ނަރުހުންގެ ދަތިކަން ކުރިމަތިވެ، ރަށްރަށުން ނަރުހުން ގެނައުމުގެ މަސައްކަތް ކުރަނީ

30 Aug 2020 | 10:51

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ސިއްހީ ނިޒާމަށް ބުރަވެ ނަރުހުންގެ ދަތިކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްއީއޯސީގެ މީޑިޔާއިން ބުނީ ނަރުހުންގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާތީ، އަތޮޅުތެރެއިންވެސް ނަރުހުން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަން ކުރާނީ ރަށްރަށުގައި ދެވޭ ސިއްހީ ޚިދުމަތަށް ބުރޫ ނާރާނެ ގޮތަކަށް ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޕަބްލިކް ހެލްތު އެކްސްޕާޓެއްކަމަށްވާ ޑރ.ޝީނާ މޫސާ، ރާއްޖެޓީވީގެ "ޚަބަރުފީތާ" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންވެސް ވަނީ ނަރުހުންގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މީގެ ކުރިން ކޮންމެ ފަސް އެނދަކަށް އެއް ނަރުހަކު ހުންނައިރު، މިހާރު އެއް ނަރުހެއް ހުންނަނީ ކޮންމެ ތިރީސް އެނދަކަށް ކަމަށް  ޑރ.ޝީނާ ފާހަގަކުރެއްވިއެވެ.

އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެންމެ ރައުންޑެއް ހެދުމަށް ޑޮކްޓަރުންނަށް ދިހަ ގަޑިއިރު ހޭދަވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޑރ.ޝީނާ ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަަށް ވަނީ ބުރަބޮޑުވެފައެވެ. އަދި މި ރޭޓުގައި ދާކަމުގައިވާނަމަ ސްކޫލެއްގައި އެނދުތަކެއް ޖަަހައިގެން ބޭތިއްބިޔަސް ބަލިމީހުންނަށް ފަރުވާދޭނެ ވަރަށް ސިއްހީ މަސައްކަތްތެރިން ނުތިބޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ފަރުވާ ނުދެވޭނެމަ މަރުވާ މީހުންގެ އަދަދު އިތުރުވާނެކަމަށް ވިދާޅުވިއެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް