ދިވެހިރާއްޖެއިން ރަޝިޔާއާއި އެކު ޚާރިޖީ ގުޅުންތައް ގާއިމްކުރިތާ 54 އަހަރު!

14 Sep 2020 | 13:15

ދިވެހިރާއްޖެއިން ރަޝިޔަން ފެޑެރޭޝަނާއި ޚާރިޖީ ގުޅުންތައް ގާއިމްކުރިތާ 54 އަހަރު މިއަދު ފުރިއްޖެއެވެ.

1966ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ޚާރިޖީ ގުޅުންތައް ގާއިމްކޮށްފައިވަނީ އޭރުގެ ސޯވިއެޓް ޔޫނިއަނާއިއެވެ. އެއަށްފަހު ސޯވިއެޓް ޔޫނިއަން އުވި، ރަޝިޔަން ފެޑެރޭޝަން އުފެދިގެން ދިއުމާއި އެކު 1991 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ދިވެހިރާއްޖެއިން ވަނީ ރަޝިޔަން ފެޑެރޭޝަނަކީ ސޯވިއެޓް ޔޫނިއަންގެ ސަކްސެސަރ ސްޓޭޓްކަމަށް ބަލައިގެންފައެވެ.

ރަޝިޔާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން 2019ވަނަ އަހަރުގައި ދިވެހިރާއްޖެއަށް ވަނީ ރަޝިޔާގެ 83،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން ރަޝިޔާގެ ގައުމީ އެއާލައިންކަމަށްވާ އެއިރޯފްލޯޓްއިން ދެގައުމުގެ މެދުގައި ޝެޑިއުލް ދަތުރުތައް ބާއްވާކަންވެސް ފާހަގަކޮށްލެވެއެވެ.

ރަޝިޔާއިން ވަނީ ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ދާއިރާތަކުން ސްކޮލަރޝިޕްތައް ފޯރުކޮށްދީފައެވެ. މިގޮތުން މިހާރުވެސް ދިވެހިރާއްޖޭގެ ގިނަ ދަރިވަރުންތަކެއް ސްކޮލަރޝިޕް އަދި އަމިއްލަ ހައިސިއްޔަތުން އެގައުމުގައި ދަނީ މަތީ ތައުލީމް ހާސިލްކުރަމުންނެވެ. ރަޝިޔާއިން ތައުލީމް ހާސިލްކުރެއްވި މުހިންމު ބޭފުޅުންގެ ތެރޭގައި ކުރީގެ ބަންޑާރަ ނައިބު ޑރ.މުހައްމަދު މުނައްވަރުވެސް ހިމެނިވަޑައިގަންނަވައެވެ.

ސްރީލަންކާގައި ހުންނަ ރަޝިޔާގެ އެމްބަސީއިން ހާމަކުރާ ގޮތުގައި 2019ވަނަ އަހަރުގައި ރާއްޖެއާއި ރަޝިޔާއާއި ދެމެދުގައި ކުރެވުނު ވިޔަފާރީގެ މުއާމަލާތްތަކުގެ ޖުމްލަ އަދަދު  3.208 މިލިޔަން ޑޮލަރަށް އަރާނެއެވެ. މީގެ ތެރެއިން ބޮޑު ބަޔަކީ ރަޝިޔާގެ އެކްސްޕޯޓެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2019ވަނަ އަހަރުގެ ޖޫން މަހުގައި ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ރަޝިޔާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބެއެވެ.

Advertisement

ކޮމެންޓް