މިނިސްޓަރ ނަހުލާއާއި ދެކޮޅަށް އޭސީސީއަށް މައްސަލައެއް ހުށައަޅައިފި

29 Sep 2020 | 16:15

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި ދެކޮޅަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށައަޅައިފިއެވެ.

ޝިޕިންގ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ސޮއިކޮށް މިނިސްޓަރ ނަހުލާއާއި ދެކޮޅަށް މައްސަލައެއް ހުށައަޅާފައިވަނީ ދިވެހިރާއްޖޭގެ ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު އުވާލުމުންނެވެ. އެގޮތުން އެ ދާއިރާގައި ހަރަކާތްތެރިވާ 70އަށްވުރެ ގިނަ ފަރާތްތަކުން މި މައްސަލައިގައި ސޮއިކުރިިކަން އެނގިފައިވެއެވެ.

އެގޮތުން އެ ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި އެ ގަވާއިދު އުވާލާފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނާއިވެސް ޚިލާފަށް ބޯޑަށް ހުށަނާޅުއްވައި ގަވާއިދު އުވާލެއްވީ ވަކިބަޔަކަށް ނާޖާއިޒު ފައިދާ ހޯއްދަވައިދެއްވުމަށެވެ. 

އެ މައްސަލައިގައިވާ ގޮތުގައި އެޤަވާޢިދަށް އަމަލު ކުރަމުން ދިޔައިރުވެސް ޤަވާޢިދު ތަންފީޒް ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން އެއްވެސްކަމެއް ކޮށްފައެއް ނުވެއެވެ. އަދި އެކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ތަކުރާރުކޮށް ހުށައަޅާފައިވާނެކަމަށްވެސް ވަނީ ބުނެފައެވެ. 

މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ އޮންލައިން މީޑިއާއެއްކަމަށްވާ "ޖަޒީރާ"އަށް  މައުލޫމާތުދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ގަވައިދު އުވާލެއްވީ ބަންޑާރަ ނައިބުގެ ފަރާތުން އެގޮތަށް ލަފާ ދެއްވުމުން ކަމަށެވެ. އަދި ސްޓޭކްހޯލްޑަރުން ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު އަލުން ގަވައިދު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް