މިނިވަން ފިކުރަކީ ހަރުކަށި ފިކުރެވެ.

23 Sep 2020 | 12:17

މުޙައްމަދު އަފްޒަލް

ފިކުރަކީ ހިޔާލު ނުވަތަ ބުއްދި އެވެ. މީހެއްގެ ހިޔާލު ނުވަތަ ބުއްދި މިނިވަން ވެއްޖެނަމަ، އޭނާއާ އެއްހަމައެއްގައި ހުރެވޭނެ އެއްވެސް އެހެން އިންސާނަކު ނުހުންނާނެއެވެ. އެހެނީ އޭނާގެ ހިޔާލާއި ބުއްދި އެހެންއެންމެންގެ ވިސްނުމާ ޚިލާފަށް މިނިވަން ވާނެއެވެ. ނަތީޖާއަކަށްވާނީ އެނާ އެހެން މީހުންނާމެދު ހަރުކަށި ނަޒަރަކުން ދެކުމެވެ. ނުވަތަ އެހެންމީހުން އޭނާއާމެދު ހަރުކަށި ނަޒަރަކުން ދެކުމެވެ. މިހެންވެއްޖެނަމަ މިނިވަން ފިކުރު ހަރުކަށިވީއެވެ.

މިނިވަން ކަމާ ހަރުކަށިކަން މިއީ ޙަޤީޤަތުގައި އިންސާނީ މުޖްތަމަޢު ހަމަމިނުގައި ދެމިއޮތުމަށް ނުހަނު ބޭނުން ދެ ކަންތަކެވެ. އެހެނަސް މި ދެ ކަންތައް ވެސް އެއްކަމެއް އަނެއްކަމެއްގެ މައްޗަށް ގަދަވެގަނެގެން ނުވާނެއެވެ. މިނިވަންކަމެއްނެތި ހަރުކަށި ވެއްޖެނަމަ، އަނިޔާއަކަށް ވާފަދައިން ހަރުކަށިކަމެއްނެތި މިނިވަން ވެއްޖެނަމަ އަނިޔާވެރިކަން އޭގެޒާތުގައި މާބޮޑުވެގެން ދެއެވެ.

މިގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންނާއި މިރާއްޖެ ހިންގުމާ ޙަވާލުވެލައްވައިގެން ތިއްބެވި ވެރިންނާއި، ޤައުމު ހިންގުމަށް ކަނޑައަޅާފައިހުރި އެކި އެކި ޤާނޫނުތައް މިސާލެއްގެ ގޮތުގައި ބަލައިލަމާތޯއެވެ! 

ރައްޔިތުންނަކީ ޢާއްމުންނެވެ. ވެރިންނަކީ ޚާއްޞުންނެވެ. އެދެބައިމީހުން އެއްބަސްވެ ޢަމަލުކުރަން އޮތީ ޤާނޫނެވެ. މި ޤާނޫނުގައި ޢާއްމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން އެއީ މަނާކަމެކެވެ. މީހަކު މިނިވަން ފިކުރުގެ ފޭރަމުގައި ނިކުމެ ޢާއްމު ތަނެއްގައި ސިނގިރޭޓު ބޮއިފިނަމަ އޭނާ އާމެދު ޤާނޫނުގައި އަޅަން އޮންނަ ފިޔަވަޅެއް އެޅުމަކީ ހަރުކަށި ކަމެއް ނޫނެވެ. އަދި ކިޔެއް، އެއީ އިންސާފު ކަމުގައި ނޫނީ ނުވާނެއެވެ. އޭނާ ކިތަންމެ ވަރަކަށް އެއީ ތިމަންނާގެ މިނިވަން ކަމޭ، ތިމަންނާގެ މިނިވަން ފިކުރޭ ބުނުމަކުން، އެކަން އެގޮތަށް ބަލައިގަންނާނެ މީހަކު ނުހުންނާނެއެވެ. އަދި އޭނާ ސިނގިރޭޓު ބޯން އުޅެނިކޮށް އެކަން ހުއްޓުވާ މީހާއަކީ ޢާއްމުންގެ މީހަކު ކަމުގައި ވިޔަސް އަދި ޚާއްޞުންގެ މީހަކު ކަމުގައިވިޔަށް އެހިންގަނީ ހަރުކަށި ޢަމަލެއް ނޫނެވެ.

ހަމައެގޮތަށް ޤާނޫނުގައި ކުރަން އޮންނަ ކަމެއް ނުކުރުންވެސް އެއީ މިނިވަން ފިކުރެކޭ ކިޔާ ފުއްދާ ނުލެވޭނެއެވެ. މިސާލަކަށް މީރާއަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ފައިސާ ނުދައްކާ ވިޔަފާރި ކުރަމުން، މީ ތިމަންނާގެ ފައިސާއޭ، މި ފައިސާގެ މިނިވަންކަން އޮތީ ތިމާގެ އަތުގައޭ ބުވޭނެ ޖާގައެއް ނޯވެއެވެ. އަދި ތިމާގެ އަމިއްލަ މުދަލުން ޖީ.އެސް.ޓީ ނެގުމަކީ ހަރުކަށި ފިކުރުގެ ބަޔަކު ހިންގާ ހަރުކަށި ޢަމަލެކޭވެސް ނުބުނެވެއެވެ. އެއީ މީރާގެ އޮފިސަރުން ތިބާގެ އަމިއްލަ ފިހާރައަށް ވަދެ ތިބާ ކުރަމުންގެންދާ ވިޔަފާރީގެ ހިސާބު ކިތާބު، ތިބާގެ ހާޒިރުގައި ބަލާ ޓެކުހުގެ ގޮތުގައި ބޮޑެތި ޢަދަދުތައް ތިބާގެ މައްޗަށް ތަކުލީފު ކުރަމުން ދިޔަކަމުގައި ވިޔަސްމެއެވެ. އެފައިސާ ނުދައްކައިފިނަމަ، ނުވަތަ ތިބާގެ މިނިވަން ފިކުރު ފުޅާކޮށްލާ، އެފައިސާ ނުދައްކާނަމޭ ބުނެފިނަމަ، ތިބާގެ އެކައުންޓުތައް ފްރީޒް ކޮށްލުންވެސް އެއީ ހަރުކަށި ފިކުރުގެ ޢަމަލެއް ކަމަކަށްވެސް ނުވެއެވެ. އެއީ ކީއްވެގެން ތޯއެވެ؟ އެއީ މިދަންނަވާ ގޮތަށް މުޖްތަމަޢު ހަމަމިނުގައި ދެމެހެއްޓުމަށް ހިފަހައްޓަންޖެހޭ މިންގަޑުތަކެއް ހިފެހެއްޓުން ކަމުގައި އެކަންކަން ވީތީއެވެ. މިފަދަ މިންގަނޑުތައް ފަހަނައަޅާ ދާނަމަ އިޖްތިމާޢީ ހަމަޖެހުން ގެއްލި، ރައްޔިތުންގެ މެދުގައި ނާމާންކަން ވެރިވެ، ބިރުވެރިކަން ފެތުރެއެވެ.

އަދިވެސް ހަމަ މިރާއްޖޭގެ ޤާނުނަށް ބަލައިލަމާތޯއެވެ. ޤާނޫނު އަސާސީގައި ބުނެފައިވަނީ ދިވެހިންގެ ދީނަކީ އިސްލާމް ދީންކަމުގައެވެ. އިސްލާމްދީނަކީ އޭގެ ޒާތުގައިވެސް ސަލާމާތްތެރި އަމާންދީނެކެވެ. ދީނުގެ ނަމުގައި ހައްދު ފަހަނައަޅައި ދިއުމަކީ އެމީހަކު އެމީހެއްގެ ފިކުރު ދީނީ ކަންކަމާއިމެދު މިނިވަންވެގެން ވާކަމުގައި ދެކުމެވެ. އަދި ހަމަ އެހެންމެ ދީނީ މިނިވަންކަމަށް ގޮވާލުމާއި، ދީނީގޮތުން މިނިވަން ފިކުރުު ގެންގުޅުމަކީ ދީނުގައި އޮންނަ ގޮތްތަކުގެ މައްޗަށް އޭނާގެ ފިކުރު ހަރުކަށިކުރުމެވެ. މިއީ ދީނާ ޚިލާފުވުމުގެ އިތުރުން މިރާއްޖޭގެ ޤާނޫނު އަސާސީއާއިވެސް ޚިލާފުވުމެވެ.

އެއް ގޮތައްވުރެ ގިނަ ގޮތްގޮތުން ހައްދު ފަހަނައަޅާފައިވާ މުޖްތަމައެއް، ހައްދެއްގެ ތެރޭ ޤަރާރު ކުމަށްޓައި ބާވާލެވުނު ދީނެއް ކަމުގައި ނޫނީ އިސްލާމްދީން ނުވެއެވެ. މައިދައިތަޔާއި ކައިވެނިކުރުމާއި އަންހެންދަރިން ދިރިތިއްބާ ވަޅުލުން އެއީ މިނިވަން ފިކުރުކަމުގައި އެބައިމީހުން ދިޔައީ ދެކެމުންނެވެ. ކޮންމެ މީހަކު ބޭނުންވާ ކޮންމެ ކަމަކަށް ކަލާނގެއެއް ހަދައި، ހެއްދެވިފަރާތާއި ޝިރުކު ކުރަމުން ދިޔައީ އެބައިމީހުންގެ ހަރުކަށި އަދި މިނިވަން ޚިޔާލާތު، ރަމްޒެއްކަމުގައި ދައްކަމުންނެވެ. ތެތް ކަދުރު އެއްކޮށް އެއިން އިލާހެއް ހަދައި ހެނދުނު އެއަށް އަޅުކަންކޮށް ހަވީރު އޭތި ކާލަނީވެސް މިނިވަން ފިކުރު އޭގެ ނިހާޔަތަށް ގެންގޮސް ހަރުކަށި ޝިޢާރަކަށް ބަދަލު ކުރަމުންނެވެ. އެދުވަހުގެ ނާމާން އެ ޢަމަލުތަކުގެ ތެރެއިން އިސްލާމްދީން ގެނެސްދެއްވި އިޖްތިމާޢީ ހަމަޖެހުމާއި، އަމަން އަމާންކަމާއި، ފަރުދީ ހަމަހަމަކަމާއި، މިނޫންވެސް ހުރިހާ ތަސައްލީއަކީ، މުޅި ބަޝަރިއްޔަތަށް ލިބިގެންދިޔަ މިނިވަންކަމަކާއި ހަމަޖެހުުން ގެނުވި ކަމެއްކަމުގައި ނޫނީ ނުވެއެވެ.

މިފަދަ މާތް، މަތިވެރި ދީނެއްގައި އަންގަވާފައިވާ ގޮތްތަކަށް ޢަމަލުކުރުމަކީ ހަރުކަށި ފިކުރުކަމުގައި ބުނާނަމަ އެއީ ގޯހެކެވެ. އަދި ހަމަ އެހެންމެ މިއީ އެއްވެސް އަސްލެއް އޮތް ދީނެއް ނޫންކަމަށް ބުނުމާއި އެދީނުގައި އަންގަވާފައިވާ ގޮތް އެއީ ގޯސްގޮތް ކަމުގައި ބުނުން އެއީ މިނިވަން ފިކުރު ކަމުގައިވެސް ނުބުނެވޭނެއެވެ.

Advertisement

ކޮމެންޓް