އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގަށް އަޅުގަނޑު ހާޒިރެއް ނުކުރޭ: އަބްދުއްރަހީމް

24 Oct 2020 | 15:15

ނިމިދިޔަ ސަރުކާރުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަަން (އެމްއެމްޕީއާރްސީ) މެދުވެެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ތަހުގީގަށް އެބޭފުޅާ މިހާތަނަށް ހާޒިރުކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ޖަޒީރާ"ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު، އަދުރޭ ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކުރެވިފައެވެ.

މިކަމާއި ގުޅޭގޮތުން "ވޮއިސް" އިން ސުވާލުކުރުމުން އަދުރޭ ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހާޒިރުކުރެވިފައި ނުވާކަމަށާއި، އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުވުމަށް ޗިޓެއްވެސް ލިބިފައި ނުވާކަމަށެވެ. އަދި މި ސަރުކާރު އައިފަހުން އޭސީސީއަށް އެންމެ ފަހަރަކު ހާޒިރުކުރެވުނުކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަދުރޭގެދެކަނބަލުން މާލެއިން އަގުބޮޑު ދެ ފްލެޓެއް ބައްލަވައިގަތް މައްސަލައެއް އޭސީސީން ދަނީ ބަލަމުންނެވެ.

2017 ވަނަ އަހަރުގެ ތެރޭގައި އަދުރޭ އަދި އެބޭފުޅާގެ އަނބިކަނބަލުން ދިޔާނާ ހުސައިން، ރެހެންދި6 ލަގްޒަރީ ފްލެޓްތަކުން ދެ ފްލެޓް ގަނެފައިވަނީ ޖުމްލަ 9 މިލިޔަން ރުފިޔާއަށެވެ. އެފްޑަބްލިޔު ކޮންސްޓްެރަކްޝަން ކުންފުނިން އިމާރާތްކުރި މި ފްލެޓްތަކުގެ އަގު ދައްކާ މިލްކުވެރިކަން ބަދަލުކުރި ލިޔުންތަކެއް މީސް މީޑިޔާގައިވެސް އޭރު ދައުރުވިއެވެ.

ރެހެންދި6 ފްލެޓްގެ ފުރަތަމަ ފަންގިފިލާއިން ގަނެފައިވާ މި ދެ ފްލެޓް ހުންނަނީ ޖެހިޖެހިގެންކަމަށް ބެލެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފްލެޓްތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އަމަލުތަކެއް ހިމެނޭކަމަށް ބުނެ، 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ މައްސަލަ އޭސީސީއަށް ހުށައެޅުނެވެ. އަދި ހަމަ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ އެކަމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށްބުނެ މައްސަލަ ފައިލްކޮށްފައެވެ.

އެހެން ނަމަވެސް، އާ މެންބަރުންތަކެއްގެ މައްޗަށް އެކުލަވާލެވިގެން މިހާރު އޮތް އޭސީސީން މި މައްސަލަ އަލުން ބަލަމުންދާކަމަށް އޭސީސީއާއި ހަވާލާދީ "ރާއްޖެއެމްވީ"ގައި ވަނީ ރިޕޯޓްކޮށްފައެވެ. މިކަމާއި ގުޅިގެން އަދުރޭ އޭރު ވަނީ، މި ފްލެޓްތައް ގަތުމުގެ މާލީ ގާބިލިއްޔަތުކަން ހުރިކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް