"ގޫގަލް ލޫން ޕްރޮޖެކްޓް"ގެ ބެލޫނެެއް ރާއްޖެ ސަރަހައްދަށް ވެއްޓިއްޖެ!

29 Oct 2020 | 16:02

ގޫގަލް "ލޫން ޕްރޮޖެކްޓް"ގެ ބެލޫނެއް ރާއްޖެ ސަރަހައްދަށް ވެއްޓުމާއި ގުޅިގެން ސިފައިން ހަރަކާތްތެރި ވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގޫގްލް ލޫން ޕްރޮޖެކްޓްގެ ބެލޫންއެއް ރާއްޖޭގެ ސަރަހައްދަކަށް ވެއްޓުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވާ ކަމަށެވެ.

މިބެލޫން ވެއްޓުނުކަމުގެ މަޢުލޫމާތު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމްއެންޑީއެފް މާލޭއޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަށް ދީފައިވަނީ މިއަދު ހެނދުނު 10.08ހާއިރުއެވެ.

މިބެލޫން ވެއްޓިފައިވަނީ ގދ.އަތޮޅުގެ އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ.މިބެލޫން ވެއްޓުނު ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިޔާގެ ސިފައިން ބެލޫން ވެއްޓުނު ސަރަހައްދަށް ގޮސް، އެ ބެލޫންވަނީ ހޯދާފައެވެ.އަދި ރާއްޖޭގައި ހުންނަ ގޫގަލް ޕްރޮޖެކްްޓްގެ ޓީމާ މިއަދު މިބެލޫން ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

ބެލޫން ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއާއި ހުޅުލޭ އެއަރ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން އޮޕަރޭޝަނެއް ކޯޑިނޭޓްކޮށް ކުރިއަށްގެންގޮސްފައިވެއެވެ.

ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ދިމާވެފައެއް ނުވާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް