ފުރިހަމަ ވަގުތު ހަމަވުމަށްފަހު ލިބުނު ޕެނަލްޓީން ޔުނައިޓެޑް މޮޅުވެއްޖެ

30 Sep 2020 | 05:51

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަދި ބްރައިޓަން ވާދަކުރި މެޗް 2-3 ގެ ނަތީޖާއަކުން ޔުނައިޓެޑް ކާމިޔާބު ކޮށްފިއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލް ޖަހާ ކުރި ހޯދާފައިވަނީވެސް އެޓީމުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ފެނާންޑޭސް ކުރި ފައުލަކާ ގުޅިގެން ބްރައިޓަންއަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ މައުޕޭއެވެ.

ނަމަވެސް އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ޔުނައިޓެޑް ވަނީ ލިބުނު ހިލޭ ޖެހުމެއްގެ ފައިދާ ނަގާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލަކީ ބްރައިޓަންގެ ޑިފެންޑަރު ޑަންކްގެ އަތުން ބައިކޮޅަށް ވައިން ގޯލެކެވެ.

ފުރަތަމަ ހާފް އަދި ދެވަނަ ހާފުގަވެސް ފާހަގަވެގެން ދިޔަ އެއްކަމަކީ ޔުނައިޓެޑްގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ނުދިޔަކަމެވެ. މި ސީޒަނުގައި މިހާތަނަށް ތިން މެޗް ކުޅެފައިވާއިރު، ތިން މެޗުގައިވެސް ޔުނައިޓެޑްގެ ފަރާތުން އުންމީދުކުރިވަރުގެ ކުޅުމެއް ފެނިފައިނުވާތީވެ އެ ކްލަބަށް އަންނަނީ ގިނަބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ.

ފަހަކަށް އައިސް ވަކިވަކި ކުޅުންތެރިންގެ ފަރާތުން ފެންނަ 'އިންޑިވިޖުއަލް ބްރިލިއަންސް' އަށް އިިންތިހާއަށް ބަރޯސާވާ ކަމަށް ފާހަގަކުރެވޭ ޔުނައިޓެޑްގެ ދެވަނަ ގޯލް ޖަހާ ކުރި ހޯދަދިނީ ރަޝްފޯޑެވެ. މި ގޯލަކީ އޭނާގެ ސޯލޯ އެފޯޓުން ޖެހި ހިތްގައިމު ގޯލެކެވެ.

ބްރައިޓަންގެ ފަރާތުން ގިނަ ހަމަލާތަކެއް މި މެޗުގައި ފެނިގެން ގޮސްފައިވާއިރު އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ނިންމާ ނުލެވުންކަން ފާހަގަ ކުރެވުނެވެ. މުޅި މެޗް ޑޮމިނޭޓް ކުރި ބްރައިޓަން ފޮނުވާލި ޖުމްލަ 5 ހަމަލާއެއް ވަނީ އިދިކޮޅު ޓީމުގެ ގޯލު ދަނޑިއާއި އަމާޒުވެފައެވެ. އޭގެ އިތުރުން ރެފްރީ ވަނީ ބްރައިޓަންއަށް ލިބުނު ޕެނަލްޓީއެއް ވީއޭއާރް މެދުވެރިކޮށް ބެލުމަށްފަހު އެއީ ޕެނަލްޓީއެއް ނޫން ކަމަށްވެސް ނިންމާފައެވެ.

ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔަ ބްރައިޓަންއަށް ހިތްހަމަޖެހުމެއް ލިބުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގަ އެޓީމުގެ މާޗް ގޯލެއް ޖަހާ ނަތީޖާ 2-2 ކަށް ހެދުމާއެކުއެވެ.

ބްރައިޓަންގެ ގޯލަށް ފަހު އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޔުނައިޓެޑުން އުފެއްދި ހަމަލާއަށްފަހު ކުޅުން ނިމުނީކަން އަންގަން ރެފްރީ ކަށިގަނޑު ފުމުމަށްފަހު ފެނިގެންދިޔައީ ވީއޭއާރް މެދުވެރިކޮށް ޔުނައިޓެޑް އުފެއްދި ހަމަލާ އަލުން ރިވިއުކޮށް އެޓީމަށް ޕެނަލްޓީ އެވޯޑް ކުރި މަންޒަރެވެ.

ވީއޭއާރް މެދުވެރިކޮށް ބެލި ބެލުމުގައި ކެޕްޓަން މެގުއެޔާ ފޮނުވާލި ބޯޅަ ވަނީ ބްރައިޓަންގެ މައުޕޭ އަތުގައި ޕެނަލްޓީ އޭރިއާތެރެއިން ޖެހިފައެވެ.

ޕެނަލްޓީ ކާމިޔާބުކޮށް ޔުނައިޓެޑަށް މި ސީޒަނުގެ ފުރަތަމަ 3 ޕޮއިންޓް ކަށަވަރު ކޮށްދިނީ ބްރޫނޯ ފެނާންޑޭސްއެވެ.

މެޗާގުޅޭ ގޮތުން ޝޯލްޝާ ބުނީ އޭނާގެ ޓީމަށް ހައްގީ އެންމެ ޕޮއިންޓެއް ކަމަށެވެ. ނިމިދިޔަ ސީޒަނުގައި ގިނަ މެޗުތައް އެއްވަރުވެގެން ނިމުނު ކަމަށައި އެހެންކަމުން މި މެޗުން މޮޅުވުމުން އުފާ ކުރާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މޮޅު ކުޅުމެއް ދެއްކުމަށްފަހު ބަލިވި ބްރައިޓަންގެ ކޯޗް ގްރަހަމް ޕޮޓާ ބުނީ މި މެޗުން އެއް ޕޮއިންޓް ނަމަވެސް އޭނާގެ ޓީމަށް ހައްގު ކަމަށެވެ. 

Advertisement

ކޮމެންޓް