ކުރީގެ ނައިބު ރައީސް އަދީބު 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

05 Oct 2020 | 20:52

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލުނު 7 ދައުވާ ސާބިތުވެ، އެބޭފުޅާ ޖުމްލަ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މި 7 ދައުވާތަކުގެ ތަފްސީލްތަކަށް ބަލާއިރު އޭގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

ޚިޔާނާތުގެ މައްސަލަތަކުގައި އެންމެފަހުން އޮތް އަޑުއެހުމުގައި އެބޭފުޅާ ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކާއި ގުޅިގެން އުފުލުނު 7 ދައުވާއަށް އިއުތިރާފް ވެވަޑައިގެންފައެވެ. އަދި އެކަމާއި ގުޅޭ ހުރިހާ ވާހަކަތަކެއް ތެދަށް ކިޔައިދޭން ބޭނުންވާ ކަމަށާއި، އިއުތިރާފްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތިކަމަށްވެސް އަދީބު ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައިގައި އެބޭފުޅާގެ ފުރިހަމަ އެއްބާރުލުން ނުލިބި އެކަށީގެންވާ ތަހުގީގެއް ނުކުރެވޭނެކަމަށް ގަބޫލުކުރައްވާކަމަށްވެސް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބު ވަނީ މީގެކުރިން ކުރެވުނު ކުށްތަކަށް ތައުބާވެ ވަޑައިގަންނަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް