އެމެރިކާ-ދިވެހިރާއްޖޭގެ ދިފާއީ އަދި ސަލާމަތީ ގުޅުންތައް ވަރުގަދަކުރަނީ

12 Sep 2020 | 22:31

އެމެރިކާ އަދި ދިވެހިރާއްޖޭގެ ދެމެދުގައި ދިފާއީ އަދި ސަލާމަތީ ދާއިރާއިން ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެ ސަރުކާރުން ގުޅިގެން ފްރޭމްވޯކެއް އެކުލަވާލައިފިއެވެ.

"ފްރޭމްވޯކް ފޮރ ޔޫއެސް ޑިޕާރޓްމެންޓް އޮފް ޑިފެންސް-މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް: ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް"ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެމެރިކާގައި އޮތް ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ. އެކަމަނާ މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރެއްގައި އެމެރިކާއަށް ވަޑައިގެންނެވެ.

އެމެރިކާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޮރ ސައުތު އެންޑް ސައުތު އީސްޓް އޭޝިއާ، ރީޑް ވަރނަރއެވެ.

މި ފްރޭމްވޯކް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މި ފްރޭމްވޯކްގެ ސަބަބުން ދީފާއީ އަދި ސަލާމަތީ ކަންކަމުގައި ދެގައުމުގެ މެދުގައި އޮންނަ ވަރުގަދަ ގުޅުމަށް އިތުރުބާރެއް ލިބިގެންދާނެކަމަށެވެ. މާރިޔާ ވިދާޅުވީ އިންޑޯ-ޕެސިފިކް ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަކީ ދެގައުމުގެ މަސްލަހަތާއިވެސް ގުޅިފައިވާ ކަމެއްކަމަށެވެ. އަދި ކޮވިޑް-19ގެ ހާލަތުގައިވެސް ކަނޑުފޭރުމާއި، ނިރުބަވެރިކަމާއި، ހަރުކަށި ފިކުރު އަދި މަސްތުވާތަކެތީގެ ނުރައްކަލާއި ދިވެހިރާއްޖެއިން ކުރިމަތިލާން ޖެހިފައިވާކަން މާރިޔާ ފާހަގަކުރެއްވިއެވެ.

ޑިފެންސް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ފްރޭމްވޯކްގެ ދަށުން ދެގައުމުގެ ދިފާއީ ވުޒާރާއިން ގުޅިގެން އިތުރު ހަރަކާތްތަކެއް ހިންގާނެކަމަށެވެ. އޭގެ ތެރޭގައި، ދެގައުމުގެ ދިފާއީ އަދި ސަލާމަތީ ދާއިރާގައި ހިމެނޭ ވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި، ދިވެހިރާއްޖޭގެ ދިފާއީ މުއައްސަސާ އިތުރަށް ހަރުދަނާކުރުމާ ބެހޭ ހަރަކާތްތައް ހިންގުމަށް ފުރުސަތު ތަނަވަސްކުރުން ހިމެނެއެވެ.

އަދި މެރިޓައިމް ސެކިއުރިޓީ ނުވަތަ ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި، ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމާއި، ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ހާލަތެއްގައި، ގުޅިގެން އޮޕަރޭޝަންތައް ހިންގުންފަދަ ކަންކަންވެސް ހިމެނެއެވެ.

Advertisement

ކޮމެންޓް

Advertisement