ސުއަރޭޒް އެޓްލެޓިކޯ މެޑްރިޑްއަށް، މޮރާޓާ އެނބުރި ޔުވެންޓަސްއަށް

22 Sep 2020 | 02:48

ބާސެލޯނާއާއެކު ވެފައިވާ އެއްބަސްވުން އުވާލާ ލުއިސް ސުއަރޭޒް ވާދަވެރި އެޓްލެޓިކޯ މެޑްރިޑަށް ބަދަލުވުމާއި ގާތަށް ޖެހިލައިފިއެވެ.

ކޮރޯނާވައިރަސް ޕެންޑެމިކްގެ ސަބަބުން ކްލަބަށް ދިމާވެފައިވާ މާލީ ނުތަނަވަސްކަމުގެ ސަބަބުން މި ސީޒަނުގެ ޓްރާންސްފާ މާކެޓުގައި މާބޮޑަށް ހަރަކާތްތެރިވާތަން ނުފެންނަ އެޓެލެޓިކޯއިން ސުއަރޭޒް ގެންގޮސްފައިވަނީ ހިލޭ ޓްރާންސްފާއެއްގައެވެ.

2016 ވަނަ އަހަރު ބާސެލޯނާ އަދި ސުއަރޭޒް އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ސުއަރޭޒްގެ ކޮންޓްރެޓްގައި ބާކީ އެއް އަހަރު އޮތް ކަމުގައި ވީނަމަވެސް މި ސީޒަނުގައި އެ ކްލަބްގެ ކޯޗްކަމާ ހަވާލުވި ކޯމަން ވަނީ އޭނާގެ ޕްލޭންގައި ސުއަރޭޒް ނުހިމެނޭކަމަށް ބުނެފައެވެ.

ސުއަރޭޒްގެ ސޮއި ލިބުމާއެކު އެޓްލެޓިކޯއިން ވަނީ އެޓީމުގެ ސްޓަރައިކަރ އަލްވާރޯ މޮރާޓާ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއަށް ހުށަހަޅާފައެވެ. މި އެއްބަސްވުމުގެ ދަށުން ޔުވެންޓަސްއަށް މޮރާޓާ ދާއިމީ ކުޅުންތެރިޔެއްގެ ގޮތުގައި ގަތުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ޔުވެންޓަސްއާއެކު ފާހަގަކޮށްލެވޭ ކާމިޔާބުތަކެއް ހާސިލްކޮށްފައިވާ މޮރާޓާ އެނބުރި އެ ކްލަބަށް ގެންދިޔުމަށް ކޯޗް ޕިރްލޯވެސް ބޭނުންވާ ކަމަށް ސްޕެއިންގެ ފުޓްބޯޅަ ކަވަރު ކުރާ މީޑިއާތަކުްން ވަނީ ރިޕޯޓް ކޮށްފައެވެ. ޔުވެންޓަސްގެ ކުޅުންތެރިޔެއް ގޮތުގައި ޕިރްލޯ ހޭދަ ކުރި ފަހު ދުވަސްވަރު އޭނާ ވަނީ މޮރާޓާއާއެކު އެކްލަބް އެކި މުބާރާތްތަކުގައި ތަމްސީލުކޮށްފައެވެ. 

Advertisement

ކޮމެންޓް