ޕްރާންސް ބޮއިކޮޓާއެކު މެކްރޯން ބަސްމަގު ބަދަލުވެއްޖެ

01 Nov 2020 | 10:42

ކީރިތި ރަަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަށް ނިސްބަތްކޮށް ފްރާންސްގެ ޗާލީ ހެބްދޯ ނޫހުން ކުރެހި ކާޓޫންތަކާ ގުޅޭގޮތުން މުސްލިމުންގެ މެދުގައިވާ ކަންބޮޑުވުންތަައް ބަލައިގަނެ އިހްތިރާމްކުރާކަމަށް ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ގަތަރުގެ އަލްޖަޒީރާގެ އަރަބި ޗެނަލަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުން ގެނެސްދީފައިވަނީ ފަރަންސޭސިބަހުންނެވެ.

ފްރާންސްގެ ރައީސް ވިދާޅުވީ ކާޓޫންތަކާ ގުޅޭގޮތުން މުސްލިމުން ފާޅުކުރަމުންދާ ޝުއޫރުތައް ބަލައިގަނެ އިހްތިރާމްކުރާ ކަމަށާއި، ނަމަވެސް މިވަގުތު އޭނާގެ ޒިންމާތައްވެސް ގަބޫލުކުރަން ވާނެކަމަށެވެ. އެގޮތުން އޭނާގެ ދެ ޒިންމާއަކީ އަމާންކަން ކުރިއަރުވައި، ހައްގުތައް ދެމެހެއްޓުންކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަދި ފްރާންސްގައި އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަބަދުވެސް ދިފާއުކުރައްވާނެކަމަށް މެކްރޯން ވަނީ ވިދާޅުވެފައެވެ.

މެކްރޯން ވިދާޅުވީ އެ ކާޓޫންތަކާ ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކަ ބައެއް ސިޔާސީ ފަރާތްތަކުން އޮަޅުވާލާފައިވާ ކަމަށާއި، އެ ކާޓޫންތަކަކީ ފްރާންސްގެ ސަރުކާރުގެ ޕްރޮޖެކްޓެއް ނޫންކަމަށެވެ. އަދި އެތަކެތި އުފެދިފައިވަނީ އެގައުމުގެ ސަރުކާރާއި ގުޅުމެއް ނެތް މިނިވަން މީޑިޔާތަކުންކަމަށް ވަނީ ވިދާޅުވެފައެވެ.

މެކްރޯން ވަނީ އަދުގެ ދުނިޔޭގައި އިސްލާމްދީން އޮަޅުވާލައި، އެ ދީން ހިމާޔަތްކުރުމުގެ ނަމުގައި ބައެއް ހަރުކަށި ފިކުރުގެ މީހުން އެހެން މީހުން މަރައިހަދާކަމަށް ވިދާޅުވެފައެވެ. އަދި ނިރުބަވެރިކަމުގެ ވިކްޓިމުންގެ 80 އިންސައްތައަށްވުރެ ގިނަ ފަރާތްތަކަކީ މުސްލިމުންކަމަށާއި، އެއީ ކަންބޮޑުވާން ޖެހޭފަދަ ކަމެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ނަމަވެސް ދާދިފަހުން ފްރާންސްގެ ރައީސް މެކްރޯން ވަނީ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އުފައްދާފައިވާ ކާޓޫނުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި އެހެންކަމުން މެދު އެގައުމުން ފިޔަވަޅެއް ނާޅާނެކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމްދީނަކީ މުޅި ދުނިޔޭގައިވެސް ހަމަނުޖެހުމެއްގައި އޮތް ދީނެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

މިކަމާއި ގުޅިގެން އެގައުމަށް ފާޅުގައި އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ ތުރުކީންނެވެ. އެގައުމުގެ ރައީސް އުރުދުޣާން ވަނީ ތުރުކީގެ ވެރިރަށް އަންކާރާގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފަރަންސޭސި އުފެއްދުންތަކާއި ދުރުވާން ޖެހޭކަމަށް ފާޅުގައި ވިދާޅުވެފައެވެ.

އަދި ޔޫރަޕްގެ ލީޑަރުން ވެގެން މެކްރޯނާއި އެބޭފުޅާގެ ނަފްރަތުން ފުރިގެންވާ ކެމްޕެއިން ހުއްޓުވަން ޖެހޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މެކްރޯން މައާފަށް އެދިވަޑައި ނުގަންނަވަނީވެސް ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ކެމްޕެއިން ދަނީ ސޯޝަލް މީޑިޔާގައި ވައިރަލްވަމުންނެވެ. މި ކެމްޕެއިނަށް ރިއާޔަތްކޮށް، މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ސުޕަރމާކެޓްތަކުން ދަނީ ފަރަންސޭސިވިލާތުގެ އުފެއްދުންތައް ވިއްކުން ހުއްޓާލަންވެސް ނިންމާފައެވެ.

Advertisement

ކޮމެންޓް