ޕީއެސްޖީ ބަލިކޮށް ޔުނައިޓެޑް ޗެންޕިއަންސް ލީގުގައި ފެށުން ރަނގަޅުކޮށްފި

21 Oct 2020 | 07:40

ޗެންޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އަދި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗް 2-1 ކުން ކާމިޔާބުކޮށް ޔުނައިޓެޑުން ފެށުން ރަނގަޅުކޮށްފިއެވެ.

ޔުނައިޓެޑްގެ ފަރާތުން ޑިފެންސިވް ގޭމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ގޯލް ޖަހާ އެޓީމުން ލީޑް ނެގީ ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް ކާމިޔާބުކޮށްދިން ގޯލުންނެވެ. ފުރަތަމަ ހާފުގެ ކުޅުން 1-0 ކުން ޔުނައިޓެޑް ކުރީގައި އޮވެ ނިމުނު އިރު ޕީއެސްޖީން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ޔުނައިޓެޑްގެ ކީޕަރު ޑިގެއާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު މާޝިއަލް އަތުން ބައިކޮޅަށް ވައިން ގޯލާއެކީ ނަތީޖާ އެއްވަރުވިއިރު ޔުނައިޓެޑަށް 3 ޕޮއިންޓް ކަށަވަރު ކޮށްދިން ގޯލް ޖަހައިދިނީ 87 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑެވެ.

ކީޕަރު ޑިގެއާގެ އިތުރުން ޔުނައިޓެޑްގެ މެދުތެރެއަށް ކުޅުނު މެކްޓޮމިނޭ އަދި ފްރެޑް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަކަން ފާހަގަކޮށްލެވެއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 3 ޕޮއިންޓާއެކު ގްރޫޕް އެޗްގެ ދެވަނަގައެވެ. ބަސެކްޝެހިރްގެ މައްޗަށް 2-0 ކުން ކުރި ހޯދި ލެއިޕްޒިގް ލަނޑުގެ ތަފާތުން ގްރޫޕުގެ އެއްވަނައިގަ އޮތްއިރު ޕީއެސްޖީ އޮތީ ތާވަލުގެ ތިންވަނައިގައެވެ.

ޗެންޕިއަންސް ލީގުގައި ކުޅެވުނު އެހެން މެޗުތަކަށް ބަލާލާއިރު ޗެލްސީ އަދި ސެވިއްޔާ ބައްދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ. އިޓަލީގެ ލާޒިއޯ އަދި ޖަރުމަނުގެ ބުރޫޝިއާ ޑޯޓްމަންޑް ވާދަކުރި މެޗް ލާޒިއޯ ވަނީ 3-1 ކުން ކާމިޔާބުކޮށްފައެވެ. 

Advertisement

ކޮމެންޓް