްތާގައި އެންމެ ގިނައިން ބަލި ފެނުނީ ޒުވާނުންގެ ކިބައިންކަމަށް ދައްކައިފި

23 Aug 2020 | 20:13

ފާއިތުވެގެންދިޔަ ހަފްތާގެ ތެރޭގައި ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ގިނައިން ފެނިފައިވަނީ ޒުވާނުންގެ ތެރޭގައިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައިވާ ގޮތުގައި މިދިޔަ ހަފްތާގައި އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 21 އަހަރާއި 30 އަހަރާއި ދެމެދުގެ ފަރާތްތަކެވެ. މި އުމުރުފުރާއިން ޕޮޒިޓިވްވި މީހުންގެ ވަރަށް ބޮޑު އިންސައްތައެއް ހިއްސާކުރަނީ ފިރިހެނުންނެވެ. އެއަށްފަހު އެންމެ ގިނަމީހުން ޕޮޒިޓިވްވެފައިވަނީ އުމުރުން 31 އާއި 40 އަހަރާއި ދެމެދުގެ އުމުރުފުރާގައެވެ.

އެ އިދާރާއިން ބުނިގޮތުގައި ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުމެވެ.


އެޗްޕީއޭއިން ބުނީ މިދިޔަ ހަފްތާގައި ބަލި ޖެހުނު މީހުންގެ އަދަދާއި ހަސްފަތާލުގައި ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނު މީހުންގެ އަދަދުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް މަތިވެފައި ވާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މި ފިޔަވަޅުތަކަކީ ކޮންމެ ހަފްތާއެއްގެ ހާލަތަށް ރިއާޔަތްކޮށް މުރާޖައާ ކުރެވިގެންދާނެ ފިޔަވަޅުތަކެއްކަމަށް ވަނީ ބުނެފައެވެ.

އެފަރާތުން ފާހަގަކުރި ގޮތުގައި ބަލި ޖެހޭ މީހުންނާއި ހަސްފަތާލުގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ މީހުން މަދުވެ، ހާލަތު ރަނގަޅުވާ ވަރަކުން ފިޔަވަޅުތައް ލުއިކޮށް އުވާލެވޭނެއެވެ. އެޗްޕީއޭއިން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުންދޭން އެދިފައެވެ. އެޗްޕީއޭއިން ބުނިގޮތުގައި ކޮންމެ ހަފްތާއެއްގެ ހާލަތު ދިރާސާކޮށް ބަލި ފެތުރުން މަޑުޖެއްސުމަށްޓަކައި ހާލަތާއި އެންމެ އެކަށޭނެ ފިޔަވަޅުތައް ދެނެގަނެ އެއަށް އަމަލު ކުރާނެއެވެ.

Advertisement

ކޮމެންޓް