އެސްއޯއީގެ ދެ މުވައްޒަފަކު ކައިވެނިކޮށްފިނަމަ އެކަކު ވަޒީފާއިން ވަކިވާންޖެހޭ އުސޫލަށް ބަދަލުތަކެއް!

01 Nov 2020 | 05:40

ސަރުކާރު ހިއްސާވާ ކުންދުންޏެއްގެ ދެ މުވައްޒަފަކު ކައިވެނިކޮށްފިނަމަ އޭގެ ތެރެއިން އެކަކު ވަޒީފާއިން ވަކިވާންޖެހޭ އުސޫލަށް އަމަލުކުރުން ވަގުތީގޮތުން ހުއްޓާލަން އެންގުމަށް ފާސްކޮށްފިއެވެ.

މިފަދައިން ފާސްކޮށްފައިވަނީ މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމެޓީގެ ބައްދަލުވުމުގައެވެ. މި މައްސަލަ އެ ކޮމެޓީއަށް ހުށައެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުގައި އުސޫލު ހަމަޖެހިފައިވާ ގޮތުން، އެއް އޮފީހެއް ނުވަތަ ޑިޕާޓްމެންޓެއްގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ކައިވެނިކޮށްފިނަމަ ކޮންމެވެސް އެކަކު ވަޒީފާއިން ވަކިވާންޖެހެއެވެ. ނުވަތަ މަސައްކަތްކުރަމުންދާ ޑިޕާރޓްމެންްޓް ފިޔަވައި އެހެން ޑިޕާރޓްމެންޓަކަށް ބަދަލުވާންޖެހެއެވެ. މި އުސޫލަށް ގިނަބަޔަކު އަބަދުވެސް ފާޑުކިޔައެވެ.

މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ މި އުސޫލަށް އަމަލުކުރުން ވަގުތީގޮތުން ފަސް ކުރުމަށެވެ. އަދި މިފަދައިން އަމަލުކުރަނީ ކީއްވެތޯ ދެނެގަތުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދަރިންނާއި މައިންބަފައިން ވަޒީފާ އަދާކުރާ ކުންފުނިތަކުގައި އެފަރާތްތަކަށް އޮންނަ އުސޫލުތައް ބަަލައި، އެކަން އޮޅުން ފިލުވުމަށްވެސް ވަނީ ނިންމާފައެވެ. އެއަށްފަހު ޕްރައިވަޓައިޒޭޝަން ބޯޑާއި ފިނޭންސް މިނިސްޓްރީން ވާހަކަ ދައްކައި، ހުރިހާ ކުންފުންޏަކުންވެސް އަމަލުކުރާނެ އުސޫލެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް