އެމެރިކާގެ ނިންމުން 2020: އާ ރައީސަކީ ޖޯ ބައިޑަން!
އެމެރިކާގެ 46ވަނަ ރައީސްކަމުގެ މަގާމު ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ޔަގީންކުރައްވައިފިއެވެ.
މި މަގާމު ބައިޑަން ކަށަވަރުކުރެއްވީ އިލެކްޓޯރަލް ކޮލެޖުން ހޯއްދަވަންޖެހޭ ޚާއްސަ ނަންބަރުކަމަށްވާ 270 ވޯޓު ފަހަނައަޅައި، މިހާތަނަށް 290 ހަމަކޮށްގެންނެވެ. އެގޮތުން އޭނާއަށް މި އަދަދު ކަށަވަރުވީ ޕެންސިލްވޭނިޔާ، ވިސްކޮންސިން އަދި މިޗިގަން ސްޓޭޓްފަދަ މުހިންމު ސަރަހައްދުތަކުން ކުރި ހޯދައިގެންނެވެ.
ބައިޑަންގެ ރިޔާސީ ރަނިންގމޭޓް އަދި އެމެރިކާގެ އާ ނައިބު ރައީސާއަކީ ކަމާލާ ހެރިސްއެވެ. އެކަމަނާ އަކީ އެމެރިކާގެ ފުރަތަމަ އަންހެން އަދި ކަޅު ނަސްލުގެ ނައިބު ރައީސާއެވެ. ކަމާލާ އަކީ މައިފުށުން އިންޑިއާއަށް ނިސްބަތްވާ ފަރާތެކެވެ.
އެމެރިކާގެ އިންތިޚާބީ ނިޒާމް ހަމަޖެހިފައިވާ ގޮތުން ރައީސްކަމުގެ މަގާމަށް ހޮވޭ ފަރާތެއް އައްޔަންކުރާނީ 538 އިލެކްޓަރުންގެ މައްޗަށް އެކުލެވޭ އިލެކްޓޯރަލް ކޮލެޖަކުންނެވެ.
މި އިލެކްޓޯރަލް ކޮލެޖް އެކުލެވިގެންވަނީ 435 ކޮންގްރެސް ރެޕްރެޒެންޓޭޓިވުން، 100 ސެނެޓަރުން އަދި ޑިސްޓްރިކްޓް އޮފް ކޮލަމްބިޔާގެ އިތުރު 3 އިލެކްޓަރުންގެ މައްޗަށެވެ. އެމެރިކާގެ ރައީސްކަމުގެ މަގާމަށް ހޮވޭ ފަރާތެއް ހޮވިގެންދާނީ މި އިލެކްޓޯރަލް ކޮލެޖްގެ ތެރެއިން އެންމެ ފުރަތަމަ މަދުވެގެން 270 ވޯޓު ހޯދައިގެންނެވެ.
މި އިންތިޚާބާ ގުޅޭ މުހިންމު ޚަބަރުތައް "ވޮއިސް"ގެ ފަރާތުން ގެނެސްދެމުންދާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists