ގުބާރު 24

13 Oct 2020 | 11:29

އިގްބާލު ވަގުތުން އެމްބިއުލަންސަށް ގުޅިއެވެ. އެމްބިއުލަންސަށް ގުޅިތާ މާގިނަ އިރުތަކެއް ނުވަނީސް އެމްބިއުލަންސް އައެވެ. އޭރު އެ ސަރަހައްދަށް ފުދޭވަރަކަށް މީހުންވެސް ޖަމާވެފައި އޮތެވެ. އެމްބިއުލަންސް އައުމާއެކު ވަގުތުން ސާރާ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އިމަޖެންސީއަށް ވެއްދިއެވެ. އިގްބާލު ހުރީ ސާރާއަށްވީ ގޮތެއް ނޭންގުމުން ހާސްވެ ކަންބޮޑުވެފައެވެ. އެވަގުތު ކުއްލިއަކަށް ހަނދާންވީ އޭނާ އަތުގައި އޮތް ސާރާގެ ފޯނު މަތިންނެވެ. "ސާރާގެ ފޯނަށް އައީ ކާކުގެ މެސެޖެއްބާ؟." އިގްބާލު ހިތާހިތުން ކިޔައިލިއެވެ. ސާރާއަށް ހޭވެރިކަންވުމުން ނޫނީ އޭނާގެ ފޯނު ހުޅުވޭނެ އިތުރު ގޮތެއްވެސް ނެތެވެ. މިގޮތުގައި އިންދާ އިގްބާލުގެ ފޯނު ރިންގުވާންފެށިއެވެ. ޖީބުން ފޯނު ނަގައި ބަލައިލިއިރު ގުޅަނީ އައިއޯ ޝިފާނެވެ.

"ހަލޯ". އިގްބާލު ފޯނުނެގިއެވެ. "އިގްބާލް، ކޮބާ ސާރާ؟." ޝިފާނު ގުޅާފައި ސާރާ ކޮބާތޯ ސުވާލުކުރުމުން އިގްބާލަށް ހައިރާންކަމެއް ލިބުނެވެ. "ސާރާ، ކިހިނެއްވީ؟. ކަމެއް ދިމާވީތަ؟." އިގްބާލުވެސް ކުރީ ސުވާލެވެ. "ސާރާ ނުބުނޭތަ؟." ޝިފާނު ހައިރާންވެ ހުރެ ސުވާލުކުރިއެވެ. "ކޮން؟. ކިހިނެއްވީތަ؟. މީގެ ކުޑައިރުކޮޅެއް ކުރިން ސާރާގެ ފޯނަށް މެސެޖެއް އައި. މެސެޖު ފެނިފަ ހޭނެތިގެން ވެއްޓުނީ. އެހެންވެ އަހަރެން މީނީ ހޮސްޕިޓަލްގަ." އިގްބާލު ވެގެން އުޅޭ ގޮތް ޝިފާނަށް ކިޔައިދިނެވެ. "އަސްތާ!. ހަމަ އަސްލުވެސްތަ؟. އަހަރެން މީގެ ކުޑައިރުކޮޅެއް ކުރިން މަލާޒުގެ މަރުގެ ހަބަރު ދިނިން. އަހަރެން މީގެ ދެތިން ދުވަސްކުރިން ސާރާ ގާތު ބުނިން އަހަރެންނަށް މިކަހަލަ ހަބަރެއް ލިބިއްޖެއޭ. އެކަމަކު ޔަގީނެއް ނޫނޭ. އިއްޔެ ހޯދި މައުލޫމާތު ތަކުން އެނގުނީ އެއީ ތެދު ހަބަރެއްކަން." ޝިފާންގެ ވާހަކަތައް އަޑުއިވިފައި، އިގްބާލަށް ގޮޑީގައި އިށީންދެގެން ނީންދެވުނެވެ.

އޭނާ ޝިފާންގާތުގައި ފަހުން ގުޅާލާނަމޭ ބުނުމަށްފަހު، އިމަޖެންސީއަށް ވަދެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ޑޮކްޓަރުން އެދުނީ ސާރާ ހޭއަރަންދެން ބޭރުގައި މަޑުކޮށްލުމަށެވެ. ގާތްގަނޑަކަށް ދެގަޑިއިރަށްވުރެ ގިނައިރު ވީފަހުން ޑޮކްޓަރު އައިސް ސާރާ ހޭއެރިވާހަކަ އިގްބާލު ގާތުގައި ބުންޏެވެ. އިގްބާލު ދުވެފައި ކަހަލަ ގޮތަކަށް ގޮސް އިމަޖެންސީއަށް ވަނެވެ. އެވަގުތު ދެލޯ މަރާލައިގެން އެއްއަރިއަކަށް އެނދުމަތީގައި އޮށޯވެލައިގެން ސާރާ އޮތެވެ. އިގްބާލު މަޑުމަޑުން ސާރާގެ ކޮޑުގައި ހިފާލިއެވެ. އެވަގުތު ސާރާ ދެލޯ ހުޅުވިއެވެ. އިގްބާލު ފެނުމާއެކު، އޭނާގެ ދެލޮލަށް ޖަމާވެފައިހުރި ކަރުނަތައް މަޑުމަޑުން ކޯތާފަތް މައްޗަށް ފައިބަން ފެށިއެވެ. "ހުއްޓާލާ. އެއްގޮތަކަށްވެސް ރޯއެއްޗެއް ނޫން. ކެތްތެރިވޭ." އިގްބާލު އެނދު ކައިރީގައި ހުރި ގޮޑީގައި އިށީންނަމުން ވާހަކަދެއްކިއެވެ. އަދި ސާރާގެ ލޮލުން ފޭބި ކަރުނަތައް އޭނާގެ އަތުގެ ނުފުށުން ފޮހެދިނެވެ.

"އަހަރެންނަށް ނޭންގެ ބުނާނެ އެއްޗެއްވެސް. ހަގީގަތުގައި މަލާޒު ފުރައިގެން ދިޔަކަން އެނގުނު ހިސާބުން އަހަރެންގެ މުޅި ދިރިއުޅުން ހުއްޓުމަކަށް އައި. ނަމަވެސް އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދިޔައީ މަލާޒު ދިރިހުއްޓާ އަދި ކޮންމެވެސް ދުވަހަކުން ފެންނާނެ ކަމުގެ އުއްމީދުގައި. ހިތަށް އަރާ....ހިތަށް އަރާ އަހަރެންގެ ފަރާތުން މަލާޒަށް ނުލިބުނީ ކޮން ލޯތްބެއްބާއޭ." ސާރާއަށް ރުއިން ނޫން އިތުރުކަމެއް ނުކުރެވުނެވެ. އެހިނދު އިގްބާލު ސާރާގެ އަތްތިލައިގައި އޯގާތެރި ކަމާއެކު ފިރުމާލިއެވެ. އަދި އެތައް ވާހަކަތަކެއް ދައްކައިގެން ސާރާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ. މިގޮތުގައި އެތައް އިރަކު ވާހަކަދެއްކުނު ފަހުން ސާރާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ.

ސާރާ ހޮސްޕިޓަލުން ދޫކޮށްލުމާއެކު، އިގްބާލު ސާރާ ގޮވައިގެން ދިޔައީ އޭނާ ދިރިއުޅޭ އެޕާޓްމަންޓަށެވެ. ސާރާ އެކަމާ ދެކޮޅު ހެދި ނަމަވެސް އިގްބާލު ބޭނުންވީ ސާރާ ހަމައަކަށް އެޅެންދެން އެތަނުގައި މަޑުކުރުމަށެވެ. "މިތަނަށް ވަންނާނެ އިތުރު މީހެއް ނާންނާނެ. ޝާލިޔާ ހުންނާނީ އަހަރެންގެ މަންމަ ގޭގައި. އަހަރެންނަށް ލިބިފައި ހުރި އެޕާޓްމަންޓުގައި. އޭނައާއި އަހަރެންގެ ދަރިފުޅު އެތަނުން ނެރެން ބޭނުންނުވާތީ، އަހަރެން ދުރާލާ ވިސްނުމަށްފަހު މިތަން ގަތީ." އިގްބާލު ސާރާއަށް ކިޔައިދިނެވެ. "ދެންދޭ ނިދާލަން. އަހަރެން ނިދާނީ ޖެހިގެން ހުރި ކޮޓަރީގައި. ކިރިޔާވެސް ކަމެއް ބޭނުން ވެއްޖިއްޔާ އަހަރެންނަށް ގުޅާލާ." އިގްބާލު މިހެން ބުނުމަށްފަހުގައި ގޮސް ކޮޓަރިއަށް ވަނެވެ.

އެރޭ އިގްބާލަށްވެސް އަދި ސާރާއަށްވެސް ނިދޭ ގޮތެއް ނުވިއެވެ. އިގްބާލުގެ ދިރިއުޅުމަށް ބިންދާލާފައިވަނީ މާސިންގާ ބޮޑު ރާޅެކެވެ. ވަރިވުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ހާއްސަގޮތެއްގައި ދަރިއަކު ހުންނަ ނަމަ އެއީ ވަރަށް ހިތި ތަޖުރިބާއެކެވެ. އަނެއްކޮޅުން، އިގްބާލު ދިޔައީ ސާރާއާއި މެދުވެސް ވިސްނަމުންނެވެ. ސާރާގެ ހިތުގެ ހާލަކީވެސް ހަމަ އެއީއެވެ. މަލާޒުދެކެ އިންތިހާއަށް ލޯބިވިނަމަވެސް، މިއަދު ސާރާއާއި މެދު ހަމްދަރުދީވާ އަޅާލާނެ ރަނގަޅު މީހަކު ހުރުންވެގެން ދިޔައީ އޭނާގެ ނަސީބުގެ ގޮތުގައެވެ. ނަމަވެސް ސުވާލަކީ ސާރާއަށް ދުވަހަކުވެސް މަލާޒުމަތިން ހަނދާން ނައްތާލައި އެހެން މީހަކުދެކެ ލޯބިވެވިދާނެބާއެވެ. މުޅި ރޭ ނިމިދިޔައީ ހިޔާލުތަކާއި ފިކުރުކުރުމުގެ ތެރޭގައެވެ.

މިއަދު ސާރާއަށްވެސް އަދި އިގްބާލަށްވެސް ކެތްތެރިކަން އިސްކުރުން ނޫން ގޮތެއް ނެތެވެ. ދިރިއުޅުމަކީ އިމްތިހާނެއްކަން ޔަގީނެވެ. ކަމަކަށްފަހު ކަމެއް ދިމާނުވާ އިންސާނަކު މިދުނިޔެމަތީ ނުހުންނާނެކަން ކަށަވަރެވެ. ތިމާ އެންމެ ލޯބިވާ މީހާ ތިމާ ދުނިޔެ ދޫކުރުމުގެ ކުރިން ތިމާ ދޫކޮށްލާފައި ހިނގައިދާނެއެވެ. މިއީ ދުނިޔޭގެ އާދައެވެ. މި އާދަތަކަށް ކެތްތެރިވެ ދިރިއުޅުމައިގެން ކުރިއަށް ދިއުން ނޫން އިތުރު ރާސްތާއެއް އިންސާނުންނަކަށް ނޯވެއެވެ.

ހެނދުނު ސާރާ ހޭލިއިރު، އިގްބާލުހުރީ ސައި ތައްޔާރުކޮށްފައެވެ. ސާރާއަށް އެކަންވެގެން ދިޔައީ މުޅިން އައު ކަމަކަށެވެ. ފިރިހެނެއްގެ ފަރާތުން މިވީހާތަނަށް އެކަހަލަ ހިދުމަތެއް ލިބިފައި ނެތުމުންނެވެ. ސާރާ ކާމޭޒު ކައިރީ އިށީނދެލިއެވެ. އަދި މޭޒުމަތީ އަތުރައިފައި ހުރި ކާތަކެތިން އިގްބާލުގެ ކެއްކުމުގެ ހުނަރު ފުރިހަމައަށް އަންގައިދެއެވެ. މިހެން އިންދާ އިގްބާލު ކޮޓަރިން ނިކުމެގެން އައެވެ. "އަހަ!. ސާރާ ހޭލީތަ؟. ތިހުރީ ހޭލަންވާއިރަށް ސައި ތައްޔާރުކޮށްލާފަ. ހިނގާދޯ ސައިބޮމާ." އިގްބާލު ކާމޭޒު ކައިރީ އިށީންނަމުން ބުނެލިއެވެ. "އިގްބާލަށް ކައްކަންވެސް އެނގޭތަ؟." ސާރާ އިގްބާލާއި ދިމާލަށް ބަލާލިއެވެ. "ޔެސް. ގޭތެރޭގެ މަސައްކަތްތަކަކީ އަހަރެންނަށް ބީރައްޓެހި މަސައްކަތެއް ނޫން. ކިތަންމެ ބިޒީކޮށް އުޅުނަސް ވަގުތު ލިބޭ ވަރަކުން ބަދިގެއަށްވެސް ވަންނަން." އިގްބާލު ސައިބޯން ފަށަމުން ވާހަކަދެއްކިއެވެ.

