އާ ސަރުކާރެއް އުފެއްދޭ ވަރަށް މެންބަރުންގެ މެޖޯރިޓީ ލިބިއްޖެ: އަންވަރު

23 Sep 2020 | 16:21

މެލޭޝިޔާގައި މިހާރު އޮތް ސަރުކާރު ބަދަލުކޮށް އާ ސަރުކާރެއް އުފެއްދޭ މިންވަރަށް ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާކަމަށް އެގައުމުގެ އިދިކޮޅު ޕަކަޓަން ހަރަޕަން ކޯލިޝަންގެ ލީޑަރ އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންވަރު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އަންވަރު ވިދާޅުވީ މިހާރުގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ވެރިކަމާ އެ ސަރުކާރުގެ އަމަލުތަކާއި މެދު ނުރުހޭ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންގެ ތާއިދު އެބޭފުޅާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މި އަދަދު ސީދާ ހާމަ ނުކުރެއްވި ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބަޔާއި ގާތްކުރާ އަދަދަކަށް ތާއިދު ލިބިފައިވާކަމަށް އަންވަރު ވިދާޅުވިއެވެ.

އެބޭފުޅާ ވިދާޅުވީ މި އަދަދު ސީދާ ހާމަކުރައްވާނީ މެލޭޝިޔާގެ ރަސްގެފާނުގެ ފައިންޕުޅު ދެކިލެއްވުމަށް ފަހުގައި ކަމަށެވެ. މިވަގުތު އެގައުމުގެ ރަަސްގެފާނު ދަނީ ހިތުގެ ބަލީގެ ޚާއްސަ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ.

އަންވަރު ވަނީ އެބޭފުޅާ އުފައްދަވާ ސަރުކާރަކީ އިންސާފުވެރި އަދި ހުރިހާ ފަރާތްތައް އެކުލެވޭ ސަރުކާރަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ. 

މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި މިވަގުތު ހުންނެވި މުހްޔިއްދީން ޔާސީނަކީ މެލޭޝިޔާ ޔުނައިޓެޑް އިންޑީޖެނަސް ޕާޓީގެ ބޭފުޅެކެވެ. އެބޭފުޅާ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވީ ޕަކަޓަން ހަރަޕަން ކޯލިޝަންގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކަށް ފަހު އޭރުގެ ބޮޑުވަޒީރު ޑރ.ތުން މަހާތިރު މުހައްމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

Advertisement

ކޮމެންޓް