ކޮވިޑް-19 އާއި ގުޅިގެން އާންމުން ހޭލުންތެރިކުރުވުމަށް މީޑިއާތަކުން ޚާއްސަ ކެމްޕޭނެއް ފަށަނީ

26 Aug 2020 | 21:41

ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ.

މި "ހާއްސަ ކެމްޕޭން" ހިންގަން ނިންމީ، ރާއްޖޭގެ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަ ކޮށް އެ މަގަށް މަސައްކަތް ކުރުމަށެވެ.

އެގޮތުން ކޮވިޑާ ގުޅޭ ހަބަރާ މައުލޫމާތު، މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރަށް ވުރެ ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ މި ހާއްސަ ކެމްޕޭނުގެ އަމާޒެކެވެ.

ކޮވިޑާ ގުޅޭ މިހާއްސަ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި އިސްކަންދޭނެ ހަބަރާއި މައުލޫމާތާ ގުޅޭ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސް ބޭފުޅުންނާއެކު މީޑިއާތަކުން ވަނީ މިއަދު ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. މި މަޝްވަރާތަކުގެ އަލީގައި މި ހާއްސަ ކެމްޕޭނު ކުރިއަށް ގެންދާނެ ގޮތް ރާވާ އިންތިޒާމުކޮށް ހެދުމުގައި އެކިއެކި މީޑިއާތައް ހިމެނޭ ގޮތުން ސްޓިއަރިން ކޮމެޓީއެއް ވަނީ އެކުލަވާލެވިފައެވެ.

މި ހާއްސަ ކެމްޕޭނުގެ މަސައްކަތް ކުރިއަށް ދާނީ ހުރިހާ މީޑިއާތަކެއްގެ ބައިވެރި ވުމާއެކު ސްޓިއަރިން ކޮމިޓީގެ ލަފާގެ މަތިންނެވެ.

Advertisement

ކޮމެންޓް