ބިން ވިއްކުމާއި ރެސިޑެންޓް ވީޒާ: އެވަގުތެއްގެ ސިޔާސީ މަންފާއަށް "އޯކޭ" ވެގެންދާ ކަންކަން!

10 Nov 2020 | 13:22

ޒަމާނީ ޑިމޮކްރަޓިކް ވެއްޓެއްގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ބިންގާއަކީ އެ ޕާޓީއެއްގެ ފިކުރާ ސިޔާސަތުތަކެވެ. އެ ފިކުރާއި ސިޔާސަތުތަކަކީ އާންމު ފަރުދުން އެ ޕާޓީތަކަށް ތާއިދުކޮށް ނުވަތަ ވޯޓުލާންޖެހޭ މައިގަނޑު ސަބަބެވެ. ނަމަވެސް މިފަހަކަށް އައިސް ދިވެހިރާއްޖެއާ ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގެ ސިޔާސީ ޕާޓީތައް ފެންނަމުންދަނީ "ކަލްޓް"ތަކެއްގެ ގޮތުގައެވެ.

އެހެނީ، އެ ޕާޓީތަކާ ލީޑަރުން ކުރާ ކޮންމެ އަމަލަކަށް ދައްކާ ކޮންމެ ވާހަކައަކަށް އެއްވެސް ދެކޮޅު ހެދުމެއް ނެތި ބައެއް ފަރާތްތަކުން ރުހޭނެއެވެ. އެމީހުން ގޯސްކަމެއް ކުރިކަމުގައި ވިޔަސް، އެކަމަށްޓަކައި ހިތުގައި ތަސައްލީއެއް ހޯދުމަށް ކޮންމެވެސް އުޒުރެއް އުފައްދާނެއެވެ. ފަހަރެއްގައި އިންސާނީ ތަބިއްޔަތުގައި ކަން އޮންނަ ގޮތުން، ގޯސްވާ ކޮޅެއްގައި ހުންނަން ހިތް ނުރުހެނީއެވެ.

ސިޔާސީ ޕާޓީތަކުގެ އެންމެ "މަޖާ"ކަމަކީ ސިޔާސަތުތަކާ ފިކުރުތައް ބަދަލުކޮށްލާ މިންވަރު އަވަސްކަމެވެ. މީގެ މިސާލުތައް އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއިންވެސް ފެނެއެވެ.

2017ވަނަ އަހަރުގެ ކުރީކޮޅު އޭރުގެ އިދިކޮޅު ކޯލިޝަނުން އެންމެ އަޑުހަރުކޮށް ދެއްކި ވާހަކައަކީ ރައީސް ޔާމީންގެ ސަރުކާރުން ފ.އަތޮޅު ސައުދީ ޝާހީ އާއިލާއަށް ވިއްކާލަން އުޅޭ ވާހަކައެވެ. އެއަށްފަހު މުޅި ފ.އަތޮޅުގެ އާބާދީ ހުޅުމާލެއަށް ގެންދަން އުޅޭ ވާހަކައެވެ. އެކަމަށް ބާރުލިބިދޭ ވާހަކަތަކެއް އޭރުގެ ސަރުކާރުގެ ނުފޫޒުހުރި ފަރާތަކުން ދައްކަވާ އަޑު އިވޭ އޯޑިއޯ ކްލިޕެއް ލީކްވެސް ވިއެވެ. މިއާއި އެކު އިދިކޮޅު ކޯލިޝަނުން ސައުދީ އަރަބިއްޔާއަށް ފ.އަތޮޅު ވިއްކާލުމާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ފެށިއެވެ. އެކަން ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަމަށްވެސް އައެވެ. މި ހަރަކާތުގައި އިދިކޮޅުން ބުނަމުންދިޔައީ ދިވެހިރާއްޖޭގެ ކުޑަ މިންވަރެއްވެސް ބޭރުގެ ފަރާތަކަށް ދީގެން ނުވާނެކަމަށެވެ.

އެކަމަކު 2015ވަނަ އަހަރުގައި ދިވެހިރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭނެގޮތަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ފާސްކުރީވެސް އެ އިދިކޮޅުގެ މެންބަރުންގެ ވޯޓާއެކުގައެވެ. އޭރުވެސް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ބުނަމުންދިޔައީ ޒަމާނީ އިގްތިސާދީ ވެއްޓެއްގައި، ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީކުރުމަށް ބޭރުގެ ފަރާތަކަށް ބިން މިލްކުކުރެވޭނެގޮތް ހެދުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ކޮންމެ ގޮތަކަށްވިޔަސް، މި ސަރުކާރުން ވަނީ ވެރިކަމަށް އައުމަށްފަހު ބިން މިލްކުކުރެވޭގޮތަށް އޮތް އިސްލާހު މަޖިލިސް މެދުވެރިކޮށް ބާތިލްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ކޯޕަރޭޓް ރެސިޑެންޓް ވީޒާ ހޯދަން އިންވެސްޓްކުރަން ޖެހޭ އަދަދު ދަށްކޮށް، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 ޑޮލަރު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނާއި އަދި ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250،000 ޑޮލަރު އިންވެސްޓްކޮށް ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީ ފަރާތްތަކަށް ދެވޭ ހުއްދައެއްގެ ގޮތުގައި ކޯޕަރޭޓް ރެސިޑެންޓް ވީޒާ ވަނީ ބަދަލުކޮށްފައެވެ.

މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ދެވޭ ބާވަތުގެ ވީޒާއެކެވެ. ދިވެހިރާއްޖޭގައި މީގެކުރިންވެސް ދީފައިވާ ވީޒާއެކެވެ. ނަމަވެސް އާންމުންގެ ޝަކުވާއަކީ އެ ވީޒާ ލިބުމަށް ދޫކުރާ އަދަދު ވަރަށް ބޮޑަށް ދަށްކޮށްފައިވުމެވެ. އިދިކޮޅު ފަރާތްތަކުން މިކަމާ ގުޅޭގޮތުން ކުރާ ތުހުމަތަކީ މިއީ އިންޑިއާ މީހުން ދިވެހިރާއްޖޭގައި ގިނަކުރަން ރޭވިގެން ހިންގާ "ޖަރީމާ"އެއް ކަމަށެވެ. އެހެނަސް ސަރުކާރުން ބުނަނީ މިއީ އިންވެސްޓަރުން އިތުރުކުރެވޭނެ ގޮތެއް ކަމަށެވެ.

ހަގީގަތުގައި ބުނާނަމަ ބިން މިލްކުކުރެވުމާއި ރެސިޑެންޓް ވީޒާއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ހަމަ ކުރާ ކަމެކެވެ. އެކަންކަމަށް ދެކޮޅު ހަދާނެ ފަރާތްތައް އެގައުމުތަކުގައިވެސް ތިބޭނެއެވެ. އެހެނަސް ދިވެހިރާއްޖޭގައި ކަންކަމަށް ރުހުމާއި ނުރުހުން މި އޮންނަނީ ސިޔާސީ ފައިދާގެ މައްޗަށް ބިނާވެގެންނެވެ. އޭރަކު ވައިޖެހޭ މިސްރާބަކަށް ބުރަވެގެންނެވެ. ގައުމިއްޔަތާ މިނިވަންކަން ގެއްލެނީ ވަކިބަޔަކު ވަކިކަމެއް ކުރީމައެވެ. އެހެން ބުނުމުން އެކަމަށް އަތްޖަހާ ތާާއިދުކުރާ މީހުން ވަކި މަދެއްވެސް ނޫނެވެ. އެހެނަސް އާންމުން ހަނާވެ ފަނާވިޔަސް މި ވެރިންނަށް ކަހާތަން ހަމަ ހިރުވާވެސް ނުލަނީދޯއެވެ؟ އަމިއްލަ މަންފާއަށް މީހުން ހައްލާލަމުން އެއްކަލަ ސިޔާސީ ކަލްޓް ހިންގޭނަމަ ހުރިހާ ކަމެއްވެސް ހެެވެވެ.

Advertisement

ކޮމެންޓް