ސްރީލަންކާގެ އިރާޖްއާއެކު ސިމްބޮލިކް ރިކޯޑްސްއިން މަސައްކަތްކުރަނީ

09 Sep 2020 | 09:39

ސްރީލަންކާގެ މަޝްހޫރު ހިޕްހޮޕް ޕްރޮޑިއުސަރެއްކަމުގައިވާ އިރާޖްއާއި އެކު ރާއްޖޭގެ އެންމެ މަގުބޫލު އެއް ހިޕްހޮޕް/ރެޕް ލޭބަލްކަމަށްވާ ސިމްބޮލިކް ރިކޯޑްސްއިން މަސައްކަތްކުރުމަށް ތައްޔާރުވެއްޖެއެވެ.

ސިމްބޮލިކް ރިކޯޑްސްއިން މީޑިއާތަކަށް މައުލޫމާތުދޭ ގޮތުގައި ދިވެހިރާއްޖޭގެ ޔޫތު މިނިސްޓަރ އަހުމަދު މަޚްލޫފާއި ސްރީލަންކާގެ ޔޫތު މިނިސްޓަރ ނަމަލް ރާޖަޕަކްސަގެ އެއްބާރުލުމާއި އެކު، ދެގައުމުގެ ރެޕް އާޓިސްޓުންގެ މަސައްކަތް އެކުގައި ހިމެނޭ އަލްބަމެއްގެ މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. މިކަމާއި ގުޅޭ ބައްދަލުވުމެއްވެސް ދާދިފަހުން ވަނީ ބާއްވާފައެވެ.

ސިމްބޮލިކުން ބުނީ މިއަލްބަމް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ރެޕަރުންނަށް ރާއްޖެއިން ބޭރުގައި އެފަރާތްތަކުގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ތަނަވަސްކޮށްދީ،  ދިވެހި ރެޕަރުންނަށް އާމްދަނީ ހޯދޭނެ އާ މާކެޓެއް ހޯދުމެވެ. ކުރިއަށްއޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި އަލްބަމްގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި އަލްބަމްގެ މަސައްކަތް ކުރާނީ ސްރީލަންކާ އަދި ދިވެހިރާއްޖޭގައެވެ. މިކަމުގެ ތެރެއިން ދެގައުމުގެ ރެޕް އާޓިސްޓުން އެއްގައުމު އަނެއް ގައުމަށް ޒިޔާރަތްކުރުމުގެ ކަންތައްތައްވެސް ކުރިއަށް ގެންދާނެއެވެ.

އިރާޖްއަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު ފަންނާނެކެވެ. އެގޮތުން މީގެ އަހަރުތަކެއްގެ ކުރިން އޭނާ ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާނީއާ އެކު އަލްބަމެއްވެސް ނެރެފައެވެ. މި އަލްބަމްގެ "އޭ ހިތާ" އަކީ ގިނަބަޔެއްގެ މެދުގައި މަގުބޫލުވި ލަވައެކެވެ.

Advertisement

ކޮމެންޓް