ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ދަތުރުތައް މިމަހުގެ ފަހުކޮޅުގައި ފަށަނީ

10 Sep 2020 | 15:35

ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދުގައި ބޭއްވުމަށް ނިންމާފައިވާ ކާގޯ ފެރީގެ ދަތުރުތައް މިމަހުގެ ފަހުކޮޅުގައި ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިފެރީގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20ވަނަ ދުވަހުގައި އިންޑިއާގެ ސޫތުކުޅިންނެވެ.

އެއަށްފަހު 22ވަނަ ދުވަހު އިންޑިއާގެ ކޮޗިންގެ ބަނދަރުގައި ޖެއްސުމަށްފަހު، މިމަހުގެ 26ވަނަ ދުވަހުގައި މި ކާގޯ ފެރީ ދިވެހިރާއްޖެއަށް އަންނާނެއެވެ. މި ފެރީ އަނބުރާ އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ ފުރަތަމަ ދުވަހުގައެވެ. އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފެރީގެ ދަތުރުތައް މަހަކު ދެތިން ފަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޝިޕިންގ ކޯޕަރޭޝަން އޮފް އިންޑިއާގެ މި ބޯޓުން ކަރަންޓް ސާމާނު، ފަރުނީޗަރު، ބޭސް އަދި ކާބޯތަކެތީގެ ބާވަތްތައްވެސް އުފުލޭނެކަމަށް ވަނީ ފާހަގަކޮށްފައެވެ.

ކުޅުދުއްފުށި ސިޓީއަށް ޖައްސާގޮތަށް، އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދުގައި ކާގޯ ފެރީގެ ދަތުރުތައް ފަށާނެކަން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

Advertisement

ކޮމެންޓް