ދެކުނު ކޮރެއާގެ މީހަކު މަރާލި މައްސަލައިގައި އުތުރު ކޮރެއާގެ ލީޑަރ މައާފަށް އެދިވަޑައިގެންފި

25 Sep 2020 | 22:18

އުތުރު ކޮރެއާގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށް އެގައުމަށް އެތެރެވި ދެކުނު ކޮރެއާގެ މީހަކު މަރާލި މައްސަލައިގައި، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން މައާފަށް އެދިވަޑައިގެންފިއެވެ.

ދެކުނު ކޮރެއާގެ ރައްޔިތުންނާއި ރައީސް މޫން ޖެއި އިންގެ އަރިހުން ކިމް މައާފަށް މައާފަށް އެދިވަޑައިގެންނެވީ ދެކުނު ކޮރެއާގެ ރައީސަށް ފޮނުއްވެވި ސިޓީއެއްގައެވެ. މިއީ ފަހުގެ ތާރީޚެއްގައި އުތުރު ކޮރެއާގެ ވެރިއަކު އެހެން ގައުމެއްގެ ލީޑަރެއްގެ ކިބައިން މައާފަށް އެދިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކިމް ޖޮންގް އުން ވިދާޅުވީ މިއީ ހިނގައިގެން ވާނެފަދަ ހާދިސާއެއް ނޫންކަމަށާއި، މިކަމާއި މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާކަމަށެވެ. މި ސިޓީގައި އުތުރު ކޮރެއާއިން ވަނީ މި ހާދިސާ ހިނގައިދިޔަ ގޮތްކަމަށް އެގައުމުން ބުނާގޮތް ހާމަކޮށްފައެވެ.

އެގޮތުން ބަލާއިރު އެމީހާ އުތުރު ކޮރެއާގެ ސަރަހައްދަށް ކަނޑުމަގުން ވަނުމުން، އޭނާއަކީ ކާކުކަން ހާމަކުރަން ބުނުމުން އެކަން ނުކުރުމުން 10 ފަހަރު ބަޑިޖެހިކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. އަދި އެއަށްފަހު އޭނާ ފެންމަތީގައި އޮންނަން ބޭނުންކުރި އުޅަނދު އަންދާލިކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ޖާސޫސީ މައުލޫމާތުތަކަށް ރިއާޔަތްކޮށް ދެކުނު ކޮރެއާއިން މީގެކުރިން ވަނީ އެމީހާ ގަޔަށް ބަޑިޖެހުމަށްފަހު އަންދާލިކަމަށް ބުނެފައެވެ. ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އުތުރު ކޮރެއާއިން އެގައުމަށް ގަވާއިދާއި ޚިލާފަށް އެތެރެވާ ފަރާތްތަކާ ދެކޮޅަށް މި ދުވަސްވަރު ދަނީ "ޝޫޓް ޓު ކިލް" ޕޮލިސީއެއް ގެންގުޅެމުންނެވެ. މި ޕޮލިސީ ގެންގުޅެމުންދަނީ ކޮރޯނާ ވައިރަސް އެގައުގައި ފެތުރުނަ ނުދިނުމަށެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި ދެކޮރެއާގެ ދެމެދުގައި ވަނީ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައެވެ. ސަބަބަކީ ދެގައުމު ބޯޑަރ ގުޅޭ ސަރަހައްދުގައި ހުންނަ ކައެސޮންގ އަވަށުގައި ހުރި ލިއޭޒަން އޮފީހެއް އުތުރު ކޮރެއާއިން މިއަހަރުގެ ޖޫން މަހުގައި ގޮއްވާލުމުންނެވެ.

Advertisement

ކޮމެންޓް