މަޖިލީހުން ކަލްޗަރަލް ރައިޓްސް މުޢާހަދާގައި ބައިވެރިވުމަށް ވޯޓުލުން މަޑުޖައްސާލުމަށް ރައްޔިތުންގެ އިއްތިޙާދުން އެދެފި

25 Aug 2020 | 03:57

އިންސާނީ ޙައްޤުތަކާއި ކަލްޗަރަލް ރައިޓްސް ރައްކާތެރިކުރުމުގެ ނަމުގައި ހިންގާ ބައިނަލްއަޤްވާމީ މުޢާހަދާގައި ބައިވެރިވާން ވޯޓު ނުލައި މަޑުޖައްސާލުމަށް އެދި މަދަނީ ޖަމްޢިއްޔާތަށް ހިމެނޭ ރައްޔިތުންގެ އިއްތިޙާދުން ރައްޔިތުންގެ މަޖްލީހަށް ސިޓީ ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖްލީހުގެ ރައީސްއަށް ފޮނުވާފައިވާ މިސިޓީގައި ބުނެފައިވާ ގޮތުގައި އަދުގެ ސަރުކާރުން މިއަހަރުގެ ޖޫން މަހުގެ ވަޒީރުންގެ މަޖްލީހުން ރުހުން ދިނުމަށް ފަހު، ރައްޔިތުންގެ މަޖްލީހުން ފާސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖްލީހަށް ފޮނުވާފައިވާ އޯ.ޕީ-އައި.ސީ.އީ.އެސް.ސީ.ރާ މުޢާހަދާއަކީ އިޚްތިޔާރީ މުޢާހަދާއެއް ކަމުގައި ވީހިނދު، ކޯވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި އަވަސްއަރުވާލައިގެން މިމުޢާހަދާގައި ބައިވެރިވުމަށް މަސައްކަތް ކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ.

އަދި ސަރުކާރުން މި މުޢާހަދާގައި ބައިވެރިވާން ވަޒީރުންގެ މަޖްލީހުން ނިންމި އިރު އެމުޢާހަދާއާ ބެހޭގޮތުން ޢާންމުންގެ މެދުގައި އެކަށީގެންވާ ވަރަށް ހޭލުންތެރިކަން އުފައްދައި އަދި ރައްޔިތުންނާއި މަދަނީ ޖަމްޢިއްޔާތަކުގެ ވިސްނުން ހުރިގޮތް ބެލުމަށްޓަކައި އެއްވެސް މަސައްކަތެއް ކޮށްފައިވެސް ނުވެއެވެ.

ހަމައެއާއެކު، ކަލްޗަރަލް ކަންކަން ހިމާޔަތް ކުރުމުގެ ނަމުގައި ހިންގޭ ގިނަ ކަންކަމަކީ އިސްލާމް ދީނާ ޚިލާފު އަދި ގައުމުތަކުގެ އަމިއްލަ ޘަޤާފަތުގެ މައްޗަށް ބޭރުގެ ފަރާތްތަކުގެ ގޮތްތަކާއި ވިސްނުން ފަތުރަން ބޭނުންކުރާ ނިވާފަތްގަނޑެއް ކަން ފެންނަން އެބައޮތް ކަމުގައިވެސް މިސިޓީގައި ބަޔާންކޮށްފައިވެއެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި، އިސްލާމް ދީނަށާއި މާތް ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކުރި އެމް.ޑީ.އެން އާއި އުތެމަ އާއި ފްރާންސްގެ "ފިދް" ކިޔާ ޖަމްޢިއްޔާއިން 2019 ގެެ އޮކްޓޯބަރ ގައި ނެރެފައިވާ ޖޮއިންޓް ރިޕޯޓު ފުދޭކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމް.ޑީ.އެން އާއި އުތެމަގެ މައްސަލަ ފުލުހުން ބަލަމުންދާ މިފަދަ ސެންސިޓިވް ދުވަސްވަރެއްގައި އެދެ ޖަމްޢިއްޔާއިން ޕްރޮމޯޓުކުރާ ފަދަ އިސްލާމް ދީނާ ޚިލާފު ކަލްޗަރަލް ފަލްސަފާއެއް ތަންފީޒު ކުރަން މަސައްކަތްކުރާ މުޢާހަދާއެއްގައި ބައިވެރިވުމާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ވާހަކަ ދެއްކުމަށްޓަކައި ވަގުތު ދިނުމުގެ ގޮތުން އެމުޢާހަދާއަށް ވޯޓުލުން މަޑުޖައްސައްލަދިނުމަށް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މަދަނީ ޖަމްޢިއްޔާތަކުން އުފައްދާފައިވާ ރައްޔިތުންގެ އިއްތިޙާދުން އެދިފައިވެއެވެ.

Advertisement

ކޮމެންޓް