ދެމީހުން އެކުގައި ސައިބޯން ހޭދަކުރި ވަގުތު ވެގެން ދިޔައީ ވަރަށް އުފާވެރި ވަގުތުކޮޅަކަށެވެ. ނަމަވެސް ދެން އޮތީ އެންމެ އުނދަގޫ މަރުހަލާއެވެ. މަލާޒުގެ މަރުގެ ހަބަރު އޭނާގެ މައިންބަފައިންނާއި ހަމައަށް ގެންގޮސްދިނުމެވެ. ކޮންމެގޮތެއްވިއަސް މިއަދު އެވާހަކައަކީ ސިއްރުކުރެވެން ނެތް ވާހަކައެކެވެ. ހަބަރުތަކުގެ ފަލަ ސުރުހީތަކަށް އެ ވާހަކަ އަރާނީ މާދަމާ ނޫން ކަމެއްވެސް ނޭންގެއެވެ. އެކަން ސިއްރުކުރެވޭނެ ގޮތެއް ނެތެވެ. އޮތީ ކެތްތެރިވެ ހެއްދެވި ފަރާތައް ވަކީލުކުރުމެވެ. އަދި މަލާޒަށްޓަކައި ހެޔޮދުޢާ ކުރުމެވެ. އެދުވަހު އިގްބާލާއި، ސާރާ ކޮލެޖައް ދިޔައީ އެކީގައެވެ. ދެމީހުން އެއްކޮށް ފެނުމާއެކު ކްލާހުގެ ބައެއް ކުދިން އެދެމީހުންގެ ގުޅުމާއި މެދު ސުވާލުކުރިއެވެ. އަބަދު އެކީގައި ފެންނާތީއެވެ.

ސާރާ ޖަވާބެއް ދިނުމުގެ ކުރިން، އިގްބާލު އެ ސުވާލަށް ވަރަށް ފުރިހަމައަށް ޖަވާބުދިނެވެ. އިގްބާލު ބުނިގޮތުގައި އެދެމީހުންނަކީ ވަރަށް ގާތް ރަހުމަތްތެރިންނެވެ. އެދެމެދުގައި އިތުރު އެހެން ގުޅުމެއް ނެތް ކަމަށް އިގްބާލު އެމީހުންނަށް ޔަގީންކޮށްދިނެވެ. ސާރާއަށް، އިގްބާލު އޭނާއާއި މެދު ދެކޭގޮތް އެނގުނު ނަމަވެސް ހާލަތައް ބެލުމަށްފަހު އެކަން ސިއްރުކުރީތީ އޭނާ އެކަމާއި އުފާކުރިއެވެ. ސާރާއަށްވެސް އިގްބާލު ވަރަށް ހާއްސައެވެ. ނަމަވެސް އަދި އިގްބާލަށް ޖަވާބެއް ދިނުމަށް އޭނާ އުޒުރުވެރިއެވެ. އިގްބާލުގެ ހިތްތިރިކަމާއި، އޯގާތެރިކަމާއި އަދި މަޑުމައިތިކަން ފެންނަ ކޮންމެ ފަހަރަކު ސާރާގެ ހިތުގައި އިގްބާލާއި މެދު ހާއްސަ އިހުސާސްތަކެއް އުފެދެއެވެ.

އެދުވަހުގެ ކޮލެޖު ނިމުމަށްފަހުގައި ސާރާ ދިޔައީ ފަރީދާގެ ގެއަށެވެ. ދެތިން ފަހަރަކު ބެލް ޖެހުމާއެކު ދޮރު ހުޅުވީ ފަރީދާއެވެ. ފަރީދާ ފެނުމާއެކު، ސާރާގެ ހިތް އަވަސްވިއެވެ. އަދި މުޅި މީހާ ފިނިވެ، ހުރި ތަނުން ގުޑިލަންވެސް ނޭންގުނެވެ. ހަމަ އެ ނޭވާގައި ސާރާ ހިނިތުންވެލިއެވެ. ސާރާ ފެނުމާއެކު، ފަރީދާ އޭނާ ގައިގައި އޮޅުލައިގަތެވެ. "ސާރާ، ހާދަ ދުވަހެއްކޮށްފައޭ ތި ފެނުނީ." ދެމީހުން އެތެރެއަށް ވަންނަމުން ފަރީދާ ވާހަކަދެއްކިއެވެ. ސާރާއަށް ގޮނޑީގައި ހަމަޖެހިލައިގެން ރަނގަޅަށް ނީށީންދެވެއެވެ. އޭނާ އަޑުން އަޑު ނަގައި ރޯން ފެށިއެވެ. " ސާރާ ކިހިނެއްވީ؟." ފަރީދާ ހައިރާންވެފައި އިނދެ ސުވާލުކުރިއެވެ. "މަން.މަންމާ. މަލާޒު..." ސާރާއަށް ބުނެވުނީ މިހާ ހިސާބަށެވެ. "މަލާޒަށް ކިހިނެއްވީ؟. ސާރާ މަލާޒަށް ކިހިނެއްހޭވީ؟." އެންމެފަހުން ފަރީދާއަށްވެސް ރޮވުނެވެ.

Advertisement

ކޮމެންޓް