އަދީބު ކުރި ކުށްތަކަށް އޭނާ އިއުތިރާފުވެއްޖެ!

30 Sep 2020 | 22:17

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު، ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.

އަދީބު މިފަދައިން ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ އަޑުއެހުމުގައި ވާހަކަދައްކަވަމުންނެވެ.

މިއަދުގެ އަޑުއެހުމުގައި އެބޭފުޅާ ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކާއި ގުޅިގެން އުފުލުނު 7 ދައުވާއަށް އިއުތިރާފް ވެވަޑައިގެންފައެވެ. އަދި އެކަމާއި ގުޅޭ ހުރިހާ ވާހަކަތަކެއް ތެދަށް ކިޔައިދޭން ބޭނުންވާ ކަމަށާއި، އިއުތިރާފްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތިކަމަށްވެސް އަދީބު ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައިގައި އެބޭފުޅާގެ ފުރިހަމަ އެއްބާރުލުން ނުލިބި އެކަށީގެންވާ ތަހުގީގެއް ނުކުރެވޭނެކަމަށް ގަބޫލުކުރައްވާކަމަށްވެސް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބު ވަނީ މީގެކުރިން ކުރެވުނު ކުށްތަކަށް ތައުބާވެ ވަޑައިގަންނަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. އަދީބު ވަނީ ޖަލުގައި ހޭދަކުރެވުނު މުއްދަތާއި ބަލި ހާލަތަށް ރިއާޔަތްކޮށް އަދަބު ލުއިކޮށްދޭން ގާޒީގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މި 7 ދައުވާއަށް އަދީބުގެ މައްޗަށް ހުކުމްކުރުން އަންނަ ހަފްތާގެ ހޯމަ ދުވަހަަށް ވަނީ ފަސްކޮށްފައެވެ.

Advertisement

ކޮމެންޓް