Advertisement

ގޭންގް ސްޓާރ - 3 -

31 May 2020 | 06:27

އަހަރެން އެރޭ ގެއަށް ދިޔައީވެސް ވަރަށް ލަހުންނެވެ. މާމަ އަހަރެންގެ އިންތިޒާރުގައި ކާން ހަދައިގެން އިނެވެ. އަހަރެން ކާން އިށިނުމުން މާމައަށް އަހަރެންގެ މޫނުގައިވާ މާޔޫސްކަން ފާހަގަ ކުރެވުނެވެ. އަދި ވީ ކީއްތޯ ސުވާލު ކޮއްލުމުން އަހަރެން މާމަ ގާތު ދިރިއުޅުމަކީ ކިހާ ވޭނެއް ހުރި އެއްޗެއްތޯ ސުވާލުކޮއްލީމެވެ. މާމަ ދިނީ ވަރަށް ކުރު ޖަވާބެކެވެ. އެކަން ތަހައްމަލް ވާނީ އެމީހަކު ދާ މަގެއްގެގޮތުން ކަމަށެވެ. އެތައް އިރަކު މާމައާ އެކު ވަގުތު ހޭދަކުރުމަށްފަހު އަހަރެން ނިދަން ދިޔާމެވެ. ނަމަވެސް ނިދޭވަރެއް ނޫނެވެ. ހަމަ ވިސްނެނީއެވެ. ޗަކޯއަށް ދޭނެ ޖަވާބަކާމެދުއެވެ.

އަނެއް ދުވަހު އިރުއެރުމުން ސައިބޯލައިގެން އަހަރެން ޗަކޯގެ ގެއަށް ގޮސް ޓަކި ދިނީމެވެ. ދޮރު ހުޅުވާފައި ވަންނާށޭ އެތެރޭން ބުނުމުން އަހަރެން ވަނީމެވެ. ޗަކޯ އޭނާގެ ގޮތުގައި މޭޒުމައްޗަށް ފައި ދަމާލައިގެން އިނެވެ. އަހަރެން ވަދެ އިށީނުމުން އަހަރެންނާ ދިމާލަށް އޭނާ ފުރުތަމަވެސް ހޫރުވާލީ ވަޅިއެކެވެ. އެކަމު އެ ވަޅި އައިސް ޖެހުނީ އަހަރެން ފައި ބުޑަށްށެވެ. " މިހާރު ކަލޭގެ ޖަވާބު އަހަރެންނަށް ލިބިއްޖެ " ޗަކޯ ހިނިގަނޑެއްޖަހާލާފައި ބުނެލިއެވެ. އަހަރެން ހުރީ ބިރުން ތުރުތުރު އަޅައެވެ. ނަމަވެސް އެވަޅި ނަގާ އަހަރެން ގޮސް ޗަކޯ އަތަށް ދޭން ދިއްކޮއްލީމެވެ. " ތި ކީއްކުރަން މަށަށް ތިދެނީ؟ ތީ ކަލޭގެ އެއްޗެއް ތި ބާއްވާ. " ޗަކޯ އެއްލޯ މަރާލަމުން ބުނެލިއެވެ. އަހަރެން އެ ވަޅި ހިފަިއގެން ގޮސް އިށީނުމުން ޗަކޯ އަހަރެންނަށް ފުރުތަމަ ކުރަންވީ ކަންތައް ކީޔާދޭންފެށިއެވެ.

" ރަނގަޅަށް އަޑުއަހާ. މި ދިރިއުޅުމަކީ ވަރަށް ވިސްނައިގެން ކެރިގެން އުޅެވޭނެ ދިރިއުޅުމެއް. ފުރުތަމަ ކަމަކަށް އެކަކަށްވެސް ނުވާނެ އިތުބާރު ކޮއްގެން. ދެވަނަ ކަމަކަށް ސިއްރެއް ވެއްޖެއްޔާ ވާނެ ހިފަހައްޓަން. ފުލުހުން އަތުކުރިޔަސް އެއްބަސް ވެގެން ނުވާނެ އަދި ކުޑަމިނުން ދުވަހަކުވެސް ފުލުހަކާ ވާހަކަ ދައްކައިގެން ނުވާނެ. ދެން މިހާރު މިކިޔާދެނީ ކަލޭ ކުރަންވީ ފުރުތަމަ ކަންތައް. ކަލޭ ވަޒީފާއަކަށް ވަދޭ. ވަދެގެން ކުންފުންޏެއްގެ އެންމެ މަތީ މަގާމެއް ހޯދޭތޯ ބަލާ. އެކަމު އަބަދުވެސް ހަނދާކުރަތީ ވަޒީފާއަކަށް ވަންނައިރު މީހުން ދަސްކޮއް އިތުބާރު ހޯދަން ބޭނުންނަމަ އާދައިގެ މީހެއް ގޮތުގައި ފަށައިގަނޭ. ކަލޭގެ ކޮލިފިކޭޝަންއިން މެނޭޖަރު ވަޒީފާއެއް ލިބުން ގާތް އެކުމުވެސް ތަޖުރިބާނެތި އެކަހަލަ މަގާމަކަށް ފުންމާލުން ބުއްދިވެރިއެއްނޫން. ކަލެއަށް އެނގިއްޖެތަ މި ކިޔާދިން އެއްޗެއްގެ ހަގީގަތް؟. "

އަހަރެންނަށް ޗަކޯ ބުނިއެއްޗެއް ނޭންގުމުން ބޯ ހޫރުވާލީމެވެ. ޗަކޯ ހިނިތުންވެލާފައި ބުނެލިއެވެ. " ވަޒީފާއަކީ ކަލޭގެ އަސްލު ދިރިއުޅުން. ވަޒީފާއަށް ދަންޏާ މީހުން ޝައްކުކުރާލެއް މަދުވެ މުޖުތަމައުއިން ކަލޭ ބަލައިގަންނާނެ. ދެން އޮތީ ކަލޭގެ އަނެއް ދިރިއުޅުން އެ ދިރިއުޅުމުގައި ކަލޭ ބޭނުން ކުރާނީ އެހެން ނަމެއް. އެނަމަކީ ގްރޭވް. ދެ ދިރިއުޅުންވެސް ކުރައަށް ގެންދަންވާނީ ވަރަށް ވިސްނައިގެން. ކަލޭގެ އަސްލުނަމަށް ކަލޭ ވަރަށް ރައްކާތެރިވެގެން އުޅޭތި. އެނަން އެނގިއްޖެނަމަ ކަލޭގެ ދުވަސް ދިޔައީ. މަރުހަބާ އަހަރެންގެ އެކުވެރިޔާ ކަލޭ މިހާރު ތީ އަހަރެންގެ މީހެއް "

ޗަކޯ އަހަރެންނާ ސަލާމް ކުރުމަށް ފަހު އޭނާގެ އެންމެ ގާތް އެކުވެރިންނަށް އަހަރެން ތައާރަފް ކޮއްދޭން ގެންދިޔައެވެ. ޗަކޯގެ ގްރޫޕްގައި ތިބެނީ ފަސް މީހުންނެވެ. އެއީ މި ދުނިޔެމަތި ޗަކޯ އެންމެ އިތުބާރުކުރާ ރަހްމަތްތެރިންނެވެ. ޗަކޯ ފުރުތަމަ ތައާރަފްކޮއްދިނީ އޭނާގެ ހަށިފާރަވެރިޔާ ކޭޒީއަށްށެވެ. އެއީ ހަށިގަނޑު ބިޔަ ވަރުގަދަ މީހެކެވެ. ތަޅާ ފޮޅުމުގައި އަރާހުރި މީހެއްކަން އޭނާގެ މޫނުމަތިން އެނގެއެވެ. ދެވަނައަށް ތައާރަފް ކޮއްދިނީ ލިޒަރްޑް ކިޔާ މީހަކާއެވެ. އެއީ މުވާސަލާތީ ގޮތުން އަރާ ހުރި މީހެއްކަން އޭނާ ގެންގުޅޭ ސާމާނުން އެންގެއެވެ. ތިންވަނައަށް ތައާރަފްކޮއްދިނީ ބެންޖީ ކިޔާ ޒުވާނަކަށްށެވެ. އޭނާއަކީ ހަތިޔާރަށް ކުޅަދާނަ ކުރިން ސިފައިންގޭގައި އުޅެފައި ހުރި މީހެއްކަން ބަލާލުމުން އެންގުނެވެ. ހަތަރުވަނައަށް ތައާރަފްކޮއްދިނީ ޗަކޯގެ އަމިއްލަ ހަރަދުގައި ގެންގުޅޭ ޑޮކްޓަރަށްށެވެ. އަދި އެޔަށްފަހު ޗަކޯގެ ވިޔަފާރި ކަންތައް ބަލަހައްޓާ މީހާއަށްށެވެ. އެންމެނަށް ތައާރަފުކޮއްދިނުމަށްފަހު އަހަރެން ގެންގޮސް ގޭދޮށަށް ލާދިނުމަށްފަހު ޗަކޯ ނައްޓާލިއެވެ. އަހަރެން ގެއަށް ވަތްގޮތަށް ވަޒީފާއެއް ހޯދަން އިންޓަނެޓް ބޭނުން ކުރަން ފެށީމެވެ.  

Advertisement

ކޮމެންޓް