އިންޑިއާއިން ރާއްޖެއަށް އަތްގަދަކޮށް މިލިޓަރީ ބޭހެއް ހަދާކަށްނޫޅޭ: އަލީ އާޒިމް

18 Oct 2020 | 13:32

އިންޑިއާއިން ދިވެހިރާއްޖޭގެ މައްޗަށް އަތްގަދަކޮށް މިލިޓަރީ ބޭހެއް ހަދާކަށް ނޫޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ އެމްޑީޕީން ކޮންމެ ފޮއި ދުވަހަކުން ނެރޭ "ޚަބަރު ސިޓީ"ގެ 8ވަނަ އަދަދަށް ލިޔުއްވި ލިޔުމެއްގައެވެ.

މި ލިޔުމުގައި އަލީ އާޒިމް ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ދިވެހިންނަށާއި ދިވެހި ސަރުކާރަށް ފަހި ސިޔާސަތުތަކެއް ގެންގުޅެމުންދާ އަވައްޓެރި ގައުމެއްކަމަށެވެ. އެއީ މިއަދަކު ނުވަތަ އިއްޔެއަކު އަލަށްވާން ފެއްޓިކަމެއް ނޫންކަމަށާއި ދިވެހިންނަށް ބޮޑުކަމެއް ދިމާވާ ކޮންމެ ފަހަރަކު އެހީވާން އިންޑިއާ ތައްޔާރަށް އޮންނަ ކަމަށެވެ. އެބޭފުޅާ ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހީނަރުވެގެން ދިޔައީ މިއަދު "އިންޑިއާ އައުޓް" ގޮވާ ފަރާތްތަކުން ސަރުކާރާއި ހަވާލުވެ ތިބިއިރު، ވަކި ގައުމަކަށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެއްކޮށް ބަރޯސާކޮށް އެގައުމުގެ ގޮނޑިކޮއްކޮއަކަށް ވީ ހިސާބުންކަމަށެވެ.

މެންބަރު އާޒިމް އިތުރަށް ވިދާޅުވީ "އިންޑިއާ އައުޓް" ކުރަން ގޮވާ ފަރާތްތަކުން ތުހުމަތުކުރާގޮތަށް އިންޑިއާއަކުން ރާއްޖެއަށް އަތްގަދަކުރަން ނޫޅޭ ކަމަށެވެ. އަދި އެކަމާއި މެދު އުޅެންވީ ސަބަބެއްވެސް ނެތްކަމަށެވެ.

މީގެއިތުރުން އެގައުމުން ރާއްޖެ ހިފައި މިލިޓަރީ ބޭހެއް ހަދާކަށްވެސް ނޫޅޭކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެ ފުރުސަތު ދީގެން ބަލާކަށް ދުނިޔޭގެ އެހެން ގައުމުތަކަކުން ނުވެސް ތިބޭނެކަމަށާއި، މިއީ އެ ޒަމާނެއް ނޫންކަމަށެވެ. އަދި އިންޑިއާއިން އަބަދުވެސް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާނެކަން ކަށަވަރުކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް