އަލްހާނަކީ ސިޔާސީގޮތުން ބޮޑުނުވާ ކުޑަކުއްޖެއް: އަލީ ޞޯލިހް

28 Oct 2020 | 21:50

މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އަލްހާން ފަހުމީއަކީ ސިޔާސީގޮތުން ބޮޑުނުވާ ކުޑަކުއްޖެއްކަމަށް ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞޯލިހް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި މެދު އަލްހާން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ވޮއިސްއިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީ އަކީ ފިކުރެއް ނޫންކަމަށާއި‏ 15އަހަރު ވީއިރުވެސް ލީޑަރަކީ ޤާސިމް އިބްރާހިމްކަމަށެވެ. އެގޮތުން އެޕާޓީއަކީ އެމަނިކުފާނު ވެރިކަމުގެ ހިއްސާ ހޯއްދަވަން ދަތުރުކުރައްވާ އުޅަނދަކަށް ނޫނީ ނުވިކަމަށާއި ‏އައު ސިޔާސީ ލީޑަރޝިޕަކަށް ފުރުޞަތު ނެތުމަކި ޑިމޮކްރަސީ ދަންނަ ސަގާފަތެއް ނޫންކަމަށެވެ.

މިކަމަށް ރައްދުދެއްވަމުން އަލީ ސޯލިހް ވިދާޅުވީ އަލްހާން ސިޔާސީގޮތުން ދައްކަވާ ވާހަކަފުޅުތައް ބައްޓަންކުރާކަމަށް ފެންނަނީ ސިޔާސީ ބައިގޯލް ޖެހުމަށް ކަމަށެވެ. އެގޮތުން އަލްހާނަކީ އެކި ސިޔާސީ ޕާޓީތަކުން ވަޑައިގަންނަވަމުންދާ ބޭފުޅެއްގެ ގޮތުގައި އަލީ ސޯލިހް ސިފަކުރެއްވިއެވެ.

އެބޭފުޅާ ވިދާޅުވީ ޖޭޕީއަކީ މިރާއްޖޭގެ ދެވަނަ ފިކުރުކަމާއި މިހާތަނަށް ގޮތް ނިންމަނީ އެެޕާޓީންކަން އަލްހާނަށް އެނގިވަޑައިގަންނަވާނެކަމަށެވެ. އެހެންކަމުން އެބޭފުޅާ ޖޭޕީއާއި ޖެހިގަތުމުން މާބޮޑު ހައިރާންކަމެއް ނެތްކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް އިތުރަށް ވިދާޅުވީ އަލްހާނަކީ ސިޔާސީގޮތުން ބޮޑުނުވާ ކުޑަ ކުއްްޖެއްކަމަށާއި، ކުޑަކުދިން ދައްކާ ވާހަކަތަކާއި މެދު ފިކުރުކުރަން ޖޭޕީގެ މާބޮޑު ޝައުގެއް ނެތްކަމަށެވެ. އަދި ބޭރުންދާ އޮޑިއަކަށް ނިވަލެއް ނޯންނާނެކަމަށާއި، އަލްހާން އަބަދުވެސް ދަތުރުކުރަނީ ބޭރުންކަމަށެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް