ބުރުގާ އަޅާތީކަމަށްބުނެ އިންޑިއާގެ މީޑިއާއެއްގައި މަސައްކަތްކުރުމުގެ ފުރުސަތެއް ނުދިން!

09 Sep 2020 | 12:13

ބުރުގާ އަޅާތީކަމަށްބުނެ، އިންޑިއާގެ ނިއުސް ޕޯޓަލެއްގައި އެންކަރއަކަށްވުމުގެ ފުރުސަތު މުސްލިމް އަންހެނަކަށް ނުދޭން ނިންމައިފިއެވެ.

މިފަދައިން ދިމާވެފައިވަނީ އިންޑިއާގެ ނިއުދިއްލީގައި ހުންނަ އަލީގަޅު މުސްލިމް ޔުނިވަރސިޓީގައި ނޫސްވެރިކަމުގެ ރޮނގުން ޑިގްރީގެ ފަހު އަހަރުގައި ތައުލީމް ހާސިލްކުރަމުން އަންނަ ޣަޒާލާ އަހުމަދަށެވެ.

ޣަޒާލާއާއި ހަވާލާދީ އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ހިންދީ ނިއުސް ޕޯޓަލެއްގެ އެންކަރެއްގެ މަގާމަށް އޭނާ ކުރިމަތިލުމަށްފަހު، ޓެލެފޯން އިންޓަރވިއުއެއްގައި އިނީޝިއަލް ސްކްރީނިންގ ޕްރޮސެސްއިންވެސް ފާސްވިއެވެ. އެއަށްފަހު މުސާރައާއި އެހެނިހެން ވާހަކަތައް ދެއްކުމަށްފަހު، ޣަޒާލާ ވަނީ އޭނާއަކީ ބުރުގާ ނުވަތަ ހިޖާބް އަޅާ މީހެއްކަމަށް ބުނެފައެވެ.

އޭނާ ބުނިގޮތުގައި އެއަށްފަހު އިންޓަރވިއު ކުރަމުންދިޔަ ފަރާތުން ވަގުތުކޮޅެއް ވާންދެން އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. އެއަށްފަހު އެފަރާތުން ވަނީ ބޮޑެތި މީޑިއާތަކުންވެސް ބުރުގާ އަޅާފައިވާ ފަރާތެއް ނުނަގާނެކަމަށާއި، ތިމަންނާމެންނަކީ ކުޑަ ބައެއްކަމަށް ބުނެފައެވެ. އަދި ބުރުގާ އަޅާފައިވާ ފަރާތެއް މަގާމަށް ހޮވައިފިނަމަ އެ ޗެނަލް ބަންދުކުރަން ޖެހިދާނެކަމަށްވެސް ވަނީ ބުނެފައެވެ.

އެފަރާތުން ވަނީ ޣަޒާލާއަށް އެންމެ ރަނގަޅުވާނީ ނޫހަކަށް ލިޔުންކަމަށްވެސް ބުނެފައެވެ. މިއާއި އެކު ޣަޒާލާ ވަނީ އޭނާ މީގެކުރިން އެންޑީޓީވީ އަދި ނިއު އިންޑިއަން އެކްސްޕްރެސްފަދަ ތަންތަނުގައިވެސް މަސައްކަތްކޮށްފައިވާނެ ކަމަށް ބުނެފައެވެ. އަދި އޭނާ ބުރުގާ އެޅުމުން އޭނާގެ މަސައްކަތުގެ ފެންވަރަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޣަޒާލާ ބުނީ އޭނާ ފަހުން އެ ވަޒީފާ ގަބޫލުނުކުރަން ނިންމި ކަމަށާއި، ބުރުގާ އަޅާތީ އެ ވަޒީފާ ދޭން އިންކާރުކުރީވެސް ހަމަ މުސްލިމެއްކަމަށެވެ. އޭނާ ވަނީ މި ހާދިސާގެ ސަބަބުން ހިތްދަތިވީނަމަވެސް، ނޫސްވެރިކަން ހުއްޓާނުލާނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް