ގއ.ވިލިނގިލި މޮނީޓަރިންގގެ ހާލަތުން ނެގީ އެޗްޕީއޭއަށް ދިން ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް: ކައުންސިލް

27 Aug 2020 | 15:40

ކޮވިޑް-19 ޕޮޒިޓިވް ކޭހަކާއި ގުޅިގެން ގއ.ވިލިނގިލި މޮނީޓަރިންގގެ ހާލަތުން ނެގީ އެރަށު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު އޮފިސަރ އެޗްޕީއޭއަށް ދިން ދޮގު މައުލޫމާތުގެ މައްޗަށް  ބިނާކޮށްކަމަށް ގއ.ވިލިނގިލި ރަށު ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެރަށް މޮނީޓަރިންގގެ ހާލަތުން އިއްޔެ ހެނދުނު 11:28ގައި އުވާލިކަން އެޗްޕީއޭގެ ލިޔުމަކުން އާންމުކޮށްފައިވަނީ އެޗްޕީއޭގެ ލޯކަލް ފޯކަލް ޕޮއިންޓް އަދި އެރަށުގެ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު އޮފިސަރ ދިން ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެއީ ރަށު ކައުންސިލާއި ކޮވިޑް-19 ވިލިނގިލި ޓާސްކްފޯހުން ގަބޫލުކުރާ ސައްހަ މައުލޫމާތުތަކަށް ނުވާތީ، އެކަން ކުށްވެރިކުރާ ކަމަށް ވަނީ ބުނެފައެވެ.

މި ނޫސްބަޔާނުގައި ބުނީ ގއ.ވިލިނގިލީގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި ހުރިހާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު އެޗްޕީއޭއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެ ކައުންސިލުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދޭން ވަނީ އެދިފައެވެ.

އަދި ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކުގެ އެންމެ ފުރިހަމަ މައުލޫމާތު އެޗްޕީއޭއަށް ފޯރުކޮށްދީ އެފަރާތްތަކުގެ ސާމްޕަލް ނަގައި ނިމެންދެން ވިލިނގިލި މޮނީޓަރިންގގެ ހާލަތުގައި ބާއްވަން ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް