ބާސެލޯނާގެ ރައީސް ބާޓެމޮއުގެ އިސްތިއުފާ، ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް

28 Oct 2020 | 05:10

ބާސެލޯނާގެ ރައީސް ޖޯސެޕް ބާޓެމޮއު މާގާމުން އިސްތިއުފާދީފިއެވެ. އޭނާއާއެކު ކްލަބުގެ ބޯޑް އޮފް ޑިރެކްޓާސްވެސް ވަނީ އިސްތިއުފާދީފައެވެ.

މާގާމުން އިސްތިއުފާ ދިނުމުގެ ކުރިން އޭނާ ވަނީ ޔޫރަޕިއަން ސުޕަ ލީގުގައި ބާސެލޯނާ ބައިވެރިވުމަށް ކުރަންޖެހޭ ކަންތައްތައް އޭނާ ފައްޓާފައިވާކަން ހާމަކޮށްފައެވެ. ސުޕާ ލީގުގައި ބައިވެރިވާން ބާސެލޯނާއަށް މުހިންމު ވަނީ ކްލަބަށް ދިމާވެފައިވާ ފައިސާގެ ދަތިތަކަށް ހައްލެއް ލިބޭނެ މަގެއް ކަމަށްވުމުން ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ލަލީގާގެ ރައީސް ހާވިއޭ ތެބާސް ބުނީ މި ނިންމުމުގެ ސަބަބުން އެނގެނީ ބާޓެމޮއު އަށް ފުޓްބޯޅަ އާއި ބެހޭގޮތުން އެއްޗެއް ނޭނގޭ ކަން ކަމުގައެވެ. އާދައިގެ ހިޔާލީ މުބާރާތެއްގައި ބާސެލޯނާ ބައިވެރިކުރުވުމަކީ އެ ކްލަބް ހަލާކުގެ ތެރެއަށް ވައްޓާލުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިތުބާރު ނެތް ކަމުގެ ވޯޓަކާ ކުރިމަތިލާން ޖެހިފައޮތް ބާޓެމޮއު މަގާމުން އިސްތިއުފާ ދިންއިރު އެ ކްލަބަށް ނިސްބަތްވާ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ އޭނާ މަގާމުން ވަކި ކުރުމަށް އެދި މޯޝަންއެއްގައި ސޮއި ކޮށްފައެވެ.

ކުޅުންތެރިން އަދި ސަޕޯޓަރުންގެ މެދުގައި ބާޓެމޮއުގެ މަގުބޫލުކަން ދައްވެފައިވަނީ ކްލަބުގެ މާލީ ހާލަތު އަހަރަކަށްވުރެ އަހަރެއް ދައްވަމުން އައިސްފައިވުމުންނާއި ނިމިދިޔަ ސީޒަނުގައި ބާސެލޯނާ ހުސްއަތާ ސީޒަން ނިންމާލަން ޖެހުމުގެ ސަބަބުންނެވެ.

ބާސެލޯނާގެ ތަރި މެސީ ކްލަބް ދޫކޮށްލަން އެދި ކްލަބް ހިންގަން ތިބި ފަރާތްތަކުގެ އެއްވެސް އަމާޒެއް ނެތްކަމަށް ހާމަކުރުމާއެކު ބާޓެމޮއުއަށް ވަނީ އެތައް ބައެއްގެ ނުރުހުން އަމާޒުވެފަކަން ފާހަގަކޮށްލެވެއެވެ.

ބާޓެމޮއުގެ އިސްތިއުފާއާެކު ބާސެލޯނާއަށް ލޯބިކުރާ އެތައް ބަޔަކު އަންނަނީ އެކަމާ އުފާ ފާޅުކުރަމުންނެވެ.

Advertisement

ކޮމެންޓް