އެމެރިކާގެ ނިންމުން 2020: މިއީ އެމެރިކާ އެއްބައިވަންތަ ވާންވީ ވަގުތުކަމަށް ބައިޑަން ވިދާޅުވެއްޖެ

07 Nov 2020 | 22:57

މިއީ އެމެރިކާ އެއްބައިވަންތަ ވާންވީ ވަގުތުކަމަށް އެގައުމުގެ 46ވަނަ ރައީސް ކަމުގެ މަގާމު ކަށަވަރުކުރައްވާފައިވާ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިކަން ޔަގީންވުމާއެކު މީޑިއާތަކަށް ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ.

އެމެރިކާގެ އިންތިޚާބީ ރައީސް ބައިޑަން ވިދާޅުވީ މީގެ ކުރިން ނުދެކޭފަދަ ހުރަސްތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގައި ރެކޯޑް އަދަދަކަށް މީހުން ނުކުމެ ވޯޓްލާފައިވާ ކަމަށެވެ. މިކަމުން ދައްކުވައިދެނީ އެމެރިކާގެ ހިތުގެ ފުނުގައި ޑިމޮކްރަސީގެ ވިންދު ޖަހާކަންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވީ ރިޔާސީ ކެމްޕޭން ނިމުމާއެކު، ރުޅިވެރިކަން ދޫކޮށް ގައުމެއްގެ ގޮތުގައި އެއްބައިވާންވީ ވަގުތު އައިސްޖެހިފައިވާ ކަމަށެވެ. އަދި މިއީ އެމެރިކާ އެކުވެރިވެ ރަނގަޅުވާންވީ ވަގުތުގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

"އަހަރެމެންނަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ. އަހަރެމެން އެކުގައި ކޮށްފިނަމަ ނުކުރެވޭނެ އެއްވެސް ކަމެއް ނެތް"، އެބޭފުޅާ ވިދާޅުވިއެވެ.

ރައީސްކަމުގެ މަގާމު ބައިޑަން ކަށަވަރުކުރެއްވީ އިލެކްޓޯރަލް ކޮލެޖުން ހޯއްދަވަންޖެހޭ ޚާއްސަ ނަންބަރުކަމަށްވާ 270 ވޯޓު ފަހަނައަޅައި، މިހާތަނަށް 290 ހަމަކޮށްގެންނެވެ. އެގޮތުން އޭނާއަށް މި އަދަދު ކަށަވަރުވީ ޕެންސިލްވޭނިޔާ، ވިސްކޮންސިން އަދި މިޗިގަން ސްޓޭޓްފަދަ މުހިންމު ސަރަހައްދުތަކުން ކުރި ހޯދައިގެންނެވެ.

ބައިޑަންގެ ރިޔާސީ ރަނިންގމޭޓް އަދި އެމެރިކާގެ އާ ނައިބު ރައީސާއަކީ ކަމާލާ ހެރިސްއެވެ. އެކަމަނާ އަކީ އެމެރިކާގެ ފުރަތަމަ އަންހެން އަދި ކަޅު ނަސްލުގެ ނައިބު ރައީސާއެވެ. ކަމާލާ އަކީ މައިފުށުން އިންޑިއާއަށް ނިސްބަތްވާ ފަރާތެކެވެ.

އެމެރިކާގެ އިންތިޚާބީ ނިޒާމް ހަމަޖެހިފައިވާ ގޮތުން ރައީސްކަމުގެ މަގާމަށް ހޮވޭ ފަރާތެއް އައްޔަންކުރާނީ 538 އިލެކްޓަރުންގެ މައްޗަށް އެކުލެވޭ އިލެކްޓޯރަލް ކޮލެޖަކުންނެވެ.

މި އިލެކްޓޯރަލް ކޮލެޖް އެކުލެވިގެންވަނީ 435 ކޮންގްރެސް ރެޕްރެޒެންޓޭޓިވުން، 100 ސެނެޓަރުން އަދި ޑިސްޓްރިކްޓް އޮފް ކޮލަމްބިޔާގެ އިތުރު 3 އިލެކްޓަރުންގެ މައްޗަށެވެ. އެމެރިކާގެ ރައީސްކަމުގެ މަގާމަށް ހޮވޭ ފަރާތެއް ހޮވިގެންދާނީ މި އިލެކްޓޯރަލް ކޮލެޖްގެ ތެރެއިން އެންމެ ފުރަތަމަ މަދުވެގެން 270 ވޯޓު ހޯދައިގެންނެވެ.

މި އިންތިޚާބާ ގުޅޭ މުހިންމު ޚަބަރުތައް "ވޮއިސް"ގެ ފަރާތުން ގެނެސްދެމުންދާނެއެވެ.

Advertisement

ކޮމެންޓް