ޕީޖީ މަގާމުން ދުރުކުރުމަށް މަޖިލީހަށް މައްސަލަ ވައްދައިފި

20 Nov 2018 | 00:50

ޕްރޮސިކިއުޓާ ޖެނެރަލް، މަގާމު ފުރުއްވަމުންގެންދަވާ އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމަށް ވިދާޅުވެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު، އަބްދުﷲ އަހުމަދު މިއަދު މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

މައިގަނޑު ފަސް ސަބަބެއްގެ މައްޗަށް ބިނާކޮށް އަބްދުﷲ މިއަދު ހުށައެޅުއްވި މައްސަަލައިގައި ވަނީ މެންބަރުން ހައްޔަރުކޮށްް އެބޭފުޅުންގެ މައްޗަށް ކުރެވުނު ތަހުގީގުތަކާއި އުފުލުނު ދައުވާތަކުގައްޔާއި ބައެއް ޖިނާއީ ކުއްތަކުގައި ޕީޖީގެ ބޮޑެތި އިހުމާލުތަކެއް ހުރުމާއި މަސްއޫލިއްޔަތު އަދާނުކުރެވިވާކަމުގެ ތުހުމަތުތަކެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ސަބަބުތައް:

1- ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމަށް ހައްޔަރުކުރިއިރު، އެ މެންބަރުންގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ ވަށައިގެންވާ ކަންކަމަކީ ކޮބައިތޯއާއި، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކުރައްވާފައިނުވުމާއި، ފުލުހުންގެ އިދާރާއިން އެދޭކޮންމެކަމެއް ކޮށްދެއްވަމުން ގެންދަވާ އުސޫލުން އަމަލުކުރައްވާފައިވުން.

2. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއްގެ ތުހުމަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމާނުލައި ބަންދުކޮށްފައި ބެހެއްޓިއިރު، އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމުގައި އަމަލުކުރަން އޮންނަ އިޖުރާއަތާ ހިލާފުކަމެއްކަމަށްވާއިރުވެސް، އެކަން ބައްލަވައި، އެ އިޖުރާއަތަށް އަމަލުކުރެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އެ ހިނދުން އެހިނދަށް އަންގަވާފައިނުވުމުގެ އިތުރަށް، އެ މެންބަރު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓާފައިވާއިރު، އެކަން ރަނގަޅުކުރެއްވުމަށް އެއްވެސް މަސައްކަތެއް ގާނޫނީމަގުން ނުވަތަ ޝަރުއީމަގުން ނަމަވެސް ކުރައްވާފައިނުވުން.

3. ޖިނާއީ ކުށްކުށުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމުގައި ޢަމަލުކުރުމަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެކަން ހުއްޓުވާފައިނުވުމާއި، އެކަމުން މަނާވެގެންފައިނުވުން.

4. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަނުވެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ޝަރީއަތް ހިނގަމުންދިޔައިރު، އެކަން ހުއްޓުވާފައިނުވުމާއި ގާނޫނާއެއްގޮތަށް އެކަންކުރުމަށް ބާރުއަޅުއްވާފައިނުވުން.

5. ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަށް އޭނާގެ ޙާޟިރުގައި ޝަރީއަތްކުރެވުމުގެ ހައްޤު ލިބިދީފައިވާއިރު، އަދި އެ ހައްގު ގާނޫނަކުން ހަނިކޮށްފައިނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ޝަރީއަތްކޮށް ޣައިރު ޙާޟިރުގައި ހުކުމް ކުރެވިގެންދިޔައިރު، އެކަން ހުއްޓުވާފައިނުވުމާއި އެކަން ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވާފައިނުވުން.

މީގެ އިތުރުން ބިޝާމް މަސައްކަތް ކުރައްވާފައިވަނީ ސިޔާސީ މަސްލަހަތައް ބެލުމެއް ނެތި ކަމަށާއި ހަމަ އެކަނި ސިޔާސީ ބޭނުންފުޅު އިސްކުރައްވައިގެންކަން އަބްދުﷲ ތުހުމަތު ކުރެއްވިއެވެ.

އަދި މިގޮތުން އުފުއްލެވި މައްސަލަތަކާ ހުރެ ޖިނާއީ ކުށެއްނެތި ޖަލުގައި ނުވަތަ ބަންދުގައި ތިބެންނުޖެހޭ ބަޔަކު ޖަލުގައި ދުވަސްތަކެއް ހޭދަކުރަންޖެހިފައިވާ ކަމަށެވެ.

މިމައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިމިވަނީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާ އާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 178 ވަނަ މާއްދާގެ ދަށުން އެވެ.

އަބްދުﷲ ވަނީ މިމައްސަލަ ހުށައެޅުއްވުމުގެ ކުރިންވަނީ ބިޝާމް އަށް ރީތިގޮތުގައި އިސްތިއުފާދެއްވުމަށް ގޮވާލައްވާ އެކަން އެގޮތައް ނުކޮއްފިނަމަ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވާނެ ކަމަށް އިންޒާރުދެއްވާފައެވެ.

Advertisement

ކޮމެންޓް