ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށް ޖޭއެސްސީން ދެނަމެއް ފާސްކޮށްފި

23 Sep 2020 | 21:58

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ދެނަމެއް ފާސްކޮށްފިއެވެ.

ޖޭއެސްސީން ބުނީ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާންގެ ދަށުން ހައިކޯޓަށް ކުރިމަތިލާފައިވާ ފަރާތްތައް ކޮމެޓީން ސްކްރީންކޮށް އިންޓަރވިއުކުރުމަށްފަހު ކޮމިޝަނުން ހުށައަޅާފައިވާ ރިޕޯޓްގެ ތަރުތީބުން، "ހައިލީ ރިކޮމެންޑް" ކޮށްފައިވާ އަލްއުސްތާޛު ހަސަން ޝަފީއު އަދި އަލްއުސްތާޛާ ފާތިމަތު ފަރުހީޒާ އައްޔަންކުރުމަށް މިއަހަރުގެ 20 ސެޕްޓެމްބަރު ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.

ސ. ފެދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ އަލްއުސްތާޛާ ފާތިމަތު ފަރުހީޒާ ވަނީ ގާނޫނީ ރޮނގުން މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ބެޗެލަރ އޮފް ލޯ (އޮނާސް) އަދި މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވައިފައެވެ. އޭގެ އިތުރުން ފަރުހީޒާ ވަނީ ގާނޫނީ ވަކީލުކަމުގެ 10 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވައި، ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން ގާނޫނީ ދާއިރާއިންވެސް ކިޔަވައިދެއްވާފައެވެ.

އަލްއުސްތާޛު ހަސަން ޝަފީއު ވަނީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިން ބެޗެލާ އޮފް ލޯ (އެލްއެލްބީ) އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓާއި ސިވިލް ކޯޓުގައި އެބޭފުޅާ މަސައްކަތް ކުރައްވާފައިވެއެވެ.

ޝާފިއު އަކީ ގާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. މީގެ އިތުރުން އެބޭފުޅާއަކީ ގާނޫނީ ދާއިރާއިން ކިޔަވައިދިނުމުގެ އިތުރުން ގާނޫނުތައް ޑްރާފްޓް ކުރުމުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް