މިސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖްތަމަޢުއާއި އެކަހެރިވެފައި: ރައީސް ޞާލިޙް

18 Oct 2020 | 13:13

މިސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖްތަމަޢުއާއި އެކަހެރިވެފައި ކަމަށް ރައީސް އިބްރާހީމް ޞާލިޙް ވިދާޅުވެއްޖެއެވެ.

ޤަޢުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޤަޢުމާއި މުޚާތަބްކުރައްވަމުން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެ އޮތީ ބައިނަލް އަޤްވާމީ މުޖްތަމަޢުއާއި ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ލިބެންހުރި އެތަކެއް މަންފާއަކާއި އެހީއަކުން މަޙްރޫމްވެފައިކަމުގައެވެ.

އެހެން ނަމަވެސް މިސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖެއާއި އެހެން ޤަޢުމުތަކާއި ދެމެދު އޮތް ގުޅުންތައް ބަދަހި ވަމުން އަންނަކަމަށާއި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ފަންނީ ގޮތުންނާއި، މާލީ ގޮތުންވެސް، ބައިނަލްއަޤްވާމީ މުޖަތަމަޢުގެ އެހީ ލިބެމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ޤަޢުމީ ދުވަހުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ މުނާސަބަތެއްގައި އަދާކުރަންޖެހޭ އެންމެ މުހިންމު އެއް ޤައުމީ ވާޖިބަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރުމަށް އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދާއި ރާއްޖޭގެ މިނިވަންކަމަށްޓަކައި، ޤުރުބާން ވެވަޑައިގެންނެވި ބަތަލުންގެ ހަނދާންތައް އައުކޮށް އެ ބަތަލުންނަށް ހެޔޮ ދުޢާކުރެއްވުން ކަމަށެވެ.

އޭގެ އިތުރުން އިސްލާމްދީނާއި ދިވެހިބަހާއި ސަޤާފަތް ނަގަހައްޓައި ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެކަން ކުރެވެނީ މިހާރުގެ ޅަ ދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ޤައުމިއްޔަތުގެ ލޯތްބާއި ޤަދަރެއް އުފައްދައިގެން ކަމަށާއި، އެގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައި ބަލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުގައެވެ.

Advertisement

ކޮމެންޓް