ކޮވިޑް-19ގެ ހާލަތުގެ ސަބަބުން މަސް އެއަރފްރެއިޓްކުރުމުގެ އަަގުވަނީ ވަރަށް ބޮޑަށް އުފުލިފައި: ބިގްފިޝް މޯލްޑިވްސް

10 Sep 2020 | 15:54

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށް މަސް އެއަރފްރެއިޓްކުރުމުގެ އަަގު ވަރަށް ބޮޑަށް އުފުލިފައިވާކަމަށް، ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގެ މަސްތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގެ މަސައްކަތްކުރާ ކުންފުންޏެއްކަމަަށްވާ ބިގްފިޝް މޯލްޑިވްސްއިން ބުނެފިއެވެ.

އެކުންފުނިން ބުނީ ކުންފުނީގެ އެންމެ މުހިންމު ބައިވެރިންނަކީ ދިވެހި ކަންނެލި މަސްވެރިންކަމަށާއި، ނަމަވެސް މިދުވަސްކޮޅު ކަންނެލި ބޭނޭވަރަށް ބަލާއިރު މަސްވެރިންނަށް ދެވޭ އަގު މިދިޔަ އަހަރާއި އަޅާ ބަލާއިރު %30އަށް ވުރެ ބޮޑުބައި ދަށްކަމަށެވެ. ބިގްފިޝް މޯލްޑިވްސްއިން ބުނިގޮތުގައި އަގު ދަށްކޮށް މަސް ގަންނަން ޖެހޭ ސަބަބަކީ، ޔޫރަޕަށް ވިކޭ އަގު ކުރިއެކޭ އެއްވަރެއްގައި ހުރިނަމަވެސް، ކޮވިޑް 19 އާއި ގުޅިގެން އެއަރ ފްރޭޓް ކުރުމުުގެ އަގު އެވެރެޖްކޮށް %74 އިތުރުވެފައިވުމެވެ.

ބިގްފިޝްއިން ފާހަގަކުރިގޮތުގައި 2019ގައި އެކުންފުނިން ބޭރުކުރި ތާޒާ ކަންނެލި ވިއްކި އެވެރެޖް (ސީ.އައި.އެފް) އަގުގެ %57 އަކީ މަހުގެ އަގުކަމަށް ވާއިރު އެއަރ ފްރޭޓަށް ދިޔަ ހަރަދަކީ އެވެރެޖްކޮށް ޖުމްލަ ވިއްކި އަގުގެ %23 އެވެ. ނަމަވެސް މިދުވަސްކޮޅު މަހުގެ އަގަކީ ވިއްކާ އަގުގެ %40، އަދި އެއަރ ފްރޭޓަށް ދާ ޚަރަދަކީވެސް %40 ކަމަށް ވަނީ ބުނެފައެވެ. ކަންމިހެން އޮތުމުން ޖުމްލަ ވިއްކާ އަގުން މީގެކުރިން ކަންނެލި މަސްވެރިންނަށް ލިބޭބައި ވަނީ %30 ދަށްވެފައެވެ.

ނަމަޗެސް އެއާލައިން ތަކުން ނަގާބައި %74 އިތުރުވެފައެވެ.

"ތާޒާ ކަންނެލިގޮތުގައި ބޭރުކުރާ މަހުގެ އަގާއި އެއަރ ފްރޭޓްގެ އަގު ވިއްކާ އަގުގެ ޖުމްލަ %80 އަށްވުރެ އިތުރުނުކުރެވޭ ސަބަބަކީ މަސް ބަންދުކުރަން ބޭނުންކުރާ ތަކެތީގެ އަގާއި، އެމް.އޭ،ސީ.އެލް އަށް ދޭންޖެހޭ އަގާއި، ފެކްޓްރީ ހިންގުމުގެ ޚަރަދު އެވެރެޖްކޮށް ވިއްކާ އަގުގެ (ޖުމްލަ އާމްދަނީގެ) %14 - %17 އަށް އަރާތީއެވެ. އެހެންކަމުން މަހުގެ އަގާއި އެއަރ ފްރޭޓްގެ އަގު ވިއްކާ އަގުގެ %80 އަށްވުރެ އިތުރުވާނަމަ އަޅުގަނޑުމެނަކަށް ޚަރަދު ދެކޮޅެއް ނުޖެއްސޭނެއެވެ"، އެކުންފުނިން ބުންޏެވެ.

ބިގްފިޝް މޯލްޑިވްސްއިން ބުނާގޮތުގައި ބޮޑު ކަންނެލި މަސްވެރިންނަށް ދެވޭ އަގު ދިގު މުއްދަތަކަށް ދަށްކޮށް ހުރެއްޖެނަމަ އެ ސިނާއަތް އެއްކޮށް ހުއްޓި، އެ ކުންފުނިވެސް ނެތިދާނެއެވެ.

އެހެންކަމުން މިހާލަތުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަނީ ހާމަކޮށްފައެވެ. އެގޮތުން ބޭރު މާކެޓްތަކަށް ވިއްކޭ އަގު އިތުރުކުރެވޭތޯ މަސައްކަތްކުރުމާއި، އެއަރ ފްރޭޓް އަގާއި އެމް.އޭ.ސީ.އެލް އިން މިހާރު ނަގަމުންދާ ބޮޑެތި އަދަދުތައް ދައްކުރެވޭތޯ މަސައްކަތްކުރުމުގެ އިތުރުން ރާއްޖޭގެ ކަންނެއްޏަށް ޔޫރަޕުން ނަގާ ޓެކްސް ދަށްކުރުމަށް ވަކާލާތުކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

މި މަސައްކަތްތަކުން ލިބޭ ކޮންމެ ކާމިޔާބީއެއް ބަދަލުވާނީ މަހުގެ އަގަށް އަންނަ ކުރިއެރުމަކަށްކަން ބޮޑު ކަންނެލި މަސްވެރިންނަށް އެކުންފުނިން ޔަގީންކަންދެއެވެ.

ފޮޓޯ: އެމްބީއެސް

Advertisement

ކޮމެންޓް